މާލެ (6 ނޮވެމްބަރު)- ކޯޓު އަމުރަކާއެކު ފުލުހުން ސަންގުޓީވީއަށް ވަދެ އެތަން ބަލައިފާސްކޮށް އެ ސްޓޭޝަންގެ ހުރިހާ ސިސްޓަމްތަކެއްގެ ހާޑްޑިސްކުތައް ގެންގޮސްފިއެވެ.

ސަންގު ޓީވީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވީ، ހުކުރު ވިލޭރޭ މެންދަމު، ކޯޓުއަމުރެއްގެ ދަށުން ފުލުހުން އެ ސްޓޭޝަނަށް ވަދެ، އެތަނުގައިހުރި ހުރިހާ ސިސްޓަމްތަކެއްގެ ހާޑްޑިސްކުތައް ގެންގޮސްފައިވާ ކަމަށެވެ.

"އޮފީހުގެ ހުރިހާ ސިސްޓަމްތަކެއްގެ ހާޑްޑިސްކުތައް ފުލުހުން ގެންދިޔަ. ހެއްކާ ގަރީނާ ހޯދުމަށް މުޅި ސްޓޭޝަން ވަނީ އެފުއް މިފުށަށް ޖަހާލާފައި. ފުލުހުން ދިޔައީ 27 ހާޑްޑިސްކު ހިފައިގެން. މުޅި ސްޓޭޝަން ހުއްޓުމަކަށް އައީ،" އަސްވާޑު ވިދާޅުވިއެވެ.

6 ނޮވެމްބަރ 2015: ސަންގު ޓީވީގެ މުވައްޒަފުންގެ ލޮކަރުތައް ފުލުހުން ބަލައިފާސްކޮށްފައި -- ސަން ފޮޓޯ/ފަޔާޒު މޫސާ

އޭނާ ވިދާޅުވީ، މިރޭ 1:13 ކަންހާއިރު ފުލުހުން އެތަނަށް ވަދެ، ކޯޓު އަމުރު ދެއްކުމަށްފަހު، އޮންއެއާ މެދުކަނޑާލުމަށް އެންގި ކަމަށާއި އަދި އެތަނަށް އެއްވެސް މުވައްޒަފަކަށް ނުވަދެވޭގޮތް ހެދުމަށް ފަހު، މުވައްޒަފުން ބޭނުންކުރާ ލޮކަރު ތަކާއި ސަންގު ޓީވީގެ ތިޖޫރީވެސް ހަލާކުކޮށްލައިގެން ހުޅުވައި އެއިންތަނެއްގައި ވެސް ޕެންޑްރައިވެއް ފަދަ އެއްޗެއް އޮތްނަމަވެސް ފުލުހުން ގެންގޮސްފައި ވާ ކަމަށެވެ. ފުލުހުން އެތަނުން ނުކުތީ ފަތިހު 4:40 ކަންހާއިރު އެވެ.

"އެސްއޯ ފުލުހުންނާއެކު އިތުރު ބޭފުޅުން ވަދެ އެންގީ އަޅުގަނޑުމެންގެ އޮންއެއާ ހުއްޓައިލާން. އެކަމަކު އަޅުގަނޑު ދެންނެވިން އޮންއެއާ ހުއްޓައެއް ނުލެވޭނޭ. ކޯޓުއަމުރުގައި ވެސް ނެތެއް ނޫންތޯއޭ އޮންއެއާ ހުއްޓައިލާކަށް. އެހެން ނަމަވެސް އެބޭފުޅުން ވިދާޅުވީ، މިހާރު މިތަން މިއޮތީ ތިމަންނާމެންގެ ބެލުމުގެ ދަށުގައޭ، އެހެންވީމަ އޮންއެއާ ހުއްޓާލާފައި ހަމަ މިހާރު ނުކުންނާށޭ،" ސަންގުޓީވީގެ އޮންއެއާ ހުއްޓުވިމައްސަލަ ކުއްވެރިކުރައްވަމުން އަސްވާޑު ވިދާޅުވިއެވެ.

6 ނޮވެމްބަރ 2015: އަސްވާޑު މީޑިއާއަށް މައުލޫމާތު ދެނީ -- ސަން ފޮޓޯ/ފަޔާޒު މޫސާ

ސަންގު ޓީވީއަކީ ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމިން ރަޝީދުގެ ހިއްސާ އޮންނަ ޓީވީ ޗެނަލެކެވެ.

ސަންގުޓީވީއަށް ވަންނަން ފުލުހުން ހޯދާފައިވާ ކޯޓު އަމުރުގައި ބަލައިފާސްކުރަން ބޭނުންވާ ސަބަބެއް ކަމަށް ބުނެފައި ވަނީ، "ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށާއި ދައުލަތުގެ އިސް ވެރީންތަކަކަށް މަރުގެ އިންޒާރުދީ، ޓެރަރިޒަމްގެ އަމަލުތަކެއް ހިންގާނެކަމަށް ބުނެ ބިރުދައްކާފައިވާ މަންޒަރު ދައްކުވައިދޭ ވީޑިއޯ މެސެޖެއް ޔޫޓިއުބަށް އަޕްލޯޑްކޮށްފައި ވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ހެކިޤަރީނާ ހޯދުމަށް" ކަމަށެވެ.

"މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންޓެލިޖެންސް ރިޕޯޓް އަދި ޔޫޓިއުބު ޑޮޓްކޮމްއަށް ލިބިފައިވާ މައުލޫމާތު" އަކީ ފުލުހުންނަށް ލިބިފައިވާ ހެއްކާއި ގަރީނާގެ ގޮތުގައި ކްރިމިނަލް ކޯޓުން ނެރެފައިވާ ކޯޓު އަމުރުގައި ވެއެވެ.

ސަންގުޓީވީގެ ސީއީއޯ ޔާމީން ރަޝީދު މިރޭ ސަންއަށް ވިދާޅުވީ، "މިފަދަ ދަނޑިވަޅެއްގައި ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަކީ އެފަރާތަށް ލިބިގެންވާ ހައްގެއް. އަދި އެކަން ކުރަންވެސް ޖެހޭނެ. އެހެން ނަމަވެސް، ކޯޓުއަމުރުގައި އެވާފަދަ އެއްވެސް މެޓީރިއަލެއް އަދި އެފަދަ ކަމެއްވެސް ސަންގުޓީވީގެ ތެރޭގައި ހުރެދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަދި ނުވެސް ހިނގާނެ،" ކަމަށެވެ.

ސަންގު ޓީވީގެ ސީއީއޯ ޔާމީން ރަޝީދު އަދި ގާނޫނީ ވަކީލު ހަނީފާ ހާލިދު ފުލުހުންނާ ވާހަކަދައްކަވަނީ -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ޔާމީން ވިދާޅުވީ، "އަޅުގަނޑަށް ހަމަ ޔަގީނާ ގާތަަށް ބުނަންކެރޭ، ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރާނެކަން. ދެން ސަންގު ޓީވީއަކީ، ބްރޯޑްކާސްޓިންގ އުސޫލުތަކާ އެއްގޮތަށް ބްރޯޑްކާސްޓިން ކޮމިޝަނުން ލައިސަންސް ދީގެން ހަމަ ގާނޫނާއެއްގޮތަށް މަސައްކަތްކުރަމުންދާ ތަނެއް،" ކަމަށެވެ.

މިނިވަން އިންސާފުވެރި ތަހުގީގެއް ކުރާނަމަ، ފުލުހުން އެކުރައްވަނީ ރަނގަޅު މަސައްކަތެއް ކަމަށާއި އެހެން ނަމަވެސް "އިންޑިޕެންޑެންޓް މީޑިއާއެއް ހުއްޓުވައި، އެކަހަލަ މަގުސަދެއްގައި ކުރާކަމެއް ކަމުގައި ވާނަމަ އެއީ އަޅުގަނޑަށް ގަބޫލުކުރެވޭނެ ކަމެއް ނޫން،" ކަމަށެވެ.

ޔާމީން ވިދާޅުވީ "ފުލުހުންގެ އަމަލުތައް ހުރިގޮތުން ސްޓޭޝަން ހުއްޓުމަކަށް ނާންނާނެ ކަމަށާއ،ި އެހެން ނަމަވެސް ސަންގުޓީވީ ހުއްޓުމަކަށް އައިސްފި ކަމަށް ވާނަމަ އެއީ ރާއްޖޭގެ ހުރިހާ މީޑިއާތަކަކުން ހަމަ ސަމާލުވާންޖެހޭ ކަމެއް" ކަމަށެވެ.

6 ނޮވެމްބަރ 2015: ސަންގުޓީވީ ބަލައިފާސްކޮށް ފުލުހުން ވަނީ އެތަނުގެ ކޮމްޕިއުޓަރު ސިސްޓަމްތަކުގެ ހާޑް ޑިސްކުތައް ގެންގޮސްފައި -- ސަން ފޮޓޯ/ފަޔާޒު މޫސާ

ސަންގު ޓީވީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ، ފުލުހުން މިރޭ ގެނައި ކޯޓު އަމުރުގައި ބުނެފައިވާ ފަދަ އަމަލެއް އެ ޓީވީ ސްޓޭޝަންގެ އެއްވެސް މުވައްޒަފަކު ނުކުރާނޭ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން އެބަ އޮތްކަމަށެވެ.

"މިތަނުގައި ގާނޫނާ ގަވައިދާ ހިލާފު އެއްވެސް ކަމެއް ނުހިނގާނޭކަން އަޅުގަނޑަށް ހަމަ ކަށަވަރު، މުޖައްރިބު. ދެން ތަހުގީގަށް އަޅުގަނޑުމެން ހަމަ ފުރިހަމައަށް އެއްބާރުލުން ދޭނަން،" އަސްވާޑު ވިދާޅުވިއެވެ. "... އަޅުގަނޑަށް ހަމަ ޔަގީން އިނގޭތޯ މިތަނުގެ މުވައްޒަފަކުވެސް އަދި މިތަނުގައި ވެސް އެފަދަ ވީޑިއޯއެއް އަޕްލޯޑްކޮށް އެފަދަ މަސައްކަތެއް ނުކުރާނެކަން. އަޅުގަނޑުމެން މިއުޅެނީ ސަމާސަކުރާކަށް ނޫންވިއްޔާ. އަޅުގަނޑުމެން މިއުޅެނީ ވަރަށް ސީރިއަސް ބްރޯޑްކާސްޓިން މަސައްކަތެއްގައި."

6 ނޮވެމްބަރ 2015: ޔާމީން އާއި އަސްވާޑު އަދި ސަންގު ޓީވީގެ އިތުރު މުވައްޒަފަކު ކްރިމިނަލް ކޯޓުން ސަންގު ޓީވީ ބަލައިފާސްކުރުމަށް ދީފައިވާ ކޯޓު އަމުރު ބަލަނީ -- ސަން ފޮޓޯ/ފަޔާޒު މޫސާ

މީގެ ދެމަހެއްހާ ދުވަސް ކުރިން، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށާއި އޭރުގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފުރާނައަށް ގެއްލުމެއް ދޭނެ ކަމަށް ބުނެ ޔޫޓިއުބަށް އަޕްލޯޑްކޮށްފައިވާ ވީޑިއޯއިން ފެންނަނީ މޫނު ނިވާކޮށްގެން ތިބި ތިން މީހަކު، ހަތިޔާރާއެކު ތިބެ ވާހަކަ ދައްކާތަނެވެ. އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ނަމުގައި އާންމުކޮށްފައިވާ އެ ވީޑިއޯގައި ދިވެހި ބަހުން ދައްކާ ވާހަކައިގެ ތަރުޖަމާ އިނގިރޭސީ ބަހުން، ސަބްޓައިޓަލްގެ ގޮތުގައި އަރުވައެވެ.

ޔޫޓިއުބަށް އަޕްލޯޑްކޮށްފައިވާ އެ ވީޑިއޯއާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް އޭރު "ސަން" އަށް ވިދާޅުވެފައި ވަނީ، އެ މައްސަލަ ތަހުގީގް ކުރަމުން އަންނަކަމަށެވެ.

މި އަހަރުގެ އޯގަސްޓް މަހުގެ 31 ވަނަ ދުވަހު ޔޫޓިއުބަށް އަޕްލޯޑް ކޮށްފައިވާ އެ ވީޑިއޯގައި ވަނީ ބައެއް ސިޔާސީ ލީޑަރުންނާ ދޭތެރޭ ފިޔަވަޅު ނޭޅުމަށް ގޮވާލައިފައެވެ. އެހެން ނޫން ނަމަ 30 ދުވަހުގެ ތެރޭގައި ނުރައްކާތެރި ހަމަލާތަކެއް ދޭނެ ކަމަށް އިންޒާރު ދީފައިވެއެވެ. ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ ހިނގާފައި ވަނީ، އިންޒާރުގެ އެ ވީޑިއޯ މެސެޖް އާންމުކުރިތާ ގާތްގަނޑަކަށް މަސްދުވަސްވާން ކައިރިވެފައި ވަނިކޮށެވެ.

ސަންގުޓީވީ ބަލައިފާސްކުރުމަށް ކްރިމިނަލް ކޯޓުން ފުލުހުންނަށް ދީފައިވާ ކޯޓު އަމުރު --