07 Nov 2015, 09:55
ބެންކޮކް(ނޮވެމްބަރު 7): ތައިލެންޑްގެ ސަލާމަތީ ބާރުތަކުން އެ ގައުމުގެ ގޭންގުތަކާއި މާފިޔާ ޖަމާއަތްތަކާ ދެކޮޅަށް ހިންގަމުން ގެންދާ އޮޕަރޭޝަންގައި އެތައް ބަޔަކު ހައްޔަރުކޮށްފި އެވެ.
ތައި ސަލާމަތީ ބާރުތައް ބުނާ ގޮތުން ސިފައިންނާއި ފުލުހުން ގުޅިގެން ހިންގާ އެ އޮޕަރޭޝަންގައި ސަލާމަތީ ބާރުތަކުން ވަނީ ގޭންގުތަކާއި މާފިޔާގެ މަރުކަޒުތައް ކަމަށް ޝައްކުކުރެވޭ އެތައް ތަނަކަށް ވަދެ ބަލައިފާސްކޮށް ބައެއް މީހުން ހައްޔަރުކޮށް، ބައެއްތަކެތި އަތުލައިގެންފަ އެވެ. ނަމަވެސް ހައްޔަރުކުރި މީހުންގެ އަދަދާއި ބަލައި ފާސްކުރި ތަންތަނުގެ ނަންތައް ތައި ދާޚިލީ ވުޒާރާ އިން ނެރުނު ބަޔާނުގައި ހާމަކޮށްފައެއް ނުވެ އެވެ.
ތައިލެންޑްގެ އަސްކަރީ ވެރިޔާ ޗީފް އޮފް ސްޓާފް އަދި ބޮޑުވަޒީރު ޖެނެރަލް ބްރަޔޫތް ޗާންއޮޗާ ވަނީ ރާވައިގެން އެގައުމުގައި ހިނގާ ބޮޑެތި ޖަރީމާތައް ހުއްޓުވުމުގެ ވަރުގަދަ އޮޕަރޭޝަނެއް ފެށިކަން މިދިޔަ ބުރާސްފަތި ދުވަހު އިޢުލާން ކުރައްވާފަ އެވެ.
"ތައިލެންޑް ސާފުކުރުން"ގެ ނަމުގައި ފެށި މިއޮޕަރޭޝަންގެ އަމާޒަކީ މިފަދަ ޖަރީމާތަކުގެ ފަހަތުގައިވާ އިސް ފަރާތްތަކާއި އެފަދަ ޖަމާއަތްތަކުގެ މަރުކަޒުތައްކަމަށް ޖެނެރަލް ޗާންއޮޗާ ވިދާޅުވި އެވެ. ތައިލެންޑްގައި ކޮރަޕްޝަނާއި ރިޝްވަތާއި ސްމަގްލިން ކުރުމާއި މަނީ ލޯންޑްރިން ފަދަ ވަގުފައިސާގެ ޣައިރުގާނޫނީ މުޢާމަލާތްތަކާއި ޖަރީމާތައް މިފަހަކަށް އައިސް ވަނީ އާދަޔާ ޚިލާފަށް އިތުވެފަ އެވެ. މީގެ އިތުރުން ޓެކްސްއިން ސަލާމަތްވެވޭ ގޮތަށް ކުރާ ވަގުވިޔަފާރީގެ މުއާމަލާތްތައް ވެސް އިންތިހާއަށް އިތުރުވެފައިވުމުގެ ސަބަބުން އެގައުމުގެ އިގްތިސާދަށް ގެއްލުންވާން ފަށާފައިވެ އެވެ.
"ތައިލެންޑް ސާފުކުރުން"ގެ ނަމުގައި ފެށި މިއޮޕަރޭޝަންގައި ސަލާމަތީ ބާރުތަކުން އިސް ދައުރެއް އަދާކުރި ނަމަވެސް ގާނޫނު ތަންފީޒުކުރުމަށް އުފައްދާފައިވާ ތަފާތު މުއައްސަސާތައް ވެސް މިއޮޕަރޭޝަންގައި ބައިވެރިވެ އެވެ. މީގެ ތެރޭގައި ކަސްޓަމްސްއާއި އިމްގްރޭޝަނާއި އެންޓިކޮރަޕްޝަން އާބެހޭ އިދާރާ ފަދަ މުއައްސަސާތަކުގެ މުވައްޒަފުން ބައިވެރިވެ އެވެ.
ކޮރަޕްޝަނާއި ރިޝްވަތާއި ސްމަގްލިން ކުރުމާއި މަނީ ލޯންޑްރިންފަދަ ވަގުފައިސާގެ މުޢާމަލާތްތަކުގެ އޮއިވަރުގައި ތައިލޭންޑްގެ ބައެއް މަސްއޫލުވެރިން ޖެހިވަޑައިގެންފައިވާ ކަމަށް ޖެނެރަލް ޗާންއޮޗާ ވިދާޅުވި އެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ތައި އަސްކަރީ ސަރުކާރުން ފެށި މިއޮޕަރޭޝަންގައި ތައި ސަލާމަތީ ބާރުތަކުން ހަތިޔާރުއެޅި ގޭންގުތަކާއި މާފިޔާ ގްރޫޕްތަކާ ކުރިމަތިލައި މާފިޔާ ލީޑަރުން ހައްޔަރުކުރާ އިރު މިފަދަ ގްރޫޕްތަކުގެ މެންބަރުންނާއި ތައި ސަލާމަތީ ބާރުތަކާ ދެމެދު ހަމަލާތައް ވެސް ބަދަލު ކުރަމުންދާ ކަމަށްވެ އެވެ. (ރޮއިޓާސް)