ސަސްޕެންޑުކޮށްފައި ތިބޭ ގާނޫނީ ވަކީލުންނަށް ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހުންނާ ބައްދަލުނުކުރެވޭނެ ކަމަށް ފުލުސް އޮފީހުން ބުނެފި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ މިއަދު ސަން އަށް ވިދާޅުވީ ގާނޫނީ ވަކީލުކަމުން ސަސްޕެންޑުކޮށްފައިވާ މީހުންނަށް ބަންދުގައި ތިބޭ މީހުންނާ ބައްދަލުކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.

އެގޮތުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ ގާނޫނީ ވަކީލު ހުސައިން ޝަމީމަށް އެމަނިކުފާނާ ބައްދަލުކުރުމުގެ ފުރުސަތުދީފައިނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ޝަމީމް ސަސްޕެންޑުކޮށްފައި ވަނީ އޭނާއާ ގުޅޭ ގޮތުން ހުށަހެޅިފައިވާ މައްސަލައެއް އެ ކޯޓުން ބަލަމުންދާތީ މައްސަލަ ބަލައިނިމެންދެނެވެ.

އެކަމާ ގުޅޭ ގޮތުން ޝަމީމް ވިދާޅުވީ އޭނާ އަކީ ކުށެއް ކުރި މީހެއް ނޫން ކަމަށާއި ސުޕްރީމް ކޯޓަށް ހާޒިރުވެ އެ ކޯޓުންކުރާ ކޮންމެ ސުވާލަކަށް ފުރިހަމައަށް ޖަވާބުދާރީވާން އެނާ ހުންނެވީ ތައްޔާރަށް ކަމަށެވެ.

ޝަމީމް ވިދާޅުވީ އޭނައާ ގުޅޭ ގޮތުން ބަލަމުން އަންނަނީ ނިއުސްކޮންފަރެންސްތަކުގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ކަމަށާއި އެ ވާހަކަތަކަކީ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ކަމުގައި ހުންނެވި އިރު ވެސް ނިއުސްކޮންފަރެންސްތަކުގައި ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ. އެހެންކަމުން އޭރު އެ މައްސަލަ ނުބަލައި މިހާރު މައްސަލަ ބައްލަވާތީ ޝަމީމް ވަނީ އެކަމާ ސުވާލު އުފައްދައިފަ އެވެ.