03 Apr 2011, 10:39
ރޯމް : ހަނަފަސްކަމާއި ކާބޯތަކެތީގެ އަގުތައް ބޮޑުވުމާއި ދާޚިލީ ހަނގުރާމަތަކުގެ ސަބަބުން އެފްރިކާގެ ދަޅުގެ ޤައުުމުތަކުގައި 5 މިލިޔަން މީހުން ހައިހޫނުކަން ތަޙައްމަލްކުރަން ޖެހިފައިވާކަމަށް އދ. ން ބުނެފިއެވެ.
އދ. ން ހިންގާ ވޯލްޑް ފުޑް ޕްރޮގްރާމްގެ މަސްއޫލުވެރިއެއް ކަމަށްވާ ޖޯޒެޓް ޝިރާޓް ވިދާޅުވީ ހައިހޫނުކަން ތަޙައްމަލްކުރާ ޙާލަތުގައިތިބި 5 މިލިޔަން މީހުންތިބީ އެރިޓްރިޔާ، އިތިއޮޕިޔާ، ޖިބޫތީ، ސޮމާލިޔާ އަދި ކެންޔާގައެވެ.
ދަނޑުވެރިކަމާއި ކާބޯތަކެއްޗާބެހޭ އދ. ގެ ޖަމްޢިއްޔާ (އެފް.އޭ.އޯ) ގެ ސެކްރެޓަރީ ޖެނެރަލް ޖެކް ޟުޔޫފްވެސްވަނީ މިސަޙައްދުގެ ޤައުމުގެ ތަކުގެ އެތަށް މިލިޔަން ބަޔަކު ބަނޑަށްޖެހިގެން ފުރާނައަށް ނުރައްކާވާ ޙާލަތުގައި ތިބިކަމުގެ އިންޒާރުދެއްވައި މިޤައުމުތަކަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމްތަކަށް އެހީދިނުމަށް ދުނިޔޭގެ ޤައުމުތަކަށް ގޮވާލައްވާފައެވެ.
2007 ވަނައަހަރާއި 2008 ވަނަ އަހަރުގައިވެސް މިޤައުމުތަކަށާއި އެފްރިކާގެ އިތުރު ޤައުމުތަކަކަށް ކާބޯތަކެތީގެ ދަތިކަމުގެ މައްސަލަތަކެއް ދިމާވެ އެތަށް މިލިޔަން ބަޔަކު ބަނޑަށްޖެހި ބައެއްމީހުން ހައިހޫނުކަމުގައި މަރުވެފައިވެއެވެ.
ދަނޑުވެރިކަމާއި ކާބޯތަކެއްޗާބެހޭ އދ. ގެ ޖަމްޢިއްޔާ (އެފް.އޭ.އޯ) ގެ ދިރާސާތައް ބުނާގޮތުން ހައިހޫނުކަން ތަޙައްމަލްކުރާ މީހުންގެ ނިސްބަތް 2015 ވަނަ އަހަރާ ހަމައަށްދާއިރު ދެބައިކުޅައެއްބަޔަށް ދަށްކުރުމަށް 2000 ވަނަ އަހަރު ދުނިޔޭގެ ލީޑަރުން އދ. ގައި ބައްދަލުކުރައްވައި އެކަށައެޅުއްވި ސާސްކަފް ލަނޑުދަނޑި ޙާސިލް ކުރުމަކީ މުސްތަހީލް ކަމެކެވެ.
2009
ް ވަނަ އަހަރުވެސް ދުނިޔޭގެ ކަންކޮޅުތަކުގައި ބަނޑަށްޖެހޭ ޙާލަތުގައި 963 މިލިޔަން މީހުން ތިބިއިރު ބަޑަށްޖެހޭ މީހުންގެ ނިސްބަތް ދެބައިކުޅަ އެއްބަަޔަށް ދަށްވުމުގެ ބަދަލުގައި މިނިސްބަތް އިތުރުވެގެންދާނެ ކަމަށް އެހެން ރިޕޯޓްތައް ބުނެއެވެ. (އެސޯސިއޭޓެޑް ޕްރެސް)