06 Nov 2015, 14:39
ކާބުލް (ނޮވެމްބަރު 6) : އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތުގެ ޒައީމް މުއްލާ އަޚްތަރު މަންސޫރުގެ ޒަޢާމަތު ގަބޫލުނުކުރާނެކަން އެޖަމާއަތުގެ ގްރޫޕަކުން ބުނެފި އެވެ.
މި ގްރޫޕުން ބުނީ މުއްލާ އަޚްތަރު ވަނީ ތާލިބާނުންގެ ޒަޢާމަތު ހައިޖެކް ކޮށްފައި ކަމަށާ އެހެންކަމުން އެޖަމާއަތުން މުއްލާ އަޚްތަރުގެ ވެރިކަން ގަބޫލުނުކުރާނެ ކަމުގަ އެވެ. ތާލިބާން ޖަމާއަތުގެ ޒައީމަކަށް މުއްލާ އަޚްތަރު މަންސޫރު އިޚްތިޔާރު ކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އެއީ ތާލިބާނުންގެ ކުރީގެ ޒައީމް މުއްލާ މުހައްމަދު އުމަރު މަރުވުމާ ގުޅިގެންނެވެ.
މުއްލާ އުމަރު މަރުވިކަން ތާލިބާނުން ހާމަކުރީ އޭނާ މަރުވިކަން އަފްޣާން ޖާސޫސީ އިދާރާއިން ކަށަވަރު ކުރުމުންނެވެ. އޭރު މުއްލަ އުމަރު މަރުވިތާ ދެ އަހަރު ވެފައިވާ ކަމަށާއި އެ ދެއަހަރު ތެރޭގައި މުއްލާ އުމަރު ދިރިހުރި ކަމަށް ހަދައިގެން އުޅުނުކަން މިދިޔަ އޮގަސްޓް މަހު ތާލިބާނުން އަމިއްލައަށް ވަނީ އެއްބަސްވެފަ އެވެ. ތާލިބާނުންގެ މިހާރުގެ ޒައީމް މުއްލާ އަޚްތަރު މަންސޫރުގެ ޒަޢާމަތު ގަބޫލުނުކުރާނެކަން ހާމަކުރި ތާލިބާނުންގެ ގްރޫޕުން ވަނީ އެ އެގްރޫޕްގެ ޒައީމަކަށް މުއްލާ މުހައްމަދު ރަސޫލް ނަމަ ކަށްކިޔާ މީހަކު އިޚްތިޔާރުކޮށްފަ އެވެ. މިއީ ތާލިބާނުންގެ ކުރީގެ ޒައީމް މުއްލާ އުމަރު މަރުވިފަހުން ތާލިބާން ޖަމާއަތް ބައިބައިވެފައިވާކަން މިހާފާޅުކަން ބޮޑުގޮތެއްގައި ހާމަވެގެންދިޔަ ފުރަތަމަ ފަހަރެވެ.
ތާލިބާނުންގެ މައި ޖަމާއަތުން ވަކިވެގެންފައިވާ މިގްރޫޕްގެ އިތުރުން ތާލިބާނުންގެ ކުރީގެ ޒައީމް މުއްލާ މުހައްމަދު އުމަރުގެ އާއިލާއިންނާއި އޭނާ އަށް ތާއީދުކުރާ ތާލިބާން ހަނގުރާމަވެރިންގެ އެތަށްބަޔަކު ވެސް ގެންދަނީ މުއްލާ އަޚްތަރުގެ ޒަޢާމަތު ގަބޫލުކުރުމަށާއި އޭނާގެ އަމުރުތަކަށް ކިޔަމަން ވުމަށް ދެކޮޅު ހަދަމުންނެވެ. ނަމަވެސް މި ބައިބައިވުންތަކާ ގުޅިގެން ތާލިބާން ޖަމާއަތް އަސްކަރީ ގޮތުން ބަލިކަށިވިކަން މިހާތަނަށް ފާހަގަ ކުރެވިފައެއް ނުވެއެވެ. (ރޮއިޓާސް)