ލަންޑަން (ނޮވެމްބަރު 6) : މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮންގެ ސަރުކާރަށް ކުރިމަތިވި ފާޑުކިޔުންތަކަށް އޭނާ ރައްދު ދެއްވައިފިއެވެ.

ކެމެރޮން ވިދާޅުވީ މިސްރާއެކު ބާއްވާ ގުޅުންތަކަކީ އިނގިރޭސި ގައުމީ މަސްލަހަތަށް މުހިއްމު ގުޅުންތަކެއްކަމުގައެވެ. އިނގިރޭސި ގައުމީ މަސްލަހަތު ހުރިހާ ކަމަކަށްވުރެ މުހިއްމު ކަމަށްވެސް ކެމެރޮން ވިދާޅުވިއެވެ.

ސީސީއަކީ މިސްރުގައި ހުޅަނގުގެ ޑިމޮކްރަސީ އުސޫލުގެ ދަށުން ދެފުށްފެންނަ ގޮތަށް އިންތިޚާބެއް ބާއްވައިގެން އިންތިޚާބު ކުރެވުނު ޑިމޮކްރެޓިކް ފުރަތަމަ ރައީސް ޑރ. މުހައްމަދު މުރުސީގެ ވެރިކަން އަސްކަރީ އިންގިލާބަކުން ވައްޓާލުމަށްފަހު ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ.

އިނގިރޭސިވިލާތަކީ ޑިމޮކްރަސީއާ އިދިކޮޅު މިފަދަ އަމަލުތަކަށް އެންމެ ބޮޑަށް ދެކޮޅުހަދާ ކަމުގެ އަޑުތައްއަރުވަމުން ގެންދާ ހުޅަނގުގެ އެއްގައުމެވެ. ނަމަވެސް ސީސީގެ އަސްކަރީ ވެރިކަންވެސް އަދި ޑިމޮކްރެޓިކް ނޫންގޮތަކަށް ވެރިކަމަށް އިންތިޚާބުވެ ވަޑައިގެން ސީސީ މިހާރު އުފައްދަވާފައިވާ ވެރިކަމަށްވެސް އެންމެ ބޮޑަށް ވާގިވެރިވާ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި އެމެރިކާ ހިމެނެއެވެ.

ސީސީގެ ވެރިކަމުގެ ނިޒާމުންވަނީ މަގާމުން ދުރުކޮށްފައިވާ މިސްރުގެ ރައީސް މުހައްމަދު މުރްސީ ޝަރީއަތަކާނުލައި ޖަލުގައި ހައްޔަރުކޮށްފައެވެ. ސީސީގެ ސަރުކާރުންވަނީ މުރުސީގެ އިތުރުން މިސްރުގެ އެންމެ ބޮޑު ސިޔާސީ ޖަމާއަތް ކަމަށްވާ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ އިސް ލީޑަރުންނާއި އެހެން ސިޔާސީ ޖަމާއަތްތަކުގެ ބައެއް ލީޑަރުންވެސް ޖަލަށްލައި މިސްރުގެ ޑިމޮކްރަސީ ފުނޑުފުނޑުކޮށްލާފައި ކަމަށް ހުޅަނގުގެ ޑިމޮކްރަސީ ޕްރޮމޯޓްކުރާ ޖަމާއަތްތަކުން ބުނެއެވެ.

މީގެއިތުރުން ސީސީގެ ޒައާމަތުގައި އިޚްވާނުލްމުސްލިމޫން ޖަމާއަތްވަނީ ޓެރަރިސްޓް ޖަމާއަތަކަށް ހަދާފައެވެ. ސީސީ އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅާދެކޮޅަށް ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ނަމުގައި މަސައްކަތްކުރާ އިނގިރޭސިވިލާތުގެ ބައެއް ޖަމާއަތްތަކުންނާއި އާންމު ވަކިވަކި ފަރުދުންވަނީ ސީސީއާ ދެކޮޅަށް މުޒާހަރާތައްކޮށް އަޑު އުފުލާފައެވެ. ނަމަވެސް މިކަމަށް އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮންގެ ސަރުކާރުންވަނީ ބީރު ކަންފަތެއްދީ ސީސީ އަށް ހޫނު މަރްހަބާއެއް ކިޔައި ސީސީގެ ސަރުކާރާއެކު ވިޔަފާރިއާއި އިގްތިސާދީ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ.

މިއީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ނަމުގައި ޑޭވިޑް ކެމެރޮންގެ ސަރުކާރުން އުފުލާ ޝިޢާރުތަކުގެ ދޮގުކަމާއި އޭގެ މުނާފިގުކަން ހާމަވާ ކަމެއްކަމަށްބުނެ އިނގިރޭސިބައެއް ނޫސްތަކުންވަނީ ކެމެރޮންއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. (ނޫސްއެޖެންސީތައް)