07 Nov 2015, 12:37
މިސްރުގެ ސައިނާ އަށް ވެއްޓުނު ރަޝީއާގެ މަތިންދާބޯޓު ވެއްޓިފައި ވަނީ ބޮމުގެ ހަމަލާއެއްގެ ސަބަބުން ކަމަށް ލަފާކުރެވިފައި ވާތީ ރަޝިއާ އިން މިސްރަށް ކުރާ ހުރިހާ ފްލައިޓްތައް ހުއްޓާލައިފި އެވެ.
ހުކުރު ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވަނީ މިސްރުގައި ތިބި ރަޝިއާގެ 50،000 ފަތުރުވެރިން އަނބުރާ ގައުމަށް ގެނައުމަށް އެދިފަ އެވެ.
އިނގިރޭސިވިލާތުން ވެސް ވަނީ މިސްރަށް ދާން އޮތް ހުރިހާ ފްލައިޓް ކެންސަލް ކުރުމަށް ފަހު މިސްރުގައި ތިބި އެ ގައުމުގެ ފަތުރުވެރިން ގައުމަށް ގެނައުމުގެ މަސައްކަތް ފަށައިފަ އެވެ.
އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރިއްޔާ އިން ކުރިއަށް ގެންދާ ތަހުގީގުތަކުން އެނގިފައިވާ ގޮތުގައި މަތިންދާބޯޓު ވެއްޓިފައި ވަނީ ބޯޓުގެ އެތެރޭގައި ބޮމެއް ގޮވުމުގެ ސަބަބުންނެވެ.
ރަޝިއާގެ މެޓްރޯޖެޓް އޭ321 ވެއްޓިފައި ވަނީ ރެޑް ސީގައި އޮންނަ ރިސޯޓު ރަށެއް ކަމަށްވާ ޝަރުމުއް ޝައިހުން ސެއިންޓް ޕީޓާސްބާގަށް ހޮނިހިރު ދުވަހު ދަތުރުކުރަމުން ދަނިކޮށް މިސްރުގެ ސައިނާ އަށެވެ. އެ ހާދިސާގައި ބޯޓުގައި ތިބި 224 މީހުން ވަނީ މަރުވެފަ އެވެ.
މިސްރަށް ދާ ފަތުރުވެރިންގެ ތެރެއިން 30 ޕަސެންޓް ފަތުރުވެރިންނަކީ ރަޝިއާގެ ފަތުރުވެރިން ކަމުން، އެ ގައުމުގެ ފަތުރުވެރިން މިސްރަށް ދިޔުން ހުއްޓުވުމަކީ މިސްރުގެ އިގްތިސާދަށް އިންތިހާއަށް ގެއްލުން ލިބޭނެ ކަމެކެވެ.
މި ދުވަސްވަރަކީ ޔޫރަޕްގެ ގައުމުތަކަށް އަންނަ ފިނި މޫސުމުން ސަލާމަތްވުމަށް އެ ގައުމުތަކުގެ ރައްޔިތުން މިސްރު ފަދަ ހޫނު ގައުމުތަކަށް ޗުއްޓީ ހޭދަ ކޮށްލުމަށްޓަކައި އެންމެ ގިނައިން ދަތުރުކުރާ ދުވަސްތަކެވެ. ނަމަވެސް އެ ހާދިސާ ގެ ސަބަބުން މިސްރުގެ އިގްތިސާދާށް މިފަހަރު ލިބޭނީ ގެއްލުމެވެ.
މައުލޫމާތު: ބީބީސީ