07 Nov 2015, 15:06
އިންޑީއާގެ ބަހެއްގައި ހުކުރު ދުވަހު ދަތުރު ކުރި 19 އަހަރުގެ އަންހެން ނަރުހަކު ރޭޕް ކޮށްފި އެވެ.
އެ ހާދިސާ ހިނގާފައި ވަނީ އިންޑިއާގެ ބެންގަލޫރާ 35 ކިލޯމީޓަރު ދުރުގައި އޮތް ސަރަހައްދެއްގައި ކަމަށް އިންޑިއާގެ ފުލުހުން ބުންޏެވެ.
"އަންހެން ކުއްޖާ ބުނެފައިވާ ގޮތުގައި ހާދިސާ ހިނގާފައި ވަނީ ގަނޑިން 7.30 އާއި 8.00 ކާ ދޭތެރޭގެ ވަގުތެއްގައި. އޭރު ބަހުގައި ހުރި ހަމައެކަނި ފަސިންޖަރަކީ އެކުއްޖާ. ބަސް ދުއްވަން ހުރި މީހާ ބަހުގެ މިސްރާބު ބަދަލު ކުރުމަށް ފަހު ބަސް ސާފު ކުރާ މީހާއަށް ބަހުގެ ހުންގާނު ދިނީ. ދެން އަންހެން ކުއްޖާ ރޭޕްކުރީ،" ބެންގަލޫރު ރޫރަލްގެ ސުޕްރިޓެންޑެންޓު އޮފް ޕޮލިސް ބީ ރާމޭޝް ވިދާޅުވި އެވެ.
ރާމޭޝް ވިދާޅުވި ގޮތުގައި އަންހެން ކުއްޖާ އެންމެ ފުރަތަމަ ކަންތައްވީ ގޮތް ކިޔައި ދިނީ އެ ކުއްޖާ ނަރުހަކަށް ހުންނަ ހޮސްޕިޓަލުގެ ޑޮކްޓަރަކަށެވެ.
ހާދިސާ ތަހުގީގު ކުރުމަށް ޓަކައި ބަސް ދުއްވާ މީހާއާއި ބަސް ސާފު ކުރާ މީހާ ވަނީ ހައްޔަރު ކޮށްފަ އެވެ.
ޑިސެމްބަރު 2012ގައި އިންޑިއާގެ ގޭންގަކުން ރޭޕް ކުރުމަށް ފަހު ހަމަލާދިން 23 އަހަރުގެ އަންހެން ކުއްޖާ މަރުވުމުން ދުނިޔޭގެ އެތައް ގައުމަކުން ވަނީ އިންޑިއާގެ ރޭޕްއާ ގުޅޭ ގާނޫނުތައް ހަރުދަނާ ކުރުމަށް ގޮވާލާފަ އެވެ. އެ ހާދިސާ ވެސް ހިނގާފައި ވަނީ ބަހެއްގަ އެވެ.