ބ. އޭދަފުށްޓަށް ދަތުރު ކުރަމުން ދިޔަ ލޯންޗަކާއި ދޯންޏެއް ޖެހި ހިނގައިދިޔަ އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިރޭ "ސަން" އަށް ވިދާޅުވީ އެ ހާދިސާ ހިނގީ މިރޭ 7:30 އެހާކަށްހާއިރު ކަމަށެވެ. އަދި އެ ހާދިސާ ހިނގީ ސޮނޭވާފުށި ކައިރިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވީ އެކްސިޑެންޓުވި ވަގުތު ހަތަރު މީހަކު މޫދަށް ވެއްޓުނު ކަމަށެވެ. އެހެންނަމަވެސް ބޮޑަށް އަނިޔާވީ ދެ މީހުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް ދެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ވިދާޅެއްނުވެ އެވެ.

އޭދަފުށި ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ނައުރިފު "ސަން" އަށް މިރޭ ވިދާޅުވީ އަނިޔާވީ ދޯނީގައި ތިބި ދެ މީހުންނަށް ކަމަށެވެ. އަދި ދެ މީހުންގެ ހާލަވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ. ނައުރުފު ވިދާޅުވީ އަނިޔާވި ދެ މީހުންގެ ތެރެއިން އެކެއްގެ އަތަށް ގެއްލުން ލިބިފައިވީ ނަމަވެސް ދެ މީހުންގެ ހާލު އެހާ ސީރިއަސް ނޫން ކަމަށެވެ.