ރާއްޖޭގައި ފަހަކަށް އައިސް ހިނގި ހާދިސާތަކުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ ސަލާމަތަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރޮއިޓާސް އަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ޒަމީރު ވިދާޅުވި ކަމަށް އެ އެޖެންސީން ބުނީ ޓޫރިސްޓުންގެ ރައްކާތެރިކަން ރާއްޖޭގެ ސަލާމަތީ ބާރުތަކުން ކަށަވަރުކުރާނެ ކަމަށެވެ.

"...އަޅުގަނޑު ޔަގީންކޮށްދެން ޓޫރިސްޓުންނަށް ސަލާމަތްތެރިކަން އޮންނާނެ ކަން. ފަހަކަށް އައިސް ހިނގައި ދިޔަ ކަންތައްތަކުގެ އަސަރު އެމީހުންގެ [ޓޫރިސްޓުންގެ] ރައްކާތެރިކަމަކަށް ނުކުރާނެ،" ރޮއިޓާސްއަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ޒަމީރު ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.

އޭނާ ވިދާޅުވެފައި ވަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ ރާއްޖޭގެ ރައްޔިތުންނަށާއި ރާއްޖެ އަށް ޒިޔާރަތްކުރާ މީހުންނަށް ހަތިޔާރުގެ ނުރައްކަލެއް ނެތްކަމުގެ ޔަގީންކަން ދިނުމަށް ޓަކައި ތަހުގީގު އަވަސްކުރުމަށް ކަމަށެވެ.

ރާއްޖޭގައި ހިނގި ކަންތައްތަކުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އުފެދިފައިވާ ކަމަށާއި އެކަން ހަމަޖެއްސުމަށް ޓަކައި ޓުއާ އޮޕަރޭޓަރުންނާއި ރާއްޖެ އަށް އޮޕަރޭޓްކުރާ ބައިނަލް އަގުވާމީ އެއާލައިންތަކާއި އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޒަމީރު ވިދާޅުވެފައިވެ އެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވަނީ ރާއްޖެ އަށް މިހާރު އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުކަމަށްވާ ޗައިނާގެ ސަފީރާ ބުރާސްފަތި ދުވަހު ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ވެސް އޭނާ ވަނީ ރާއްޖޭގައި މިހާރު އިއުލާންކޮށްފައިވާ ކުއްލި ހާލަތާ ބެހޭ ގޮތުން ސަފީރު ވާން ފޫކާންއާ މަޝްވަރާ ކުރައްވާފަ އެވެ.

ރާއްޖޭގައި ޓޫރިސްޓުންނަށް ނުރައްކަލެއް ނެތް ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވެސް ކުރިން ވަނީ ވިދާޅުވެފަ އެވެ.