ނ. މާފަރުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ހަ މީހަކާއި 18 އަހަރު ނުވާ ކުޑަ ކުއްޖަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ނ. އަތޮޅަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ބޭނުންކޮށް ވިޔަފާރިކުރާ ފަރާތްތައް ހޯދުމަށް އެއަތޮޅު މަނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެ ހަތް މީހުން ހައްޔަރުކޮށްފައި ވަނީ، މިދިޔަ ބުދަ ދުވަހު ހެނދުނު މާފަރަށް ގޮސް މަސްތުވާތަކެތި ގެންގުޅުނު ކަމަށް ޝައްކުކުރެވޭ ދެ ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އޭގެތެރެއިން އެއް ގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ކުދި ރަބަރު ޕެކެޓު ފެނިފައިވާއިރު، ހައްޔަރު ކުރެވުނު ހަތް މީހުންގެ ތެރެއިން ދެ މީހުން އެވަގުތު އެގޭގައި ތިބިކަމަށް ފުލުހުން ބުންޏެވެ. އަދި ދެން ފާސްކުރި ގެއިން ފަސްމީހުން ހައްޔަރު ކުރިއިރު އެ ގޭތެރެއިން މަސްތުވާތަކެތި ބަންދުކުރާ ސާމާނާއި މަސްތުވާތަކެތި ބޭނުންކުރުމަށް ބޭނުންކުރާ ސާމާނު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

"މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ނ. މާޅެންދޫއަށް ނިސްބަތްވާ 23 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ދެެ މީހުންނާއި ނ. މާފަރަށް ނިސްބަތްވާ 21 އަހަރުގެ މީހަކާއި ޅ. ހިންނަވަރަށް ނިސްބަތްވާ 23 އަހަރުގެ ފިރިހެނަކާއި 18، އަހަރުގެ ފިރިހެނަކާއި އަދި 18 އަހަރު ނުފުރޭ ކުޑަކުއްޖެއް،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، މަސްތުވާތަކެތީގެ މައްސަލައިގައި މާފަރުން ހައްޔަރުކުރި ހަތް މީހުންގެ ކުޑަކަމުދާތަކެތި ނަގައި ޓެސްޓް ކުރުމުން އެ އެންމެންގެވެސް ކުޑަކަމުދާތަކެތި މަސްތުވާތަކެތީގެ ތަފާތު ބާވަތްތަކަށް ޕޮޒިޓިވް ކަމަށެވެ.

އެ ހަތް މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން 26 އަހަރުގެ މީހަކަށާއި 21 އަހަރުގެ މީހަކަށް ހަތް ދުވަހުގެ މުއްދަތު ދީފައިވާއިރު 23 އަހަރުގެ ދެމީހުންނަށާއި 18 އަހަރުގެ މީހާއަށާއި 26 އަހަރުގެ މީހާއަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށާއި 18 އަހަރުން ދަށުގެ ކުޑަކުއްޖާއަށް 15 ދުވަހުގެ ގޭބަންދުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ، މަނަދޫ ޕޮލިސް ސްޓޭޝަނުގެ އޮޕަރޭޝަން ޓީމާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން އިތުރަށް ކުރެވުނު މަސައްކަތުން، މާފަރު ގޮނޑުދޮށުގައި ވަޅުލައިފައި އޮތް ސިނގިރޭޓް ފޮއްޓެއްތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 162 ކުދި ރަބަރު ޕެކެޓްވަނީ ހޯދާފައިވާ ކަމަށެވެ.

އެ މައްސަލަތައް މަނަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން ގެންދާކަމަށް ވެސް ފުލުހުން ބުންޏެވެ.