06 Nov 2015, 19:04
މާދަމާ ފެށުމަށް ހަމަޖެހިފައިވާ ގައުމީ ވޮލީބޯޅަ މުބާރާތުގައި ވާދަކުރުމަށް އަތޮޅުތެރެއިން އައި ޓީމްތަކަށް ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) އިން ޖޯޒީއާއި މާލޭގައި ހުރުމުގެ ޚަރަދުތަކަށް ފައިސާ ހަވާލުކޮށްފިއެވެ.
ސަލްސާ ރޯޔަލްގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ޓީމްތަކަށް ފައިސާއާއި ޖޯޒީ ހަވަލުކޯށްދެއްވީ ވޯލީބޯލަ އެސޮސިއޭޝަންގެ ރައީސް މުޙައްމަދު ރިޔާޒެވެ.
ގައުމީ މުބާރާތުގައި ހަތް ޓީމް ވާދަ ކުރާއިރު ވީއޭއެމްއޭ ފައިސާގެ އިނާމް ހަވާލުކޮށްފައިވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ބޭއްވި ޕްރެޒިޑެންޓް ކަޕުން މުބާރާތުގައި ވާދަކުރުމަށް ހޮވުނު ހަތަރު ޓީމަށެވެ.
އެއީ ހއ. އިހަންވަންދޫ ޕޯލް ސްޓާ ކުލަބާއި ލ. ފޮނަދޫ ޒުވާނުންގެ ރޫހާއި ލ. ގަމު މަތިމަރަދޫ ޒުވާނުންގެ ރޫހާއި ހއ. ދިއްދޫ ޓީނެޖް ބޯއީސް ޔުނައިޓަޑެވެ.
މުބާރާތުގެ ފުރަތަމަ މެޗްގައި މާދަމާ މެންދުރު ފަހު 2:30 ގައި ކުޅޭ މެޗްގައި ބައްދަލު ކުރާނީ ޕޯލް ސްޓާއާއި ގްޑީސް ސްޕޯޓްސް ކުލަބެވެ.
މާދަމާގެ ދެ ވަނަ މެޗްގައި ހަވީރު 4:30 ގައި ކުޅޭ މެޗްގައި ބައްދަލު ކުރާނީ ފޮނަދޫ ޒުވާނުންގެ ރޫހާއި ދިއްދޫ ޓީނޭޖް ބޯއިސްއެވެ.
މާދަމާ ރޭ ގެ މެޗްގައި ބައްދަލު ކުރާނީ ޕޮލިސް ކުލަބާއި މަތިމަރަދޫ ޒުވާނުންގެ ޖަމްއިއްޔާއެވެ.
މުބާރާތް ކުރިއަށްދާނީ މާދަމާއިން ފެށިގެން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.