07 Nov 2015, 12:51
ދިވެހި ފިލްމު "އަހުޝަމް" ރޭ އޮލިމްޕަހުގައި ޕްރިމިއާކޮށްފި އެވެ.
ރާއްޖޭގެ މަޝްހޫރު ފިލްމީތަރި އަލީ ސީޒަން ޑައިރެކްޓުކުރި އެ ފިލްމު ފެށުމަށް ރޭ ފުރަތަމަ ހަމަޖެހިފައި އޮތީ 9:00ގަ އެވެ. ނަމަވެސް ފުލުހުން އެ ފިލްމު ބަލައި ޗެކްކުރަން ބޭނުންވާތީ އެ މަސައްކަތް ނިމެންދެން ފިލްމުބަލަން ދިޔަ މީހުންޖެހުނީ މަޑުކޮށްލާށެވެ.
ޖުމްލަ 1.5 މިލިއަން ރުފިޔާ ހޭދަކޮށްގެން ޑައިރެކްޓްކުރި އެ ފިލްމު ޕްރިމިއާކޮށްފައި ވަނީ، އެ ފިލްމު ޕްރިމިއާކުރުމުގެ ގޮތުން ބާއްވަން ރޭވި ހަރަކާތްތަކާނުލަ އެވެ.
ރޭ 10:30 އެހައިކަންހާ އިރު އެޅުވި ފިލްމު ނިމުނީ ދަންވަރު 1:30 ގައެވެ.
ޕޮލިސް އިންޗާޖެއްގެ ހުރި ސާބިތުކަން ދައްކުވައިދޭ މޮޅެތި މަންޒަރުތަކެއް އެ ފިލްމުން ފެނިގެންދެ އެވެ.
ދިވެހި މުޖުތަމައުގައި ސިޔާސީ އޮއިވަރު ފެތުރިފައިވާ ގޮތް އެ ފިލްމުން ދައްކުވައިދެ އެވެ.
އިންތިޚާބުތަކުގައި އެކިއެކި ކެންޑިޑޭޓުން ރިޝްވަތު ދެމުންދާ ކަމަށާއި އަދި ފަނޑިޔާރުންނާ ގުޅޭ ގޮތުން ކުރެވޭ އެކި ތުހުމަތުތަކާ ގުޅޭ ގޮތުން އެ ފިލްމުގައި މަންޒަރުތަކެއް ކުޅެފައިވެ އެވެ.
އެ ފިލްމުގެ ޑައިރެކްޓަރު އަލީ ސީޒަން ބުނީ އެ ފިލްމުގައި ދައްކުވައިދެނީ ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ އިންޗާޖަކަށް އުޅޭ ފުލުހެއްގެ ޒިންމާ ކަމަށެވެ. އެ ފިލްމު ޝޫޓުކޮށްފައި ވަނީ ވެސް ކުޅުދުއްފުށީގަ އެވެ.
އެ ފިލްމް ވީޑިއޯކޮށްފައި ވަނީ ވެސް މިހާތަނަށް ރާއްޖޭގައި ފިލްމެއް ޝޫޓުކޮށްފައިނުވާ ފަދަ މޮޅު ގޮތްތަކަކަށެވެ. އެގޮތުން ވީޑިއޯ ކުރުމުގައި ޑްރޯން ވެސް ބޭނުންކޮށްފައިވެ އެވެ.
ސީޒަން ބުނީ އޭނާ އަށް އެންމެ ބޮޑަށް ފާހަގަކުރެވުނީ ފިލްމުގައި ބޭނުންކޮށްފައިވާ ސްޓަންޓުތައް ކަމަށެވެ. އެގޮތުން ޕޮލިސް ޖިޕް 40 ފޫޓަށް ވިއްސައިގެންދާ ސްޓަންޓަށް އެކަނިވެސް ލައްކައަކަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވާ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ބޭނުންވި ލަނޑުދަނޑިއާ ހަމައަށް މިހާރު ދެވިއްޖެ ކަމަށެވެ.
"އަޅުގަނޑު ހަމަގައިމު ވެސް އެޗީވްކޮށްފިން އަޅުގަނޑު ބޭނުންވި ކޯލަށް. އެއީ ވަރަށް ވަރަށް ވަރަށް ބޮޑަށް ރީތިވެގެން ހުރިހާ ބޭފުޅުން ވެސް އެ ވާހަކަދެއްކީމާ އެވަނީ އަޅުގަނޑުމެން ބޭނުންވާ ކަންތައް ކުރެވިފައި،" ފިލްމަށް ފަހު މީޑިއާއަށް މައުލޫމާތު ދެމުން ސީޒަން ބުންޏެވެ.
އެފިލްމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިއްޖެ ކަމަށާއި ވީހާ ވެސް ގިނަ ރަށްތަކެއްގައި ފިލްމު އެޅުވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ސީޒަން ބުންޏެވެ.
"އަހުޝަމް"ގެ ތަރިން ވެސް ތިބީ އެ ފިލްމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ.
"ދެން އަޅުގަނޑަކަށް ނޭނގެ ބުނާނެ އެއްޗެއް. ބުނާނީ މިއީ މިހާތަނަށް ރާއްޖޭގައި ހެދި ނަންބަރުވަން ފިލްމޭ،" ފިލްމުގެ ތަރި ޒީނަތު އައްބާސް ބުންޏެވެ.