07 Nov 2015, 00:17
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އެކި ގްރޭޑުތަކުގެ ޔުނިފޯމުތަކުގެ ޑިޒައިން "ޒަމާނާ އެއްގޮތް"ކޮށް އަލުން ލޯންޗުކޮށްފިއެވެ.
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލު ކުރުމަށްފަހު ސްކޫލުގެ ދަރިވަރުންގެ ޔުނިފޯމް ކޯޑު ބަދަލު ކުރާ މިއީ ފުރަތަމަ ފަހަރެވެ. ނަމަވެސް ސްކޫލު ރީބްރޭންޑް ކުރުމުގެ ކުރިން ސްކޫލުގެ އެކި ގްރޭޑުތަކުގެ ޔުނިފޯމް ކޯޑުވަނީ އެތައް ފަހަރަކު ބަދަލުކޮށްފައެވެ.
އަހުމަދިއްޔާ ސްކޫލުގެ ޔުނީފޯމް ކޯޑު ވަނީ މީގެ ކުރިން ތިން ބަޔަކަށް ބަހާފައެވެ. އެއީ ޕްރީސްކޫލާއި ގްރޭޑްތަކުގެ ޔުނިފޯމް އަދި އޭލެވެލް ކިޔަވާ ދަރިވަރުންގެ ޔުނިފޯމް އެވެ.
މީގެ ކުރިން ޕްރީ ސްކޫލާއި އޭލެވެލް ޔުނީފޯމް ވަނީ ދެފަހަރަށް ބަދަލުކޮށްފައެވެ. އަދި ގްރޭޑުތަކުގެ ޔުނީފޯމްވަނީ ހަތަރު ފަހަށް ބަދަލުކޮށްފައެވެ.
ނަމަވެސް މިރޭ ލޯންޗު ކުރި އާ ޔުނީފޯމް ކޯޑާއެކު ހަތަރު ކެޓަގަރީއަކަށް ޔުނީފޯމް ބަހާލާފައެވެ. އެގޮތުން ޕްރީސްކޫލާއި ޕްރައިމެރީ އާއި ގްރޭޑު ހަޔަކުން 10 އަކަށް އަދި އޭލެވެލް ގްރޭޑުތަކުން ކޮންމެ ބަޔަކުން ލާނީ ތަފާތު ޔުނީފޯމެކެވެ.
އަލަށް ތައާރަފުކުރި ޔުނިފޯމުތަކުގެ މެއިން ބޮޑީއަށް ބޭނުން ކުރާނީ އައު މެޓީރިއަލްއެކެވެ. އެގޮތުން އެ މެޓީރިއަލްއަކީ ރާއްޖެއިން އަދި ލިބެން ނެތް މެޓީރިއަލް އެއް ކަމަށް ސްކޫލުން ވަނީ ބުނެފައެވެ. ނަމަވެސް މިމަސް ނިމޭ ހިސާބުގައި އެ ފޮތި ސިންދިތާއިން ލިބެން ހުންނާނެ ކަމަށްވެސް އަހުމަދިއްޔާ އިން ވަނީ ބުނެފައެވެ.
އަހުމަދިއްޔާ ސްކޫލުގެ ޔުނިފޯމުތަކުގެ ތެރެއިން ޕްރީސްކޫލުގެ ފުރަތަމަ ބޭނުން ކޮށްފައިވަނީ 1985 އިން 2010 އަކަށެވެ. އެއަށްފަހު ބަދަލު ކުރި ޔުނީފޯމު ކޯޑަކީ މިހާރު ޕްރީސްކޫލު ކުދިން ބޭނުން ކުރާ ޔުނީފޯމެވެ.
އެސްކޫލުން ގްރޭޑު ސްކޫލު ކުދިންގެ ޔުނީފޯމް ފުރަތަމަ ބަދަލުކޮށްފައިވަނީ 1990 ގައެވެ. އެއަށްފަހު ދެވަނަ ފަހަރަށް 1997 ގައި ބަދަލު ކުރި އިރު ތިންވަނަ ފަހަރަށް ބަދަލުކޮށްފައިވަނީ 2009 ވަނަ އަހަރު އެވެ. އެއަށްފަހު ބަދަލު ކުރުމަށްފަހު ބޭނުން ކުރަނީ މިހާރު ބޭނުން ކުރާ ޔުނިފޯމެވެ.
އެ ސްކޫލުގައި އޭލެވެލް އުފެދުނީ 2009 ވަނަ އަހަރެވެ. އެގޮތުން ފުރަތަމަ ޔުނީފޯމް ބޭނުންކޮށްފައިވަނީ 2009 އަކުން 2012 އަށެވެ. އެއަށްފަހު ބަދަލު ކުރި ޔުނީފޯމް ކޯޑަކީ ދަރިވަރުން މިހާރުވެސް ބޭނުންކުރާ ޔުނީފޯމް ކޯޑެވެ.
ސްކޫލުގެ ދަރިވަރުންނަކީ ގިނަ ވަގުތު ސްކޫލުގައި ހޭދަ ކުރާ ކުދިންނަށް ވުމުން ޔުނީފޯމަށް ގެނައި ބަދަލާއެކު ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ ކަމަށް އަހުމަދިއްޔާ އިން ވަނީ ބުނެފައެވެ.