ވޮޝިންޓަން : އެމެރިކާގެ ހައްދުފަހަނަޅާފައިވާ ނަސާރާ ފާދިރީއަކު، މުސްލިމުންނަށް ޖެއްސުންކޮށް މުސްލިމުން ރުޅިއެރުވުމަށްޓަކައި ކީރިތި ޤުރްއާނުގެ ކޮޕީއެއް އެންދި ޖަރީމާ އެމެރިކާގެ ރައީސް ބަރަކް އޮބާމާ ކުށްވެރިކުރައްވައިފި އެވެ.

ވައިޓްހައުސް އިން ނެރުނު ބަޔާނެއްގައި އޮބާމާ ވިދާޅުވީ ކީރިތި ޤުރްއާނުގެ ކޮޕީއެއް ވެސް އަދި މުޤައްދަސް އެހެންފޮތެއްގެ ކޮޕީއެއް ވެސް އެންދުމަކީ ތަހުޒީބު ދުނިޔޭގެ ކަމެއްނޫން ކަމަށާއި އެއީ ނާތަހުޒީބާއި ތަޢައްސުބާއި ނަފްރަތާއި ޙަސަދައިގެ ޢަމަލެއް ކަމުގަ އެވެ. މިޖަރީމާ އަށް ރުޅިވެރިކަން ފާޅުކުރުމުގެ ގޮތުން އަފްޣާނިސްތާނުގެ ހަރުކަށި ބަޔަކު ހިިންގި ހުޅަނގުގެ ދެމީހެއްގެ ބޯކަނޑާލުމުގެ ޖަރީމާ ވެސް ކުށްވެރި ކުރައްވައި މިއީ އެއްވެސް ދީނެއް ހުއްދަކުރާނެ ކަމެއްނޫންކަމަށް އޮބާމާ ވިދާޅުވި އެވެ.

ކީރިތި ޤުރްއާން އެންދުމުގެ ޖަރީމާތަކަކީ މުސްލިމުން ރުޅިއަރުވައި މުސްލިމުންގެ ތެރޭގައި އުޅޭ ބައެއް ހަރުކަށިމީހުން ލައްވައި ހަރުކަށި ޢަމަލުތައް ހިންގުމުގެ ނުބައި މަޤްސަދްގައި، އިސްލާމްދީނާ މެދު ޙަސަދަވެރިވާ އެމެރިކާގެ ހަރުކަށި ފާދިރީން ތަކުރާރުކޮށް ކުރަމުން އަންނަކަމެކެވެ.

ކީރިތި ޤުރްއާނުގެ ކޮޕީ އެންމެފަހުން އެންދީ މިދިޔަ މާޗު މަހުގެ 20 ވަނަ ދުވަހު އެމެރިކާގެ ހަރުކަށި ފާދިރީއެއް ކަމަށްވާ ޓެރީ ޖޯންޒެވެ. މިކަމާދެކޮޅަށް އަފްޣާނިސްތާނުގެ ރައްޔިތުން ކުރި އިޙްތިޖާޖްތަކުގައި ހުޅަނގުގެ ދެ މީހެއްގެ ބޯ ބުރިކޮށް އދ.ގެ މުވައްޒަފުންގެ ތެރޭގައި ހިމެނޭ އިތުރު ފަސްމީހަކު މަރާލާފައިވެ އެވެ.

އެމެރިކާ ސިފައިން އަފްޣާނިސްނަށް ޙަމަލާދީ ކުށެއްނެތް ޢާންމުން މަރަމުން ގެންދާގޮތަށް މި އިޙްތިޖާޖްތަކުގައި އަފްޣާނިސްތާން މީހުންވެސް މަރާލީ ހުޅަނގުގެ ކުށެއްނެތް ބައެއް ކަމަށް މުރާސިލުން ބުނެއެވެ (އަލްޖަޒީރާ)