07 Nov 2015, 08:42
އެންމެ ގިނަ ބަޔަކު މިހާރު އިންތިޒާރުކުރަމުންދާ ބޮލީވުޑްގެ އާއިލީ ޑްރާމާ، "ޕްރޭމް ރަތަން ދަން ޕާޔޯ" އަކީ ފިލްމީ ކެރިއަރުގައި ކުޅުނު އެންމެ ބޮޑު ފިލްމުކަމަށް، ސަލްމާން ޚާން އާއެކު އެ ފިލްމުގައި ފެނިގެންދާ ބަތަލާ، ސޯނަމް ކަޕޫރު ބުނެފި އެވެ.
ފިލްމު "ޕްރޭމް ރަތަން ދަން ޕާޔޯ" އަކީ ފިލްމު "ދަބާންގް"ގެ ތަރި ސަލްމާން އާއެކު ސޯނަމް ކަޕޫރު ފެނިގެންދާ ފުރަތަމަ ފިލްމެވެ. އަދި އެ ފިލްމަކީ 16 އަހަރަށްފަހު ފިލްމުގެ ޑައިރެކްޓަރު ސޫރަޖް ބަރުޖަތިޔާއާ ސަލްމާން އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެކެވެ.
"ފިލްމުގެ ޝޫޓިން އަކީ ވަރަށް ފުރިހަމަ ތަޖުރިބާއެއް. އަދި މިއީ ކެރިއަރުގައި ކުޅުނު އެންމެ ބޮޑު ފިލްމު. އަހަރެންނަށް މި ފުރުސަތު ލިބުން އެއީ ކާމިޔާބެއް،" ފިލްމުގެ ޕްރޮމޯޝަނަލް ހަފްލާއެއްގައި ވާހަކަދައްކަމުން ސޯނަމް ބުނެފައިވެ އެވެ.
ސަލްމާންއާ ގާތް ގުޅުމެއް އޮންނަ ސޯނަމް އިތުރަށް ބުނެފައިވަނީ، ސަލްމާންއާއެކު މަސައްކަތްކުރުމަކީ އަޖައިބުކުރުވި ތަޖުރިބާއެއް ކަމަށާއި ފިލްމަކީ ލޯބީގެ މަޖާ އަދި އެކްޝަންގެ ބައިތައް ހިމެނޭ ފުރިހަމަ ފިލްމެއް ކަމަށެވެ.
މަޝްހޫރު އެކްޓަރު އަނިލް ކަޕޫރުގެ އަންހެން ދަރި ސޯނަމް، ފިލްމީ ދާއިރާއަށް ނުކުމެފައިވަނީ 2007 ވަނަ އަހަރު ނެރުނު ބަންސާލީގެ ލޯބީގެ ޑްރާމާ "ސާވަރިޔާ" އިންނެވެ. ނަމަވެސް މިހާތަނަށް އޭނާ ކުޅެފައިވާ ގިނަ ފިލްމުތަކަށް ވަނީ އެކަށީގެންވާ ތަރުހީބެއް ނުލިބި ފެނަށްވެފައެވެ.
ސަލްމާންއާ ސޯނަމްގެ އިތުރުން މައި ތަރިއެއްގެ ގޮތުގައި ނެއިލް ނިތިން މުކޭޝް ފެނިގެންދާ ފިލްމު، "ޕްރޭމް ރަތަން ދަން ޕާޔޯ" ސިނަމާތަކުގައި އަޅުވަން ނިންމާފައިވަނީ މިމަހުގެ 12 ވަނަ ދުވަހު އެވެ.
މައުލޫމާތު: އިންޑިއާގެ ބައެއް ނޫސް އެޖެންސީތައް