06 Nov 2015, 12:15
ރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލިނުރައްކަލުގެ ހާލަތާ ގުޅިގެން ރައްޔިތުންގެ އަސާސީ މިނިވަންކަން ގެއްލިގެން ދާކަމަށާއި އެ ހާލަތު އުވާލަން ޖެހޭނެ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނެފިއެވެ.
އީޔޫ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަސާސީ މިނިވަންކަމާއި ހައްގުތައް އަލުން ރައްޔިތުންނަށް ހޯދައިދިނުމަކީ ސަރުކާރުން މިހާރު ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ކުއްލި ހާލަތާ ގުޅޭގޮތުން ހުރިހާ ސިޔާސީ ޕާޓީން ދެކޭގޮތް ހާމަވާ ފަދަ ބަޔާނެއް ކަހަލަ ލިޔުމެއް ޝާއިއު ކުރުމަކީ އެކަހަލަ ހާލަތެއްގައި ކޮންމެހެން ކުރުން މުހިއްމު ކަމެއް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ކުއްލި ހާލަތުގައި ހުރިހާ ޕާޓީތަކުން ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ޖެހޭނެ ކަމަށްވެސް އެ ބަޔާނުގައި ބުންޏެވެ.
ރާއްޖޭގައި އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް އީޔޫގެ އިތުރުން ކޮމޮން ވެލްތު އަދި އެމެރިކާއިން ވެސް ވަނީ ގޮވާލާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރާއްޖޭގައި 30 ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ.