އުތުރު އެފްރިކާގެ ގައުމެއް ކަމަށްވާ ސޫދާން އިން ފުރި ކާގޯ ފްލައިޓެއް ވެއްޓުމާ ގުޅިގެން ހިނގި ހާދިސާއެއްގައި ޖުމްލަ 39 ފަސިންޖަރުންގެ ތެރެއިން 13 މަހުގެ ތުއްތު ކުއްޖަކާއި އެ ކުއްޖާ އުރައިގެން އިން ފިރިހެން މީހާ ސަލާމަތް ވެއްޖެ އެވެ.

ދެކުނު ސުދާން އެއާޕޯޓަކުން ނައްޓާލި އެ ކާގޯ ބޯޓުގައި ތިބި ބާކީ 37 މީހުން ވަނީ މަރުވެފައެވެ.

ދެކުނު ސުދާންގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިންޗާޖު ސްޓެފެން ވަރިކޯޒީ ވިދާޅުވީ ކާގޯ އުފުލުމަށް ގެންގުޅޭ އެ މަތިންދާ ބޯޓުގައި އެއްވެސް ފަސިންޖަރެއް ގެންދިޔުމަށް ހުއްދަ ދީފައި ނުވާ ކަމަށެވެ. އަދި އެ ބޯޓުގައި ފަސިންޖަރުން ދަތުރު ކުރަމުން ދިޔައީ ގަވާއިދާ ހިލާފަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޑިޕާޓްމެންޓަށް މައުލޫމާތު ދިން ގޮތުގައި ބޯޓުގައި ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ 12 ފަސިންޖަރުންނާއި ހަ ކްރޫ މެމްބަރުން ކަމަށް ވަރިކޯޒީ ވިދާޅުވިއެވެ. އެ ފަސިންޖަރުންނަކީ މުދަލުގެ މުއާމަލާތްތަކާ ހަވާލުވެތިބި ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ކާގޯ ބޯޓުގެ ކެޕޭސިޓީއަކީ 15.5 ޓަނެވެ. ނަމަވެސް އިތުރު ފަސިންޖަރުން އެރުވުމާ ގުޅިގެން އެ އަދަދު ފަހަނަ އަޅައިގެން ދިޔުމަކީ ބޯޓު ވެއްޓެން ދިމާވި ކަމުގެ ސަބަބަށް ވެދާނެ ކަމަށް ވަރިކޯޒީ ވިދާޅުވިއެވެ.

ދެ ފަސިންޖަރުން ސަލާމަތްވި އިރު އެ ތުއްތު ކުއްޖާ އޮތީ އަނިޔާވެފައިވައިވާ ފިރިހެނެއްގެ މޭމަތީ ކަމަށް މަންޒަރު ދުއް މީހުން ބުނެއެވެ. އެ ފިރިހެން މީހާ އޮތީ ހޭނެތިފައި ކަމަށް އެމީހުން ބުންޏެވެ.

ނިޔާލޫ ނަމަކަށް ކިޔާ ތުއްތު ކުއްޖާއަށްވެސް ވަނީ އަނިޔާތަކެއް ލިބިފައެވެ. އެގޮތުން އެ ކުއްޖާގެ ފައި ބިންދައިގެން ގޮސްފައިވާއިރު ނިތްކުރިމަތި ވެސް ވަނީ ހަލާކުވެފައެވެ.

އެ ކާގޯ ބޯޓު ވެއްޓިފައިވަނީ ރިވާ ނައިލް ކައިރިއަށެވެ.