ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ހަބްރޫން ސަރަހައްދުގައި ހުރި ޕެޓްރޯލް ސްޓޭޝަނަކަށް ހުކުރު ދުވަހު ދިޔަ 72 އަހަރުގެ ތައުރަތް އަލް ޝަރާވީ ކިޔާ މީހެއްގެ ގަޔަށް އިސްރާއިލް ސިފައިން ފަބަޑި ޖަހައި އެ އަންހެންމީހާ މަރާލައިފި އެވެ.

އިސްރާއިލް އަސްކަރިއްޔާ އިން ބުނިގޮތުގައި ޝަރާވީގެ ގަޔަށް ބަޑި ޖަހާފައި ވަނީ އިސްރާއީލްގެ ސިފައިންނާ ދިމާލަށް ކާރު ދުއްވާފައި ދިޔުމުން ކަމަށެވެ.

ނަމަވެސް ޝަރާވީގެ އާއިލާއިން ބުނީ އޭނާ އެ ސްޓޭޝަނަށް ދިޔައީ ކާރަށް ޕެޓްރޯލް އަޅަން ކަމަށެވެ.

ޝަރާވީ އަކީ އިސްރާއިލް ފުލުހުން ހުކުރު ދުވަހު މަރާލި ދެ ވަނަ މީހާ އެވެ.

ޣައްޒާގައި އޮންނަ އިސްރާއިލް ބޯޑަރު ސަރަހައްދުގައި ފަލަސްތީނުގެ ރައްޔިތުން ކުރަމުން ދިޔަ ހަޅުތާލެއް ހުއްޓުވުމަށްޓަކައި އިސްރާއިލް ފުލުހުން ދިން ހަމަލާ ތަކުގައި 23 އަހަރުގެ ސަލާމިހް އަބޫ ޖަމާ ކިޔާ ޒުވާނަކުވެސް ވަނީ މަރާލައިފައެވެ.

ޣައްޒާގެ ސިއްހީ ވުޒާރާ އިން ބުނި ގޮތުގައި އިސްރާއިލް ފުލުހުން ވަނީ ހަޅުތާލު ކުރަމުން ދިޔަ މީހުންގެ ތެރެއިން 38 މީހުން ޒަހަމް ކޮށްލައިފައެވެ. އޭގެ ތެރެއިން 29 މީހުންގެ ގަޔަށް ބަޑި ޖަހާފައިވެ އެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހަޅުތާލުތައް ފެށިފައިވަނީ އިސްރާއިލް ސިފައިން އަލް އަގްސާ މިސްކިތުގެ ސަރަހައްދަށް ވަނުމުންނެވެ.

އިސްރާއިލް ސިފައިން ވަނީ ފަލަސްތީނު މީހުން ހުއްޓުވުމަށްޓަކައި ވަޒަނާއި، ރަބަރުން ކޯޓު ކޮށްފައި ހުރި ސްޓީލް ވަޒަނާއި، ކަރުނަ ގޭހާއި ސްޓަން ގްރެނޭޑް ބޭނުން ކޮށްފައެވެ.

މި އަހަރުގެ އޮކްޓޯބަރު މަސް ފެށުނު ފަހުން އިސްރާއިލް ސިފައިން ވަނީ ފަލަސްތީނުގެ 76 ރައްޔިތުން މަރާލައިފައެވެ. އޭގެ ތެރޭގައި 17 ކުޑަކުދިންނާއި ތިން އަންހެނުން ހިމެނެ އެވެ.

ފަލަސްތީނުގެ ރައްޔިތުން ދިން ހަމަލާ ތަކުގައި އިސްރާއިލްގެ 10 ރައްޔިތަކު ވަނީ މަރުވެފައެވެ.

މައުލޫމާތު:އަލްޖަޒީރާ