ތަފާތު ދާއިރާތަކުން އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާ އެއްބަސްވެފައިވާ ކަމަށް ބޫޓާނުގެ ބޮޑުވަޒީރު ލިޔޮންޗޮން ޖިގްމީ ޔޮއެޒަރ ތިންލޭ ރޭ ވިދާޅުވެއްޖެ އެވެ.

ތިންލޭގެ ޝަރަފުގައި މުލިއާގޭގައި ރޭ ބޭއްވި ފަރިއްކޮޅެއްގައި ވާހަކަ ދައްކަވަމުން ތިންލޭ ވިދާޅުވީ، އެޑިއުކޭޝަނާއި ސިއްހަތާއި ޓޫރިޒަމްގެ އިތުރުން ހައުންސިންއާއި އެންވާރަމަންޓް އަދި ގަވަނަންސްގެ ރޮނގުން ދެގައުމުގެ މެދުގައި އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން އެއްބަސްވެފައިވާ ކަމަށެވެ. އަދި އެ ދާއިރާތަކުން ކުރިއެރުން ހޯދުމަށް ދެ ގައުމުގެ މެދުގައި ކޮންސަލްޓަންޓުންނާއި ޕޮލިސީ މޭކަރުން ބަދަލުކުރުމުގެ ޕްރޮގްރާމެއް ވެސް ހިންގަވަން ރޭވިފައިވާ ކަމުގައި ތިންލޭ ވިދާޅުވި އެވެ.

އެ ހަފްލާގައި ރައީސް ނަޝީދު ވިދާޅުވީ، މިދިޔަ އަހަރު ބޫޓާނޫގައި ބޭއްވި ސާކު ސަމިޓުގެ އިންތިޒާމްތައް ވަރަށް ފުރިހަމަ ކަމަށާއި އެ ސަމިޓަކީ ވަރަށް ކާމިޔާބު ސަމިޓަކަށް ބޫޓާނުން ހަދައިފައިވާ ކަމަށެވެ. އަދި ރާއްޖޭގައި މި އަހަރު ބޭއްވާ ސާކު ސަމިޓު ވެސް އެ ފެންވަރަށް ބޭއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ބޫޓާނާ އެކު އޮތް ގާތް ގުޅުން ކުރިއަށް އޮތްތަނުގައި ވެސް ދިގުދެމުންގެންދާނެ ކަމަށް އެމަނިކުފާނު އުއްމީދުކުރައްވާ ކަމަށެވެ.