(3ނޮވެމްބަރު ދުވަހުގެ ޢަދަދާ ގުޅޭ)

ސަމާވީ ދީންތަކުގައި އެއް އަނތްބަށްވުރެ ގިނަ އަނތްބަށް މީހުނާ އިނުން

އިލްހާމީ ދީންތަކެއް ކަމުގައިވާ ޔަހޫދިއްޔަތާއި ކްރިސްޓިއަނިޓީއާއި، އިސްލާމްދީނާ ތިންދީންވެސް އެއް އަނތްބަށްވުރެ ގިނަ އަނބީންނާ އެއްފަހަރާ ކާވެނިކުރުން ހުއްދަ ކުރެއެވެ. މި ތިން ދީނުގެ ތާރީޚުންވެސް، އެ ދީންތަކުގެ ނަބިއްޔުންނާއި ދީނީ އިސްބޭބޭކަލުން އެއް އަނބިކަނބަލަކަށްވުރެ ގިނަ އަނބިކަނބަލުންނާ އެއްފަހަރާ ކާވެނި ބައްލަވައިގެން އުޅުއްވިކަން ސާބިތުވާން އެބައޮތެވެ. މިސާލެއްގެ ގޮތުން، ޔަހޫދީ ދީނާއި، ކްރިސްޓިއަން ދީނާއި، އިސްލާމްދީނާ މި ތިން ދީންވެސް ގަބޫލުކުރާ ގޮތުގައި،إبـراهيـمعليهالسّلامއަކީأبـوالأنبيـاءއެވެ. އެ ތިން ދީނުގެ އަހުލުވެރީންގެ ރޫޙާނީ ބަފައިކަލުންނެވެ. މި ތިން ދީނުގެ އަހުލުވެރީންވެސް އެކަލޭގެފާނަށް ކަމޭހިތައެވެ. ޙުރުމަތްތެރިކޮށް ހިތައެވެ.السيّدةسارةއާއިالسيّدةهاجرއަކީ އެ ތިން ދީންވެސް އިޢުތިރާފުވާ ގޮތުގައި،إبراهيمގެފާނުގެ ދެ އަނބިކަނބަލުންނެވެ.

ޔޫރަޕިއަން މުޞަންނިފު ވެސްޓަރ މާކް (Wester Marck) ލިޔުއްވައިފައިވެއެވެ.

"ގިނަ އަނބީން ގެންގުޅުމާމެދު ލޫތަރު ވަރަށް ގިނަފަހަރަށް ޚިޔާރު ކުރައްވައިފައިވަނީ ދޫދެއްވުމެވެ. ކަލާނގެ އެކަން މަނައެއް ނުކުރައްވައެވެ.إبراهيمގެފާނަކީ ފުރިހަމަ އިންސާނެކެވެ. އެކަލޭގެފާނުގެވެސް ދެ އަނބިކަނބަލުން ތިއްބެވިއެވެ. އޯލްޑް ޓެސްޓަމަންޓުގައި މާތްކަލާނގެ ވަނީ ބައެއް މީހުންނަށް ޚާއްޞަ ޙާލަތްތަކުގައި އެފަދަ ކާވެނިތަކުގެ ހުއްދަ ދެއްވައިފައެވެ."

(Wester Marck/The Future Marriage in Western

Civilization London, 1936, P-173)

ޔަހޫދީންގެ މުޞަންނިފް އިބްރާހީމް ލިޔޫން "ޔަހޫދީންގެ ތާރީޚު" ގައި ލިޔުއްވައިފައިވެއެވެ.

އެއް އަނތްބަށްވުރެ ގިނަ އަނބީންނާ ކާވެނި ކުރުމުގައި ޤާނޫނީގޮތުން އެއްވެސް މަނާކުރެވުމެއް ނެތެވެ. މެދުތެރޭ ޤަރުނުގައި ރައްބީ ގެރެޝަމް “Rabbi Gershom” ފަތުވާ ދެއްވައިފައިވާ ގޮތުގައި، ކޮންމެ މީހަކަށްވެސް އެމީހެއްގެ އެކަށޭނަކަން ހުރިވަރަކަށް އަނބީން ގެންގުޅެވިދާނެއެވެ. އަހަރެމެންނަށް އިރުޝާދު ދެވިފައިވާ ގޮތުގައި، “Gideon” ގެ ހަތްދިހަ އަނބީން ތިއްބެވެ.داؤدގެފާނުގެ ހަތް އަނބިކަނބަލެއްގެ ނަންފުޅު، އަހަރެމެންނަށް އެނގެއެވެ. ޔަހޫދީންގެ ތާރީޚުގައި އެންމެގިނަ އަނބިކަނބަލުން ތިއްބެވީسليمانގެފާނުގެ ކަމުގައި ބެލެވެއެވެ."

(Abram Leon Sachar/A History of the Jews,

New York, 1972, P-94)

ހާޕަރ (Harper’s) ގެ ބައިބްލް ޑިކްޝަނަރީގައި ވެއެވެ.

"އޯލްޑް ޓެސްޓަމަންޓުގެ ދުވަސްވަރު، އެއް އަނތްބަށްވުރެ ގިނަ އަނތްބަށް މީހުނާ އިނުމުގެ ހުއްދަ އޮތެވެ. ތައުރާތުގެ ޤާނޫނުތައްވެސް އެކަން މަނައެއް ނުކުރެއެވެ. ކާވެނިނުކޮށް އަނބީންގެ ގޮތުގައި ގެންގުޅޭ އަންހެނުންނާއި، (މިސްޓްރެސް) ޖާރިޔާއިންނާއި، އެނޫންވެސް ގިނަ އަދަދެއްގެ އަނބީން ގެންގުޅުމަކީ ޢާއްމު ކަމެކެވެ.إبراهيمގެފާނާއި،يعقوبގެފާނާއި،يوسفގެފާނުގެ އެއް އަނބިކަނބަލުންނަށްވުރެ ގިނަ އަނބިކަނބަލުން ތިއްބެވިއެވެ. ރަސްރަސްކަލުންގެ ވަރަށްގިނަ އަނބިއަނބިކަނބަލުން ތިއްބެވިއެވެ.داؤدގެފާނާއިسليمانގެފާނު ސިޔާސީ އިއްތިހާދީންނަށްޓަކައި، އެއްފަހަރާ އެތައް އަނބިކަނބަލަކާ ކާވެނި ކުރެއްވި ފަދައިންނެވެ."

(Harper’s Bible. Dictionary by Madeleine Smiller Etc, P-421)

ބަނީ އިސްރާއީލުގެ ނަބީބޭކަލުންވަނީ އެއް އަނބިކަނބަލަކަށްވުރެ ގިނަ އަނބިކަނބަލުންނާ އެއްފަހަރާ ކާވެނި ބެއްލެވުމުގެ އުސޫލަށް ޢަމަލު ކުރައްވައިފައެވެ.موسىعليهالسّلامގެ ހަތަރު އަނބިކަނބަލުން ތިއްބެވިއެވެ. އެއީ:

  1. ޞަފޫރާ

  2. ޖަޝީރު
  3. ޤީނީ އެވެ ކިޔުނު ބޭކަލެއްގެ ދަރިކަނބަލެއް
  4. ޙަބާބު އެވެ ކިޔުނު ބޭކަލެއްގެ ދަރިކަނބަލެއް

މި ހަތަރު ބޭކަނބަލުންގެ އިތުރަށްވެސް،موسىعليهالسّلامއަށް އެތަކެއް އަނބިއަނބިކަނބަލުން ހުއްދަ ކުރައްވައިފައިވާކަން އެނގެނެވެ. (ޑިޔުޓަރޮނޮމީ: 2/13-10)

ބައިބްލް ބާވައިލެއްވި ދުވަސްވަރު، އެއް އަނތްބަށްވުރެ ގިނަ އަނތްބަށް މީހުނާ އިނުމަކީ އާއްމުކޮށް ޤަބޫލުކުރެވި ހިނގަމުންއައި ކަމެކެވެ. އާދައިގެ ކަމެކެވެ. އެކަން އޮތީ ދީނީގޮތުންނާއި، އިޖްތިމާޢީގޮތުންނާއި އަޚްލާޤީގޮތުން ގަބޫލުކުރެވި ޢާއްމުވެފައެވެ. އެއްވެސް ވަރަކަށް އެކަމާ އިޢުތިރާޟުކުރެވި، ފާޑުކިޔެމުންނެއް ނުދެއެވެ. އެކަމާމެދު ބެލެވިފައިވަނީ، މުޅީން ހުއްދަ ކަމެއްކަމުގައެވެ. ފިޠުރީ ކަމެއްގެ ގޮތުގައެވެ. އެހެންކަމުން، ބައިބްލްގައި އެކަމާމެދު ވަކި އުސޫލުތަކެއް އެކަށައަޅުއްވައިފައެއް ނުވެއެވެ. އެކަމަށް އެއްވެސް ހުރަހެއްވެސް އަޅުއްވައިފައެއް ނުވެއެވެ. އަދި ކީއްތޯއެވެ؟ މެތިއުގެ ބައިބްލްގެ ފަންސަވީސްވަނަ ބާބުގައިعيسىعليهالسّلامއާ ބެހޭގޮތުން އައިސްފައިވާ ތަމްސީލީ ވާހަކަޔަކުން އެކަމަކީعيسىعليهالسّلامދެކޮޅު ހެއްދެވި ކަމެއް ނޫންކަން އެނގެއެވެ.

ކްރިސްޓިއަނިޓީ އުފެދުނުތާ އެތައްސަތޭކަ އަހަރެއް ވަންދެންވެސް ޗަރޗުގެ އެއްވެސް މަޖްލިސަކުން އެއް އަނތްބަށްވުރެ ގިނަ އަނތްބަށް މީހުނާ އިނުމާމެދު އިޢުތިރާޟުކޮށްފައެއް ނުވެއެވެ. އަދި ކީއްތޯއެވެ؟ ކްރިސްޓިއަން ރަސްރަސްކަލުންނާއި އަމީރުން ވަނީ އެއްފަހަރާ އެތައް އަނބިއަނބިކަނބަލުންނެއް ގެންގުޅުއްވައިފައެވެ. ޗާރޗުން އެއްވެސް ވަރަކަށް އެކަމަކާ އިންކާރެއް ނުކުރެއެވެ. ކްރިސްޓިއަން ރަސްކަލެއް ކަމުގައިވާ ޝާރލިމީންވެސް އެއްފަހަރާ ދެ އަނބިކަނބަލަކާ އެތަކެއް މިސްޓްރެސްޓުން ގެންގުޅުއްވިއެވެ.

ޔޫރަޕިޔަން މުއައްރިޚެއް ކަމުގައިވާ ވެސްޓަމާކް (Wester Marck) ލިޔުއްވާގޮތުގައި، "ކްރިސްޓިއަން ބައެއް ފިރުޤާތަކުން ވަނީ އެއް އަނތްބަށްވުރެ ގިނަ އަނތްބަށް މީހުނާ އިނުން ހުއްދަކަމަށް ވަރަށްބޮޑަށް ވަކާލާތު ކޮށްފައެވެ. 1531މ. ގައި، ކްރިސްޓިއަން ފިރުޤާއަކުން ވަނީ، ޙަޤީޤީ ތެދުވެރި ކްރިސްޓިއަނަކަށްވާން ބޭނުން މީހުން، ގިނަ އަނބީން ގެންގުޅުމަށް ގޮވާލައިފައެވެ. އެކަން ޢާއްމުކުރުމަށް ވަޢުޡު ބުނެފައެވެ. ބައެއް ފިރުޤާތަކުން ދަޢުވާ ކޮށްފައިވާ ގޮތުގައި، އެމީހެއްގެ ތަނަވަސްކަންހުރި ނިސްބަތަކުން، ގިނަ އަނބީން ގެންގުޅުމަކީ ވާޖިބެކެވެ. ދުނިޔެއާއި އާޚިރަތުގެ ހެޔޮކަން ލިބިގަތުމަށްޓަކައެވެ."

(Wester Marck/The Future of Marriage in

Western Civilization, P-173)

ކުރީގެ ރަސޫލުންނާއި ނަބީބޭކަލުންގެ އެއް އަނބިކަނބަލުންނަށްވުރެ ގިނަ އަނބިކަނބަލުން

ރަސޫލުންނާއި ނަބީބޭކަލުންގެ މާތްކަމާއި، ދަރަޖަ މަތިވެރިކަމާއި، މުޤައްދަސްކަމަށް، ސަމާވީ ތިން ދީންކަމުގައިވާ ޔަހޫދީދީނާއި، ކްރިސްޓިއަންދީނާއި، އިސްލާމްދީންވެސް އިޢުތިރާފުވެއެވެ. އެބޭކަލުންގެ ޙަޔާތްޕުޅުގެ ތާރީޚު ވަނީ އެބޭކަލުން އެއް އަނބިކަނބަލުންނަށްވުރެ ގިނަ އަނބިކަނބަލުން ގެންގުޅުއްވިކަމަށް ހެކިވެފައެވެ. އެކަކަށްވުރެ ގިނަމީހުންނާ އެއްފަހަރާ ކާވެނިކުރުން ހުއްދަ ނޫންކަމަށް، އެއްވެސް ރަސޫލަކު ނުވަތަ ނަބީބޭކަލަކު ވިދާޅުވެފައެއް ނުވެއެވެ.

إبراهيـمعليهالسّلامގެ ދެ އަނބިކަނބަލުން ކަމުގައިވާالسيّدةسارةއާއިالسيّدةهاجرގެ ވާހަކަ އަޅުގަނޑު ވަނީ ކުރިންވެސް ދަންނަވައިފައެވެ. އެ ދެބޭކަނބަލުންގެ އިތުރަށް،قتورةخاتونއެވެ ކިޔުނު އަނބިކަނބަލަކު އިންނެވިކަމަށް، ބައިބްލްގައި ވެއެވެ. އެ އަނބިކަނބަލުންގެ ފަރާތްޕުޅުންزمرانއެވެ ކިޔުނު ދަރިކަލަކު ލިބިވަޑައިގެންނެވިކަމަށްވެސް ބައިބްލްގައި ވެއެވެ. (ޖެނެސިސް 1/25)

يعقوبعليهالسّلامގެ ހަތަރު އަނބިކަނބަލުން ތިއްބެވިކަން، ބައިބްލްގެ ބާބެއްކަމުގައިވާ ޖެނެސިސް އިން އެނގެއެވެ. އެބޭކަނބަލުންނަކީ:

  1. ލައްޔާހު

  2. ޒުލްފާ
  3. ރާފިލު
  4. ބަލްހާ، މި ހަތަރު އަނބިކަނބަލުންނެވެ.

موسىعليهالسّلامގެ ހަތަރު އަނބިކަނބަލުންގެ ވާހަކަ، އަޅުގަނޑު ވަނީ، މަތީގައި ދަންނަވައިފައެވެ.

داؤدعليهالسّلامގެ ނުވަ އަނބިކަނބަލުންނާއި ވަރަށްގިނަ ޖާރިޔާއިން ތިއްބެވިކަން، ބައިބްލުން އެނގެއެވެ. އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ނަންފުޅުތަކަކީ:

  1. އަޚޫޢިމް

  2. އަބީޙަބީލީ
  3. މީކަލް ބިންތު ސާއުލް
  4. މަޢުކާ ބިންތު ތަލްމީ
  5. ޙަޖީތު
  6. އަބީތާލު
  7. އަޖުލާހު
  8. ބިންތު ސަބްޢު
  9. އަބީޝާގު

ދިހަ ޖާރިޔާއިން (ދަ ފަސްޓް ބުކް އޮކް ސެމުއެލް)

(ދަ ފަސްޓް ބުކް އޮފް ސެމުއެލްގައިވާ ދިހަ ޖާރިޔާއިންގެ އިތުރަށްވެސް، ޖާރިޔާއިން ތިއްބެވިކަމަށް، ދަ ސެކަންޑް ބުކް އޮފް ސެމުއެލްގައިވެއެވެ.)

سليمانعليهالسّلامގެ ހަތްސަތޭކަ އަނބިކަނބަލުންނާއި، ތިންސަތޭކަ ޖާރިޔާއިން ގެންގުޅުއްވިކަމަށްވެއެވެ. (ކިންގްސް 3/11)سليمانގެފާނުގެ ދޮށީ ދަރިކަލުންرجعامގެ އަށާރަ އަނބިކަނބަލުންނާއި، ފަސްދޮޅަސް ޖާރިޔާއިން ތިއްބެވެ. (ކްރޯނިކަލްސް 21/11)

މަތީގައިއެވާ މަޢުލޫމާތުން ސާބިތުވާގޮތުގައި، ކުރީގެ ނަބީބޭކަލުންނާއި ރަސޫލުބޭކަލުންވަނީ އެއް އަނތްބަށްވުރެ ގިނައަނތްބަށް މީހުނާ އިނުން ހުއްދަ ކުރައްވައިފައެވެ. ޚުދު އެބޭކަލުންވެސް އެކަމަށް ޢަމަލުކުރައްވައިފައެވެ. ސަމާވީ ތިން ދީންކަމުގައިވާ ޔަހޫދިއްޔަތާއި ކްރިސްޓިއަނިޓީއާއި އިސްލާމްދީންވެސް ވަނީ ނަބީބޭކަލުންގެ އަބުރުފުޅަށް އަރައިގަތުން ވަރުގަދަޔަކަށް ނަހީކޮށްފައެވެ. އެބޭކަލުންގެ ޢިއްޒަތާއި، ޝަރަފާއި، ކަރާމަތާއި، މަޢުޞޫމުކަމަށް ޙަމަލަދިނުމަކީ ބޮޑު ފާފައެއް ކަމުގައި ބަޔާންކޮށްފައެވެ. އިސްވެދިޔަ ނަބީބޭކަލުންނާއި ރަސޫލުބޭކަލުން، ބަޔާންކުރެވިދިޔަ ޢަދަދަށް އަނބިއަނބިކަނބަލުންނާއި ޖާރިޔާއިން ގެންގުޅުއްވުމުން، ޔަހޫދީންނާއި ކްރިސްޓިއަނުން އެކަމަކަށް އެއްވެސް އިޢުތިރާޟެއް ނުކުރެއެވެ. އެކަމާމެދު ބަލައިފައިވަނީ، އެބޭކަލުންގެ ޢިއްފަތްތެރިކަމާއި، ޢިޞްމަތްތެރިކަން ރައްކާތެރި ކުރެއްވުމުގެ ވަސީލަތެއްކަމުގައެވެ. އެބޭކަލުންގެ ތަޤްވާވެރިކަން ޙިމާޔަތްކުރެއްވުމުގެ ޒަރީޢާއެއް ކަމުގައެވެ. ޝައްކެއްނެތެވެ. އެއީ އަޅުގަނޑުމެން މުސްލިމުންގެވެސް އީމާނެވެ. ޤަބޫލުކުރާ ގޮތެވެ. އެކަމަކު މައްސަލައަކީ، ޔަހޫދީންނާއި ކްރިސްޓިއަނުން އެއްކަމެއްގައި މިންއަޅަން ތަފާތު ދެމިންގަނޑެއް ގެންގުޅޭކަމެވެ. އެއުރެންގެ ނަބީބޭކަލުންގެ "ޢިއްފަތާއި، ޢިޞްތަމާއި ތަޤްވާގެ އައްޑަނައެއް ކަމުގައި" ދަޢުވާކުރާ ކަންތައް އިސްލާމްދީނުގެ ނަބިއްޔާصلّىاللّـهعليهوسلّمގެ ޝަހްވަތްތެރިކަމާއި ޖިންސީ ލައްޒަތަށް ދަހިވެތިވެވަޑައިގަތުންކަމުގައި ބަލާކަމެވެ. އެވާހަކައިގެ ޒަރީޢާއިން އިތުރު ސާހިބާގެ ޠާހިރު ސީރަތު ހުތުރުކޮށް، އެ މާތް ސާހިބާ ބަދުނާމުކުރާކަމެވެ. ޝައްކެއް ވަސްވާހެއް ނެތްގޮތުގައި، އެއީ ކަނޑައެޅިގެންހުރި ބޭއިންސާފެވެ. ޙަސަދަވެރިކަމެވެ. ތަޢައްޞުބެވެ. ޒާތް ނުބައިކަމެވެ. ނީހައެވެ. ހަމައެކަނި ޔަހޫދީންނާއި ކްރިސްޓިއަނުންނެއް ނޫނެވެ. ހިންދީންނަށްވެސް އަޅުގަނޑުމެން ގޮވާލަނީ، އެންމެފުރަތަމަ ޚުދު އެއުރެންގެ ދޭވަތާއިންނާއި އައުތާރުންގެ ތާރީޚު ދިރާސާކޮށްލުމަށެވެ.

(ނުނިމޭ)