މީގެ ކުރިން މުޅިން ވެސް އަޑުއިވެނީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރާ ވާހަކަ އެވެ. އެކި އުކުޅުތައް ބޭނުންކޮށްގެން އެޖަރީމާ ހިންގާ ވާހަކަ އެވެ. ނަމަވެސް މިހާރު މިވަނީ އެހެން ބިރުވެރި ވާހަކަތަކެއް ފެންމަތިވެފަ އެވެ. ރާއްޖެ އެތެރެކުރުން މަނާ އެތައް ޖަނަވާރަކާއި ނުރައްކާތެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅޭ ވާހަކަ އެވެ. "ވައިލްޑް ލައިފް" ޖަނާވާރުތަކާއި ހަތިޔާރުތައް ރާއްޖެއަށް އެތެރެވެފައި މިވަނީ ހައިރާން ކުރުވަނިވި ގޮތަކަށެވެ. އެއީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. ނަމަވެސް ކޮންމެވެސް ބާގަނޑުތަކެއްގެ ސަބަބުން އެނުރައްކާތެރި ހަތިޔާރު އެވަނީ ފެންނަން ފަށައިފަ އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ ބ. ހިބަޅިދޫ ފަޅުތެރެއަށް ފައްތާފައި ހުރި ގިނަ އަދަދެއްގެ ހަތިޔާރުތަކެއް ހޯދައިފަ އެވެ. އޭގެ ތެރެއިން ދެ ހަތިޔާރަކީ ސިފައިންގޭ ބަޑިގުދަނުގެ ހަތިޔާރުކަން ކަށަވަރު ކުރެވިފައިވާ އިރު ދެން ހުރި ހަތިޔާރަކީ ކިހިނެއް އެތެރެވި ހަތިޔާރެއްކަން އަދި އެވަނީ ނުހޯދިފަ އެވެ.

ހަމައެއާ އެކު މިފަހަކަށް އައިސް އެކި ފަހަރުމަތިން މާލޭގެ ބައެއް ގޭގެ ބަލައި ފާސްކުރުމުގެ ތެރެއިންވެސް ފުލުހުންވަނީ މާލޭ ގެއަކުން ފިސްތޯލަކާއި ބޮންހަދާ ސާމާނު ހޯދައިފަ އެވެ. ހަމައެހެންމެ ހަތިޔާރު ހުރެދާނެ ކަމަށް ބަލައި ފުލުހުން ދަނީ ތަފާތު އެތައް ފަހަރެއްގެ މަތިން ގޭގެ ބަލައިފާސްކުރަމުންނެވެ. އެކަމުން ވެސް ރާއްޖެ އެތެރެވުން މުޅިން މަނާ ހަތިޔާރު ރާއްޖެ އެތެރެވެފައިވާކަން އެބަ އިނގެ އެވެ.

އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ، މިހާތަނަށް ފެނިފައި ވަނީ ހުރިހާ ހަތިޔާރު ނޫންކަން، ފުލުހުން ކުރިއަށް ގެންދާ ތަހުގީގުންނާއި ލިބިފައިވާ މައުލޫމާތުން އެނގޭ ކަމަށެވެ. އެވާހަކަތަކުން ވެސް ރާއްޖެ އަށް ހަތިޔާރު އެތެރެވެފައިވާކަމުގެ ހެކި އެބަލިބެ އެވެ.

ރާއްޖެއަށް އެެތެރެކުރުން މުޅިން މަނާ މިފަދަ ތަކެތި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރެވޭނީ ކަނޑުގެ މަގުން ނޫނީ ވައިގެ މަގުން ކަމުގައިވާއިރު ވައިގެ މަގުން ވެސް ކަނޑުގެ މަގުން ވެސް ރާއްޖެ އަންނަ ބޯޓު ފަހަރު، ރާއްޖެއަށް އެތެރެވުމުގެ ކުރިން ވަރަށް ގިނަ މަރުހަލާތަކެއް ކަނޑަތުކުރަން ޖެހެ އެވެ. އެގޮތުން ރާއްޖޭން ބޭރުން މުދާ ހިފައިގެން އަންނަ ބޯޑުފަހަރު ސެކިއުރިޓީ ކްލިއަރެންސް ހަދަން ޖެހެ އެވެ. ނަމަވެސް ނުރައްކާތެރި ތަކެތި މިފެންނަނީ އެތެރެވެފައި ހުއްޓަ އެވެ.

ކަސްޓަމްސްގެ ސީނިއާ ސުޕްރިޓެންޑެންޓް އަހުމަދު ނިޔާޒު ވިދާޅުވި ގޮތުގައި ކަސްޓަމްސްއިން ރާއްޖެ އެތެރެވާ މުދާތައް ދޫކުރަމުންދަނީ ބަލަން ޖެހޭ ވަރަށް ބަލައިގެންނެވެ. އޭގެ ތެރެއިން ވަކިހުއްދައެއް ލިބިގެން ނޫނީ އެތެރެ ނުކުރެވޭ މުދާ ދޫކުރަމުންދަނީ އެހުއްދަތައް ހޯދައިގެން ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ.

"އުސޫލެއްގެ ގޮތަށް ހުރިހާ މުދަލެއް ބަލައިފާސްކުރަމުންދާގޮތަށް މިހާރުވެސް ބަލައި ފާސްކުރަމުން ދަނީ. އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ ޝިޕްމެންޓްތައް ބަލައި އޭގެ އިތުރަށް ހުރިހާ މުދަލެއް ހުރިހާ ކޮންޓެއިނާއެއް ހުޅުވާ ޗެކް ކުރުމަށް ފަހު އަޅުގަނޑުމެން ދޫކުރަމުން ދަނީ،" ނިޔާޒު ވިދާޅުވި އެވެ.

ހަތިޔާރު އެތެރެވެފައި ވަނީ ކިހިނެއްތޯ ކުރެވޭ ސުވާލުގެ ޖަވާބަށް ބަޑިބޭސް ކޮންޓެއިނަރެއްގެ ވާހަކަ މިވަނީ ފެންމަތިވެފަ އެވެ. އެ ކޮންޓޭނާ އެތެރެކޮށްފައި ވަނީ އެމްއެމްޕީއާރްސީގެ ބޭނުމަކަށް ކަމަށް ބުނެ އެވެ. އަދި ކޮންޓޭނާ ކްލިއާކޮށްފައި ވަނީ ސިފައިންނެވެ. އެ މައްސަލާގައި އޭރު ޑިފެންސް މިނިސްޓަރަކަށް ހުންނެވި މޫސާ އަލީ ޖަލީލު ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވާ ގޮތުގައި އެ ބަޑިބޭސް ކޮންޓެއިނާ އެމްއެމްޕީއާރުސީގެ ބެލުމުގެ ދަށުން އެތެރެކޮށްފައި ވަނީ އެމަނިކުފާނުގެ ހުއްދަ ހޯދުމަކާ ނުލަ އެވެ. ރައީސް ވިދާޅުވި ގޮތުގައި އެ ޝިޕްމަންޓްގައި ދެން ހުރީ ކޮން އެއްޗެއް ކަމެއް ވެސް ނޭނގެ އެވެ. ބަޑިބޭހަކީ ބޮން އުފައްދަން ވެސް ބޭނުންކުރެވިދާނެ އެއްޗެއް ނަމަވެސް، އެއީ އަވަސް އަރުވާލައިގެން ކުލިއާކޮށްފައި އޮތް ޝިޕްމެންޓެއް ކަމަށް ރައީސް ވިދާޅުވި އެވެ.

އެއީ ކިތަންމެ މަތިން ހުއްދަ ލިބިގެން ކުލިއާކުރި ކޮންޓެއިނާއަކަށްވީ ނަމަވެސް ރަނގަޅަށް ޗެކް ކުރެވެންޖެހެ އެވެ. އެކޮންޓެއިނާއާ މެދު ޝައްކު ތަކެއް ކުރެވޭ ނަމަ އެގޮތަށް އެތެރެކުރެވޭ އެހެން މުދާތަކާއި މެދު ކުރެވޭ ޝައްކުތައް ވެސް މަދެއް ނުވާނެ އެވެ. އެހެންކަމުން އެއީ އެގޮތަށް ތަކެތި އެތެރެކުރަން އޮތް ދޮރަކަށް އެވަނީވެފަ އެވެ.

ބަޑިބޭސް ޝިޕްމެންޓް އެތެރެވުމާ ގުޅޭ ގޮތުން ރާއްޖެއަށް އެތެރެވާ އަދި ބޭރުވާ ތަކެތި ބަލަހައްޓާ ކަސްޓަމްސުން ބުނެފައި ވަނީ އެ ބަޑިބޭސް ކޮންޓެއިނަރަށް ކްލިއަރެންސް ދިނުމުގައި އެ އިދާރާ އިން އަމަލުކޮށްފައި ވާނީ ރާއްޖެ އަށް ގެނައުން މަނާ ތަކެތީގެ ގާނޫނާ އެއްގޮތަށް އެ ގާނޫނުގައި ބުނާ ހުރިހާ އިޖްރާއަތުތަކެއް ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ.

ހަތިޔާރު އެތެރެކުރި ގޮތެއް އަދި ސާފު ނުވާއިރު މީގެ ކުރިންވެސް ވަނީ އެފަދަ ނުރައްކާތެރި ތަކެތި ރާއްޖެ އެތެރެކުރަން އުޅުމުގެ ތެރެއިން އަތުލައިގެންފަ އެވެ. އެގޮތުން ރާއްޖެއިން ނުފެންނަ ބައެއް ބާވަތްތަކުގެ ޖަނަވާރު، މީގެ އަހަރުތަކެއް ކުރިން ވެސް ކަސްޓަމްސްގެ މުދާ ކްލިއަރެންސް ހެދުމުގެ ތެރޭގައި ފެނިފައިވާ ކަމަށް ކަސްޓަމްސްގެ ރެކޯޑްތަކުން ދައްކަ އެވެ. އޭރު އެތަކެތި އެތެރެވެފައި ހުންނަނީ ލަކުޑި ޝިޕްމަންޓް ފަދަ އެއްޗެހީގައި ފޮރުވައިގެންނެވެ. އެގޮތްގޮތަކީ ހަތިޔާރު ފަދަ ތަކެތި އެތެރެ ކުރަން ވެސް ބޭނުންކުރާނެ ގޮތްތައް ކަމަށް މިވަނީ ބަލަންޖެހިފަ އެވެ.

އިސްވެ ފާހަގަ ކުރި ކަންތައްތަކަށް ބަލައިގެން ވެސް ރާއްޖެ އަށް ގަވައިދާ ހިލާފަށް ތަކެތި އެތެރެވާކަމުގެ ހެކިތައް މިވަނީ ލިބިފަ އެވެ. އޭގެ ތެރެއިން ވެސް އެންމެ ނުރައްކާތެރި އެއް ކަމަކީ ނުރައްކާތެރި ހަތިޔާރާއި ގޮވާ ތަކެތި ފަދަ ސާމާނުތައް ރާއްޖެ އެތެރެވެފައިވާތީ އެވެ. މިކަންކަމަށް ބަލާއިރު ރާއްޖެއަށް އެތަކެތި އެތެރެވާގޮތްތަކެއް އޮންނަ ކަން އެބަހާމަވެ އެވެ. ރާއްޖެއަކީ ކަނޑުމަގުން މުދާ އެތެރެކުރެވޭ ގައުމަކަށް ވުމުން ގަވައިދާ ހިލާފަށް ރާއްޖެ ސަރަހައްދަށް ބޯޓްތައް ވަދެ މުދާ ދޫކުރޭތޯ މިވަނީ ބަލަންޖެހިފަ އެވެ.