05 Nov 2015, 22:28
ކޮލަމްބޯއިންމުޙައްމަދު ސިމާއު، (ނޮވެމްބަރު 5)-ޒަޚަމްތަކަކާއެކު މަރުވެފައި އޮތް ދިވެއްސެއްގެ ހަށިގަނޑު ސްރީ ލަންކާއިން ފެނިއްޖެ އެވެ.
ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވައި ފެނިފައި ވަނީ، ހ. ހަންޑްރެޑްފްލާވަރ، އުމުރުން 28 އަހަރުގެ ހުސައިން ރަޒީން (ރަބަރޭ) އެވެ. އަދި އޭނާގެ ހަށިގަނޑު މިހާރު އޮތީ ކަލުބޯވިލާ ހޮސްޕިޓަލުގެ މޯޗަރީގަ އެވެ.
"ރަޒީން ލަންކާއަށް އައިސް އުޅެނީ ޓޫރިސްޓް ވިސާގައި. އޭނާ އެންމެ ފަހުން ގެއިން ނުކުތީ ރޭ 11:00 ކަންހާއިރު. އޭގެ ފަހުން ހަބަރެއް ނުވޭ،" ރަޒީންގެ ގާތް ރަހްމަތްތެރިއަކު ސަންއަށް މައުލޫމާތު ދެމުން ބުންޏެވެ.
ލަންކާގެ ޑެއިލީމިރާގައި އެގައުމުގެ ފުލުހުންނާ ހަވާލާދީ ބުނެފައިވާ ގޮތުން ކަރުގައި ޒަހަމްތަކަކާ އެކު 28 އަހަރުގެ ފިރިހެނެއްގެ ހަށިގަނޑު، މިއަދު ހެނދުނުގެ ވަގުތެއްގައި ޕިލިއަންދަލާގެ ތަމްބޯވިލާ ބްރިޖް ކައިރީގައިވާ ދަނޑެއްގެ ތެރެއަށް އެއްލާލާފައި ވަނިކޮށް ވަނީ ފެނިފަ އެވެ. އަދި އޭނާ މަރުވެފައި އޮތް ސަރަހައްދުން ދެ ރަންފަށާއި ތަޅުދަނޑިތަކެއް ފެނިފައި ވާކަމަށް ވެސް ފުލުހުންނާ ހަވާލާދީ ޑެއިލީމިރާގައި ވެއެވެ.
މަރުވެފައިވާ މީހާއަކީ ރަބަރޭ ކަން ކަށަވަރުވީ، އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް، މަރުވެފައިއޮތް މީހެއްގެ ހަށިގަނޑު ކަލުބޯވިލާ ހޮސްޕިޓަލަަށް ގެނެސްފައިވާ ކަމުގެ މައުލޫމާތު އޭނާގެ އާއިލާއަށް ދިނުމުން އެމީހުން މައުލޫމާތު ސާފުކުރުމުންނެވެ. ރަބަރޭގެ ބައްޕައަކީ ލަންކާ ރައްޔިތެކެވެ.
"މަރުވެފައި ވަނީ، ރަޒީން ކަން ޔަގީން. އެކަމަކު މިގަޑިއަކީ މޯޗަރީ ބަންދުކޮށްފައި ހުރި ވަގުތެއް ކަމުން ރަޒީންގެ ހަށިގަނޑު ދައްކާނީ މާދަމާގެ ވަގުތެއްގައި ކަމަށް ހޮސްޕިޓަލުން ބުނީ،" މައުލޫމާތި ދިން މީހާ ބުންޏެވެ.
ހ. ހަންޑްރެޑް ފްލާވާސް ހުސެއިން ރަޒީން (ރަބަރޭ) އަކީ، ހ. ކުބްރާ އަލީ އިޝާރު މަރާލުމުގެ ތުހުމަތުގައި ތަހުގީގަށް ފުލުހުން ހޯދަމުންދިޔަ މީހެކެވެ. އަދި އޭރު ފުލުހުން އޭނާ ހޯދަން އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވިއެވެ.