ޔޫރޮޕާ ލީގުގައި ކުޅުނު މެޗުތަކުން ޓޮޓެންހަމް އާއި ލިވަޕޫލް މޮޅުވެއްޖެ އެވެ. ލިވަޕޫލް މެޗް ކާމިޔާބު ކުރީ ރުބިން ކަޒާންއާ ބައްދަލުކުރި މެޗުން 0-1 ގެ ނަތީޖާއިންނެވެ. ޓޮޓެންހަމް ކުޅުނު މެޗުން 2-1 އިން އެންޑަލެކްޓް ބަލިކޮށް އެޓީމް ވަނީ ގްރޫޕް ޖޭގެ އެއް ވަނަ އަށް ވަނީ އަރައިފަ އެވެ.

އެ މޮޅާ އެކު ލިވަޕޫލް އޮތީ، ގްރޫޕް ބީގެ ދެވަނައިގައި 6 ޕޮއިންޓާއެކީގަ އެވެ. އެއްވަނައިގައި އަށް ޕޮއިންޓާއެކީ ސިޔޯން އޮތް އިރު، ގްރޫޕްގެ ތިންވަނައިގައި ތިން ޕޮއިންޓާ އެކީ އޮތީ ބޯޑޯ އެވެ. ދެ ޕޮއިންޓާއެކީ ގްރޫޕްގެ ފުލުގައި އޮތީ، ރުބިން ކަޒާން އެވެ.

ރުބިން ކަޒާން ކޮޅަށް ލިވަޕޫލްގެ ހަމައެކަނި ލަނޑު މެޗުގެ ދެ ވަނަ ހާފްގައި ކާމިޔާބުކޮށް ދިނީ ޒުވާން މިޑްފީލްޑަރު ޖޯޑަން އައިބް އެވެ. މިއީ އޭނާ ލިވަޕޫލަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. މި މެޗުގައި ލިވަޕޫލަށް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ވަނީ ބޭކާރުވެފަ އެވެ.

ލިވަޕޫލްގެ ގޯލް ޖޯޑަން އައިބް ކާމިޔަބް ކުރުމަށް ފަހު އެ ޓީމްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ --- ފޮޓޯ:އޭޕީ

ގްރޫޕް ސްޓޭޖުގައި ލިވަޕޫލްއިން ދެން ބައްދަލުކުރާނީ ބޯޑޯއާ އެވެ. މި މަހުގެ 26 ވަނަ ދުވަހު ލިވަޕޫލްގައި ދަނޑުގައި ކުޅޭ އެ މެޗުން، ލިވަޕޫލް މޮޅުވެއްޖެ ނަމަ ގްރޫޕް ސްޓޭޖުގައި ބާކީ އެއް މެޗު އޮއްވައި އެ ޓީމު މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރާނެ އެވެ.

ޓޮޓެންހަމް އަށް ރޭގެ މެޗުން ލީޑު ނަގައިދިނީ ފުރަތަމަ ހާފްގައި ހެރީ ކޭން އެވެ. ދެ ވަނަ ހާފްގައި އެންޑަލެކްޓަށް އިމޯ އެޒެކިއެލް ނަތީޖާ ހަމަހަމަ ކޮށްދިން ނަމަވެސް ޓޮޓެންހަމް މޮޅުކޮށްދިނީ މެޗުގެ ފަހު ވަގުތު މޫސާ ޑެމްބެލޭ އެވެ.

އެ މޮޅާއެކީ ޓޮޓެންހަމް އޮތީ، ގްރޫޕް ޖޭގެ އެއްވަނައިގައި ހަތް ޕޮއިންޓާއެކީގަ އެވެ. ދެވަނައިގައި ހަ ޕޮއިންޓާއެކީ މޮނާކޯ އޮތްއިރު، ތިންވަނައިގައި ހަތަރު ޕޮއިންޓާއެކީ އޮތީ އަންޑަލެހްޓް އެވެ. ގްރޫޕްގެ ފުލުގައި ހަތަރު ޕޮއިންޓާއެކީ އޮތީ، ގަރަބަގް އެވެ.