07 Nov 2015, 00:23
މެންޗެސްޓާ ޔުނައިޓާޑްގެ ކުޅުމާމެދު ހިތް ހަމަނުޖެހޭ ނަމަ އެޓީމުގެ ކުޅުންތެރިންނަށް ފާޑު ނުކިޔައި އޭނާއަށް ފާޑު ކިޔުމަށް މެންޔޫގެ ސަޕޯޓަރުންނަށް އެޓީމްގެ ކޯޗް ލުއިސް ވެންހާލް ގޮވާލައިފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގްގައި ވެސްޓްބްރޮމަވިޗާ ދެކޮޅަށް މާދާމަ ކުޅެން ހަމަޖެހިފައިވާ މެޗްގެ ކުރިން ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ވެންހާލް ބުނީ މެންޔޫ ކުޅެނީ ސަޕޯޓަރުންނަށް ޓަކައި ކަމަށާއި ޓީމްގެ ގޭމް ސަޕޯޓަރުންވެސް އެނަލައިސްކޮށް ޓީމުގެ ކުޅުން ގަބޫލު ކުރަންޖެހޭނެ ކަމަށެވެ.
ވެންހާލް ބުނީ ސަޕޯޓަރުންގެ އަޑުގަދަ ހަޅޭކުގެ ސަބަބުން މެންޔޫގެ ދަނޑުގައި ކުޅެން ކުޅުންތެރިންނަށް އުނދަގޫވާ ކަމަށެވެ.
އަދި މިދިޔަ ބުދަ ދުވަހު ސީއެސްކޭ މޯސްކޯއާ ދެކޮޅަށް ކުޅުނު މެޗްގައި ޓީމުގެ ފަރާތުން އެޓޭކިން ފުޓްބޯޅައެއް ކުޅުމުގައި ނާކާމިޔާބުވުމުން އެކަމާ ހިތް ހަހަމަނުޖެހިގެން ސަޕޯޓަރުންގެ ހަޅޭކާ ހެދި ކުޅުންތެރިންނަށް ހާސްކަން ކުރިމަތިވި ކަމަށް ވެންހާލް ބުންޏެވެ.
"ސަޕޯޓަރުން ޖެހޭނެ ސަޕޯޓް ކުރަން. ނަމަވެސް ސަޕޯޓަރުންގެ ފަރާތުން މިފެންނަނީ ސަޕޯޓަރުންގެ ހިތްހަމަނުޖެހުމާ ހެދި ކުޅުންތެރިންނަށް އުނދަގޫވާތަން. ސަޕޯޓްރުންގެ ގަދަ ހަޅޭކުގެ ސަބަބުން އޯލްޑްޓްރެފާޑް (މެންޔޫގެ ދަނޑު) ގައި ކުޅެން މިޖެހެނީ ވަރަށް ޕްރެޝަރުގައި. އެހެންވެ އަހަންނާ ދީމަލަށް ހަޅޭއް ލެވުން ރަނގަޅުވާނެ. އަހަންނަށް އެކަން ބަލައި ގަނެވޭނެ." ވެންހާލް ބުންޏެވެ.
ސީއެސްކޭ މައްޗަށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދި މެޗްގައިވެސް މެންޔޫއިން ގޯލްޖަހަން ޑިމާންޑްކޮށް ސަޕޯޓަރުން ހަޅޭކުގެ ސަބަބުން އުމުރުން އެންމެ 19 އަހަރުގެ އެންތޮނީ މާޝަލްއަށް ކުރިމަތިވި ޕްރެޝަރާ ގުޅިގެން އޭނާއަށް ރަނގަޅަށް ނުކުޅެވުމުން ޖެހުނީ މާޝަލް ބަދަލު ކުރުމަށް ކަމަށް ވެންހާލް ބުންޏެވެ.
މެންޔޫގެ ފޯވަޑް ވޭން ރޫނީއާ ބެހޭގޮތުން ވެންހާލް ބުނީ ރޫނީ ހުރީ ރަނގަޅު ހިސާބުގައި ކަމަށާއި އިދިކޮޅު ޓީމުގެ ކޮލިޓީއާއި ޓީމުގެ އެހެންކުޅުންތެރިން ކޮލިޓީއަށް ބަލާފައި ރޫނީއަކީ އިދިކޮޅު ޓީމަށް ދެރަ ދޭ ކުޅުންތެރިޔާ ކަމަށެވެ.
ސީއެސްކޭ މޮސްކޯއާ ދެކޮޅަށް ކުޅުނު މެޗްގައި މެންޔޫގެ ލަނޑު ކާމިޔާބު ކުރީ ރޫނީއެވެ.