ހަކުރު އަޅާފައިވާ ފިޒީ ބުއިންތަކުގެ ނުރައްކާ ހީކުރެވިފައިވާ ވަރަށްވުރެ އިންސާނުންގެ ސިއްޙަތަށް މާބޮޑުކަން ސްވިޑްންގައި ކުރި ފަހުގެ ދިރާސާއަކުން ހާމަވެއްޖެ އެވެ.

މި ދިރާސާއިން ހާމަވާގޮތުގައި ސޮޑާއާއި ކޮކާކޯލާއާއި އެނާޖީ ބުއިން ތަކަކީ ފަލަވުމަށް މަގުފަހިކުރުމުގެ އިތުރުން ހިތުގެ ބަލިތައް ޖެހޭމިންވަރު އަވަސްވެ ލޭގެ ޕްރެޝަރު މައްޗަށްގޮސް ހަކުރުބަލި ޖެހުމަށްވެސް މަގުފަހިވާ ބުއިންތަކެކެވެ.

މިދިރާސާގެ ނަތީޖާ ދައްކާގޮތުން ދުވާލެއްގެ މައްޗަށް ތައްޓަކަށްވުރެ ގިނައިން މިއިން އެއްވެސް ބާވަތަކުން ބޮއިފިނަމަ ހިތުގެ ބަލިތައް ޖެހޭމިންވަރު އަވަސްވެ ލޭގެ ޕްރެޝަރު މައްޗަށްގޮސް ހަކުރުބަލިޖެހުމަށް މަގުފަހިވާނެއެވެ. މީގެއިތުރުން ހަށިގަނޑުގައި ވިހަ ގިނަވުމަކީވެސް މިފަދަ ބުއިންތަކުން ލިބޭ ގެއްލުމެކެވެ. ފިޒީ އަދި އެނާޖީ ބުއިން ތަކަކީ ކެފޭންގެ ނިސްބަތްވެސް ވަރަށް ގިނަ ބުއިންތަކެކެވެ.

ކެފޭން ހަށިގަނޑުގައި ގިނަވާނަމަ ހަށިގަނޑުގެ ގުނަވަންތަކަށް ބޮޑެތި މައްސަލަތައް ޖެހޭނެކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ. 42 ހާސް މީހުން ބައިވެރިކޮށްގެން ކުރި މިދިރާސާގެ ނަތީޖާ ދައްކާގޮތުން ފިޒީ އަދި އެނާޖީ ބުއިން ތަކުގެ ނޭދެވޭ އަސަރު ހަފްތާއެއްގެ ތެރޭގައިވެސް ހަށިގަނޑުން ފެންނަން ފަށައެވެ. އެކި ގްރޫޕަށް މީހުން ބަހާލައިގެން އެކި މިންވަރަށް އެމީހުންނަށް މިބާވަތުގެ ބުއިންތައް ދީގެން ކުރި މިދިރާސާއިން މިބާވަތުގެ ބުއިންތައް ބޯ މިންވަރު ގިނަ ކުރި ވަރަކަށް ލޭގެ ޕްރެޝަރު މައްޗަށްދިޔުމާއި ފަލަވުމާއި ހިތުގެ ބައްޔާއި ހަކުރުބަލިޖެހުމަށް މަގުފަހިވާ ކަންތައްތައް ހަށިގަނޑުން ފެންނަކަން ހާމަވެފައިވެއެވެ.

ފިޒީ އަދި އެނާޖީ ބުއިންތައް ބުއިން މުޅިން ހުއްޓާލުމާއި ނޫނީ ވަރަށް މަދުން މިބާވަތުގެ ތަކެތި ބުއިމަށްފަހު ކަސްރަތު ކުރުމަށާއި ހަށިގަނޑުން ވިހަ ނައްތާލާ ބާވަތްތައް ބޭނުން ކުރުމަށް މިދިރާސާ ކުރި ޓީމުން ނަސޭހަތްތެރިވެއެވެ.

ހަށިގަނޑުން ވިހަ ނައްތާލާ ބާވަތްތަކުގެ ތެރޭގައި ލުބޯ، ކިޔުކަންބާ، ކްރެއިން ބެރީ، އަންނާރު، އިނގުރު ފެހިކުލައިގެ ފަތް ފަދަ އެތަށް ބާވަތެއްގެ ތަރުކާރީއާއި މޭވާ ހިމެނެއެވެ. (ހާޓް މަޖައްލާ)