03 Apr 2011, 09:30
ޓެކްނޮލޮޖީގެ ގޮތުން ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޖަޕާނަށް ކުރިމަތިވި ބިންހެލުމުގައި ހަލާކުވެފައިވާ ފުކުޝީމާ ޑައި އިޗީ ނިއުކްލިއާ ޕްލާންޓް ސާފުކުރުމަށް ރިމޯޓްކޮންޓްރޯލް ރޮބޮޓްތަކެއް ދިނުމަށް ޖަރުމަނުވިލާތުން ހުށައަޅައިފި އެވެ.
ފޮކްސް ނިއުސް އިން ބުނި ގޮތުގައި ޖަރުމަނުގައި ލިބެން ހުރި ރިމޯޓް ކޮންޓްރޯލްޑް ރޮބޮޓްތައް ފުކުޝީމާ ނިއުކްލިއާ ޕްލާންޓް ސާފުކުރުމަށް ދިނުމަށް ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް ވަނީ ޖަޕާންގެ ބޮޑުވަޒީރު ނައޯޓޯ ކާންއަށް ހުށައަޅުއްވައިފަ އެވެ. އަދި ޖަޕާނުން ވަނީ ޖަރުމަނުގެ މިހުށައެޅުން ގަބޫލްކޮށްފަ އެވެ.
ޖަރުމަނު ސަރުކާރުގެ އޮފިޝަލަކު ފޮކްސް ނިއުސް އަށް ކިޔައިދިން ކަމަށް އެ ނޫހުގެ ވެބްސައިޓްގައިވާ ގޮތުގައި ޖަރުމަނުން ޖަޕާނަށް ފޮނުވަނީ ކޮންކޮން ބާވަތްތަކެއްގެ ރޮބޮޓްތަކެއްކަމެއް އަދި ބުނާކަށް ނޭނގެ އެވެ.
ހަލާކުވެފައިވާ ފުކުޝީމާ ނިއުކްލިއާ ރިއެކްޓަރުން ރޭޑިއޭޝަން ބޭރުވުން ހުއްޓުވުމަށް ޖަޕާންގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ މެދުނުކެނޑި މަސައްކަތްކުރަމުންނެވެ. ނަމަވެސް އެކަމުގައި ހަރަކާތްތެރިވަމުންދާ މީހުން ބުނާ ގޮތުގައި އެރިއެކްޓަރުގެ ކޫލިން ސިސްޓަމް ރަނގަޅު ކުރުމަށްޓަކައި އެތައް ހަފްތާތަކެއް ނުވަތަ މަސްތަކެއް ވަންދެން ނުރައްކަލުގެ ތެރޭގައި މަސައްކަތްކުރަން ޖެހިދާނެ އެވެ.
ނިއުކްލިއާ ރިއެކްޓަރު ރަނގަޅު ކުރުމުގެ މަސައްކަތަށް ރިމޯޓްކޮންޓްރޯލްޑް އިކްއިޕްމެންޓް ދިނުމަށް އެމެރިކާ އިން ވެސް ވަނީ ޖަޕާނަށް ހުށައަޅައިފަ އެވެ.