ސްރީނަގަރު، (ނޮވެމްބަރު 7):އިންޑިއާގެ ޖަމްމޫ އާއި ކަޝްމީރު ރައްޔިތުންގެ ތާއީދު ހޯދުމަށްޓަކައި، ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން އެ ސްޓޭޓަށް 80,000 ކްރޯޑް ރުޕީސްގެ (800،000 މިލިއަން ރުޕީސް) ފައިނޭންޝަލް ޕެކޭޖެއް ދެއްވާނޭ ކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ. މޯދީ ވިދާޅުވީ މިއީ ހަމައެކަނި ފައިނޭންޝަލް ޕެކޭޖެއް ނޫންކަމަށާއި މިއީ ތަރައްގީގެ ފެށުމެއް ކަމަށެވެ.

"80،000 ކްރޯޑް ރުޕީސްއަކީ އެހީގެ ފެށުމެއް. މަސައްކަތްތައް ފެށުމުން އަދި އިތުރު އެހީތައް ހަމަޖައްސައި ދޭނަން. އަޅުގަނޑު އުންމީދުކުރަނީ، މި ފައިނޭންޝަލް ޕެކޭޖް ބޭނުންކުރާނީ މުޅިން އާ، ވަރުގަދަ ކަޝްމީރު ސްޓޭޓެއް ބިނާކުރަންކަމަށް،" ސްރީނަގަރުގެ ޝޭރޭ ކަޝްމީރު ކްރިކެޓް ސްޓޭޑިއަމްގައި ވާހަކަފުޅުދައްކަވަމުން ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ.

ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވިފަހުން ކަޝްމީރު ވާދީއަށް ކުރައްވާ ހަތަރުވަނަ ޒިޔާރަތުގައި ކުރިއަށްދާ އާންމު އެއްވުމެއްގައި ބައިވެރިވެވަޑައިގެން، ޖަމްމޫއާއި ކަޝްމީރަށް މިހާރަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތުތައް ބޭނުންފައިވާކަން ފާހަގަކުރައްވައި މޯދީ ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި އެ ސްޓޭޓްގައި ތައުލީމީ ރަނގަޅު ޒުވާނުންތަކެއް އުފެދިފައިވާ ކަމަށެވެ.

"އެންމެ އިސްކަމެއް ދޭންޖެހޭ އެއްކަމަކީ ޖަމްމޫއާއި ކަޝްމީރުގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުން. ފާއިތުވި އަހަރުތަކުގައި ކަޝްމީރުގެ ޒުވާނުންވަނީ، އައިއައިޓީސް، އައިއައިއެމްސް، އައިއޭއެސް އިން ރަނގަޅު ނަތީޖާތަކެއް ހޯދާފައި. އަޅުގަނޑު މިހުރީ އެ ޒުވާނުުންނަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދޭން. ޕަރުވޭޒް ރަސޫލް ފަދަ ކަޝްމީރުގެ ހުނަރުވެރި ޒުވާނުންނަށް ޓަކައި ހުރިހައި ކަމެއް ކޮށްދޭން އަޅުގަނޑު ތައްޔާރު،" މޯދީ ވިދާޅުވިއެވެ.

މޯދީ ވިދާޅުވީ، ކަޝްމީރު ތަރައްގީވާން ޖެހޭނީ އިންސާނިއްޔަތާއި ޑިމޮކްރަސީގެ އަސާސްގެ މައްޗަށް ކަމަށާއި، އިސްލާހުގެ މަސައްކަތްތައް ފުޅާދާއިރާއެއްގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ކަޝްމީރު އަދިވެސް ކުރިއެކޭ އެއްގޮތަށް ވިދާލާނެކަމަށް އުންމީދުކުރަން،" މޯދީ ވިދާޅުވިއެވެ.

ބައިނަލްއަގްވާމީ ކްރިކެޓް މެޗުތައް ކަޝްމީރުގައި އަލުން ކުޅެންފަށާނޭކަން ސަމާލުކަމަށް ގެންނެވުމުގެ ގޮތުން މޯދީ ވިދާޅުވީ، "ވިރެންދަރު ސެވާގު އާއި ސަޗިން ޑެންޑުލްކަރު ފަދަ ކުޅުންތެރީން، ޕާކުން ބޭރަށް ބޯޅަ ފޮނުވާލީ ކަޝްމީރުގައި ތައްޔާރުކޮށްފައިވާ ބެޓް ބޭނުންކޮށްގެން" ކަމަށެވެ.

މޯދީ މި ވާހަކަފުޅުތައް ވިދާޅުވިތާ މާކަ ގިނައިރުތައް ނުވަނީ، ކަޝްމީރުގެ ސިޔާސީ ޕާޓީއެއްކަމަށްވާ، ނޭޝަނަލް ކޮންފަރެންސްގެ ލީޑަރު އުމަރު އަބްދުﷲ ވަނީ، ފައިސާ ބޭނުންކޮށްގެން ކަޝްމީރުގެ މައްސަލަތަކަށް ހައްލެއް ހޯދިދާނޭކަމަށް މޯދީ ދެކެވަޑައިގަތުމަކީ ވަރަށްބޮޑު ކުށް ހީއެއްކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވައިފައެވެ.

ޖަމްމޫ އާއި ކަޝްމީރަށް ބޮޑުވަޒީރު މޯދީ ކުރައްވާ މި ޒިޔާރަތުގައި، 450 މެގަވޮޓްގެ ބަގްލިހާރު ހައިޑްރޯ އިލެކްޓްރިކް ޕްރޮޖެކްޓް އިފްތިތާހުކޮށްދެއްވުމާއި، އުދަމްޕޫރު-ރަމްބަން އަދި ރަމްބަން-ބަނިހަލް ނޭޝަނަލް ހައިވޭގެ ބިންގާ އަޅުއްވައިދެއްވަވާނެއެވެ.

މައުލޫމާތު:އިންޑިއާގެ ނޫސްތަކުން