06 Nov 2015, 22:15
އިންޑިއާ ފަހަތަށް ޖައްސާލުމަށް ފަހު ދިހަ ދަރަޖައިގެ ކުރިއެރުމަކާ އެކު ފީފާ ރޭންކިންގައި ސާފު ސަރަހައްދުގެ އެއް ވަނަ އަށް ރާއްޖެ ޖެހިލައިފި އެވެ.
މިދިޔަ މަހު ރާއްޖެ އޮތީ ސަރަހައްދުގެ ތިން ވަނައިގަ އެވެ. މިފަހަރުގެ ރޭންކިންގައި ރާއްޖެ އަށް ލިބެނީ ދުނިޔޭގެ ރޭންކިންގެ 166 ވަނަ އެވެ. އަދި ސަރަހައްދުގެ އެއްވަނަ އެވެ.،
އަދި މިދިޔަ މަހު އެއް ވަނައިގައި އޮތް އިންޑިއާ އޮތީ ފަސް ދަރަޖައިގެ ވެއްޓުމަކާ އެކު ސަރަހައްދުގެ ދެ ވަނައިގަ އެވެ. އެ ގައުމަށް ލިބިފައި ވަނީ ދުނިޔޭގެ ރޭންކިންގެ 172 ވަނަ އެވެ.
އަދި މިދިޔަ މަހު ސަރަހައްދުގެ ދެ ވަނައިގައި އޮތް ބޫޓާން އޮތީ ސަރަހައްދުގެ ހަތަރު ވަނައިގައި ދުނިޔޭގެ ރޭންކިންގެ 180 ވަނައިގަ އެވެ.
ސަރަހައްދުގެ އެންމެ ފުލުގައި އޮތީ އަވަށްޓެރި ސްރީލަންކާ އެވެ.
ކުރިން ސާފް ސަރަހައްދުގެ ގައުމެއްގެ ގޮތުގައި އޮތް އަފްގާނިސްތާން އޮތީ ހަ ދަރަޖައިގެ ވެއްޓުމަކާ އެކު ރޭންކިންގެ 156 ވަނައިގަ އެވެ.
އަފްގާނިސްތާނަކީ މިހާރު ސެންޓްރަލް އޭޝިއަން ފުޓްބޯލް އެސޯސިއޭޝަން (ކަފާ)ގެ މެންބަރު އެސޯސިއޭޝަނެކެވެ.
އޭޝިއާ ސަރަހައްދުން އެއް ވަނައިގައި މިފަހަރު ވެސް އޮތީ އީރާން އެވެ. ނަމަވެސް އެޓީމް އެއް ވަނައިގައި އޮތް ނަމަވެސް މިދިޔަ މަހު ރޭންކިންގެ 39 ވަނައިގައި އޮތް އީރާން ވަނީ ހަތަރު ދަރަޖައިގެ ވެއްޓުމަކާ އެކު 43 ވަނައަށް ވެއްޓިފަ އެވެ.
އޭޝިއަން ކަޕްގެ ޗެމްޕިއަން އޮސްޓޭރޭލިއާ އޮތީ ދެ ދަރޖައިގެ ވެއްޓުމަކާ އެކު ރޭންކިންގެ 60 ވަނައިގަ އެވެ. އެޓީމު މިމަހު ވެސް އޮތީ އޭޝިއާގެ ހަތަރު ވަނައިގަ އެވެ.
ދުނިޔޭގ ރޭންކިންގެ އެއް ވަނައިގައި ދެ ދަރޖައިގެ ކުރިއެރުމަކާ އެކު މިމަހު އޮތީ ބެލްޖިއަމް އެވެ. މިދިޔަ މަހު އެއް ވަނައިގައި އޮތް ދުނިޔޭގެ ޗެމްޕިއަން ޖަރުމަން އޮތީ ދެ ވަނައިގަ އެވެ.
ތިން ވަނައިގައި އޮތީ އާޖެންޓީނާއެވެ.
ދެކުނު އެމެރިކާގެ ޗެމްޕިއަން ޗިލީ އޮތީ ދުނިޔޭގެ ރޭންކިންގެ ފަސް ވަނައިގަ އެވެ.
ޔޫރަޕްގެ ޗެމްޕިއަން ސްޕެއިންއިވެސް އޮތީ ރޭންކިންއަށް ބަދަލެއް ނައިސް މިފަހަރުވެސް ދުނިޔޭގެ ހަ ވަނައިގަ އެވެ.
އެފްރިކާ ސަރަހައްދުން އެއް ވަނައިގައި މިމަހު އޮތީ އެފްރިކާގެ ޗެމްޕިއަން އައިވަރީ ކޯސްޓެވެ. އެޓީމު އޮތީ ދުނިޔޭގެ ރޭންކިންގެ 22 ވަނައިގަ އެވެ.
މިދިޔަމަހު އެފްރިކާ ބައްރުގެ އެއް ވަނައިގައި އޮތް އަލްޖީރިއާ މިފަހަރު ހަތް ދަރަޖައިގެ ވެއްޓުމަކާ އެކު ލިބެނީ ބައްރުގެ ދެ ވަނަ އެވެ. އެޓީމް އޮތީ ރޭންކިންގެ 26 ވަނައިގަ އެވެ.
އުތުރު އެމެރިކާ ބައްރުން އެއް ވަނައިގައި މިމަހު ވެސް އޮތީ މެކްސިކޯ އެވެ. އެޓީމު އޮތީ ދެ ދަރަޖައިގެ ކުރިއެރުމަކާ އެކު ރޭންކިންގެ 24 ވަނައިގަ އެވެ.
އޯޝޭނިއާގެ ސަރަހައްދުން އެއްވަނައިގައި މިމަހު ވެސް އޮތީ ސަރަހައްދުގެ ޗެމްޕިއަން ނިއުޒިލެންޑެވެ. ރޭންކިންގެ 11 ދަރަޖައިގެ ވެއްޓުމަކާ އެކު ނިއުޒިލެންޑް އޮތީ ރޭންކިންގެ 159 ވަނައިގަ އެވެ.
މިދިޔަ މަހު ރޭންކިންގެ އެންމެ ފުލުގައި އޮތް ބަހާމާސް ވަނީ އެއް ދަރަޖައިގެ ކުރި އެރުމެއް ހޯދައިން ރޭންކިންގެ އެންމެ ފުލުން ސަލާމަތްވެފަ އެވެ.
މިފަހަރު ރޭންކިންގެ އެންމެ ފުލުގައި އެއް ދަރަޖައިގެ ވެއްޓުމަކާ އެކު އޮތީ ޖިބޫޓީއެވެ.