07 Nov 2015, 00:12
ރާއްޖޭގެ ގާނޫނާ ޚިލާފު ކަންތައްތަކެއް ރާއްޖޭގައި ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސްރީ ލަންކާގެ ސުނައިޕަރު ޝޫޓަރަކީ ލަންކާގެ އަސްކަރިއްޔާއާ ގުޅުންހުރި މީހެއް ނޫންކަމަށް އެގައުމުގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
ލަންކާގެ ޑިފެންސް މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނަކާ ހަވާލާދީ ލަންކާގެ މީޑިއާތަކުން ބުނެފައިވަނީ، ރާއްޖޭން ހައްޔަރުކުރި ލަންކާގެ ސްނައިޕަރަކީ ލަންކާގެ އަސްކަރިއްޔާގައި މަސައްކަތްކޮށްފައިވާ މީހެއް ކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާތީ އެކަން ދޮގު ކޮށްފައެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުން ރާއްޖޭން ހައްޔަރުކުރި ލަންކާގެ ސްނައިޕަރަކީ އެގައުމުގެ އަސްކަރިއްޔާގައި ހިދުމަތްކޮށްފައިވާ މީހެއް ނޫނެވެ. އަދި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އޭނާ ހައްޔަރުކޮށްފައިވާ ކަމެއް ނުވަތަ ނޫން ކަމެއް އެފަރާތަށް ކަށަވަރުކޮށްދީފައިނުވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
"ސަން" އަށް އިނގިފައިވާ ގޮތުގައި، ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ލަންކާގެ ސްނައިޕަރު ޝޫޓަރު ހައްޔަރުކުރީ މިދިޔަ ހަފްތާގެ ތެރޭގައި ފުރަން އުޅެނިކޮށް އެއާޕޯޓަށް ގޮސް ހުއްޓައެވެ.
ލަންކާގެ ސުނައިޕަރެއް ހައްޔަރުކޮށްފައިވާ އިރު މިދިޔަ ހަފްތާގެ ތެރޭގައި ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ނުރައްކާތެރި ހަތިޔާރުތަކެއް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ބ. ހިބަޅިދޫން ވަނީ ހޯދައިފައެވެ.
އެ ހަތިޔާރުތައް ނަގާފައި ވަނީ ހިބަޅިދޫ އަށް ވަންނަ ނެރުކައިރިން ކަނޑުގެ 42 މީޓަރު އަޑިން ނެވެ. ފުލުހުންނާއި ސިފައިން ހޯދި ހަތިޔާރުތަކުގެ ތެރޭގައި ސުނައިޕަރު ރައިފަލެއްގެ ވަޒަނަކާއި ދުރުމިއެއް ހިމެނެއެވެ.