02 Apr 2011, 23:19
ފިހާޅޮހި އައިލެންޑް ރިސޯޓުގެ މުވައްޒިފަކު އެތަނުގެ ފާހާނާއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފިހާޅޮހި އައިލެންޑް ރިސޯޓުން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ މަރުވެފައި އޮއްވާ ފެނުނީ އެ ރިސޯޓުގެ ހެޑް ރޫމް ބޯއީއެއްގެ ގޮތުގައި މަސައްކަތް ކުރާ ސ. ހިތަދުއަށް އުފަން، މުހަންމަދު ނިޔާސް 25 ކަމަށެވެ. އޭނާ ބުނީ ނިޔާސް މަރުވެފައި އޮއްވާ ފެނުނީ އޭނާއާ އެއްކޮޓަރިއެއްގައި އުޅޭ މީހަކު ކޮޓަރިއަށް ވަންއިރު އެ ކޮޓަރީގެ ފާހާނާތެރެއަށް ވެއްޓިފައި އޮއްވާކަމަށެވެ.
"އޭނާ އާ އެކު އެކޮޓަރީގައި އުޅޭ އަނެއް މީހާ ޑިއުޓީއަށް ދާންވެގެން ފާހާނާއަށް ވަން އިރު ފެނުނީ ނިޔާސް ވެއްޓިފައި އޮތީ ފާހާނާ ތަޅުންގަނޑު މައްޗަށް. ނިޔާސް އަކީ އާންމު ބައްޔެއް ހުންނަ މީހެއް ވެސް ނޫން. ވަރަށް މަސައްކަތައްވެސް ރަނގަޅުކުއްޖެއް،" އެ މީހާ ބުންޏެވެ.
ނިޔާސް ގެ ކުއްލި މަރާއި ގުޅިގެން އެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުން އެ ރިސޯޓަށް ގޮސްފައި ވާކަމަށް ވެސް އޭނާ ބުންޏެވެ. އެ ރިސޯޓުގެ ބައެއް މުވައްޒިފުން ބުނީ ނިޔާސް މަރުވީ ފެންވަރަންވެގެން ހީޓަރު ޖެއްސި ގަޑީގައި ކަރަންޓް ޝޯޓެއްވެގެންކަމަށް ލަފާކުރެވޭ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެކަމާ ގުޅޭ ތަފްސީލް އަދި ދެވެން ނެތް ކަމަށެވެ.
އޭޑީކޭ ހޮސްޕިޓަލުންވެސް ވަނީ ފިހާޅޮހި ރިސޯޓުން މަރުވެފައި އޮތް މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެނެސްފައިވާކަން ކަށަވަރު ކޮށްދީފަ އެވެ.