އެމްޑީޕީން މާދަމާ ބާއްވަން ހަމަޖެއްސި މުޒާހަރާ ފަހުގެ ތާރީޚެއްގައި ބާއްވާގޮތަށް އެ ޕާޓީން ނިންމައިފި އެވެ.

އެމްޑީޕީން މިރޭ އެޕާޓީގެ ހަރުގޭގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ނިންމާފައި ވަނީ މިހާރު އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން މުޒާހަރާ ބާއްވާ ގޮތަށެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅި ގަރާރު ފާސްކޮށްފައި ވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

އެޕާޓީން މިރޭ ބޭއްވި ގައުމީ މަޖިލީހުގައި ވަނީ މިހާރު އިއުލާނުކޮށްފައިވާ ކުއްލި ހާލަތު އުވާލުމަށް ސަރުކާރަށް ގޮވާލާފަ އެވެ. އަދި މިއީ ކުއްލި ހާލަތު އިއުލާނުކުރަން ޖެހޭވަރުގެ ދަނޑިވަޅެއް ނޫންކަން ޖަލްސާގައި ވާހަކަދެއްވި މެންބަރުން ވަނީ ފާހަގަކޮށްފަ އެވެ.

އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ވާހަކަ ނުދެއްކުމަށް ފުލުހުން އެންގުމުން، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ފުލުހުން ވަނީ ބައްދަލުވުން ރޫޅާލާނެކަމަށް އިންޒާރު ދީފަ އެވެ.

އަދި ޖަލްސާއަށްފަހު ޕާޓީގެ މެންބަރުން ހަރުގެ ކައިރީ އަޑުގަދަ ކުރަން ފެށުމުން ފުލުހުން ވަނީ ތަކުރާރުކޮށް އެސަރަހައްދު ދޫކޮށް ދިއުމަށް އަންގާފަ އެވެ. އެއަށްފަހު އާންމުން ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފަ އެވެ.