06 Nov 2015, 16:28
ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވައި ބޮޑެތި އަނިޔާތަކެއް ވުމަށް ފަހު މަހަކަށް ވުރެ ގިނަ ދުވަހު ހޮސްޕިޓަލުގައި އޮންނެވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް މިއަދު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި އެކަމަނާ ހޮސްޕިޓަލުން ދޫކޮށްލީ މިއަދު 3:30 އެހާކަށްހާއިރު އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ހިނގި ހާދިސާގައި މެޑަމް ފާތުންގެ މައިބަދައިގެ ހަތް ކަށިގަނޑެއްގައި ވަނީ ރެނދުލައިފަ އެވެ. އެ ދުވަހަށް ފަހު އެކަމަނާ އޮންނެވީ އައިޖީއެެމްއެޗުގައި އެޑްމިޓުކޮށްފަ އެވެ.
ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއަކީ ސީދާ ރައީސް ޔާމީން އަވަހާރަކޮށްލުމަށް ޓަކައި ދިން ހަމަލާއެއް ކަމަށް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ނޭޝަނަލް އިންކުއަރީ ކޮމިޝަނުން ވަނީ ބުނެފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ގިނަ ބަޔަކު މިހާރު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވެސް ވަނީ ހައްޔަރުކުރައްވާފަ އެވެ.
ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން އަދީބު ހައްޔަރުކޮށްފައިވާ އިރު ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ އަދީބުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި ނައިބު ރައީސް ކަމުގެ މަގާމުން އޭނާ ދުރުކޮށްފަ އެވެ.
ނައިބު ރައީސް ކަމުން އަދީބު ވަކި ކުރެއްވުމުގެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ އެވެ. ގަރާރު ހުށަހަޅުއްވަމުން އަބްދުރަހީމް ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުއްވި އަދީބު ޒިންމާ އަދާ ނުކުރައްވާތީ އާއި ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވުމުން މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ނުކުޅެދިފައިވުމުން ކަމަށެވެ.
ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން މެޑަމް ފާތުންގެ އިތުރުން އިތުރު ދެ ބޭފުޅަކަށް ވަނީ އެ ހާދިސާގައި އަނިޔާ ލިބިވަޑައިގެންފަ އެވެ. އެ ދެ ބޭފުޅުންނަކީ ރައީސް ޔާމީންގެ ޕުރޮޓޮކޯލް ސެކްރެޓަރީ ފާތުމަތު މުހައްމަދު ސޯލިހު (ފާތޭ) އާއި ބޮޑީގާޑު އެވެ. އެ ދެބޭފުޅުން ވަނީ މީގެ ދުވަސްކޮޅެއް ކުރިން ދޫކޮށްލާފަ އެވެ.