21 Apr 2010, 12:00
14:30
މުވައްޒަފުންނާ ގުޅުންހުރި ފަރާތަކުން ހިދުމަތް ހޯދާނަމަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ހުއްދަ ހޯދުމަށް ސަރުކާރުގެ އޮފީސް ތަކަށް އެކޮމިޝަނުން އަންގައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން ނުވަތަ އޭސީސީން ބުނީ ދައުލަތުގެ ތަންތަނުން އެތަނެއްގެ މުވައްޒަފަކާ ގުޅުންހުރި ވިޔަފާރިއަކުން، އެތަނަކަށް އެއްޗެއް ގަންނަންވާނީ ނުވަތަ ޚިދުމަތެއް ހޯދަންވާނީ އެންޓި ކޮރޮޕްޝަން ކޮމިޝަނުގެ ހުއްދަ, ލިޔުމަކުން ލިބުމަށް ފަހުގައި ކަމަށް ,ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި އެގަވައިދާ އެއްގޮތަށް ޢަމަލުކުރުމަށް އިތުރަށް ސަމާލުކަން ދިނުމަށް މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ސާރކިއުލާއަކުން ހުރިހާ އިދާރާތަކަށް އަންގާފައިވާނެ ކަމަށް ވެސް އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ އެތަނެއްގެ މުވައްޒަފަކާ ގުޅުންހުރި ތަނެއް ނުވަތަ ކުންފުންޏެއް ކަމުގައި ބެލޭނީ އެތަނެއްގެ މުވައްޒަފަކު ވަޒީފާ އަދާކުރާ ނުވަތަ ތަނުގެ މުވައްޒަފަކު ހިންގާ ނުވަތަ ބައިވެރިވާ ނުވަތަ މުވައްޒަފަކާ އާޢިލީ ގޮތުން ގުޅުންހުރި ބައެއްގެ ތަނެއް، ނޫންނަމަ އެފަދަ ބައެއްގެ ކުންފުންޏެއް ކަމުގަ އާއި މުވައްޒަފަކާ ޢާއިލީ ގޮތުން ގުޅުންހުރި ފަރާތްތައް ކަމުގައި ބެލެނީ އެމުވައްޒަފެއްގެ މައިންބަފައިންނާއި އަނބީން ނުވަތަ ފިރިންނާއި ދަރިންކަމުގައި ވެސް އެސާރކިއުލާގައިވާ ކަމަށެވެ.