02 Apr 2011, 20:26
މި ސަރުކާރުގެ ކުރީކޮޅު 600 ކުށްވެރިން ޖަލުން ދޫކޮށްލާފައިވާ ކަމަށް، ޓްރައިބިއުނަލުން ވަޒީފާ ދޭން އަމުރުކުރި، ހ. ފާލަންދޮށުގޭ މުހައްމަދު ހުޝާމް، ވިދާޅުވެފައި ވަނީ ސިޔާސީ މަގުސަދެއްގައި ކަމަށް ޑީޕީއާރްއެސް އިން ބުނެފި އެވެ.
ކ. މާފުށީ ޖަލު ބެލެހެއްޓުމާ ކުރިން ހަވާލުވެ ހުންނެވި ހުޝާމް ވަޒީފާ އިން ވަކިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އޭނާ އަށް އަލުން ވަޒީފާ ދިނުމަށް ޓްރައިބިއުނަލުން ބުރާސްފަތި ދުވަހު ސީއެސްސީގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އޭނާ މީޑިއާތަކަށް ދެއްވި އިންޓަވިއުއާ ގުޅިގެން ޑީޕީއާރުއެސް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ 2009 އަހަރުގެ ފެބްރުއަރީ މަހު ޖަލުގައި ތިބި ކުށްވެރިންގެ އަދަދަކީ ޖުމްލަ 526 ކަމަށާއި އަދި މާޗް މަހު މާފުށީ ޖަލުގެ ޖުމްލައަކީ 542 ކަމަށެވެ. އެހެންކަމުން 900 ކުށްވެރިން އެ ދެ މަހު ޖަލުގައި ތިބި ކަމަށް ހުޝާމް ވިދާޅުވެފައި ވަނީ ހަގީގަތާ ޚިލާފަށް ކަމަށެވެ. މިސަރުކާރުގެ ކުރީ ކޮޅު 600 ކުށްވެރިން ޖަލުން ދޫކޮށްލާފައިވާ ކަމަށް ވިދާޅުވެ ހުޝާމް ދައްކަވާފައިވާ ވާހަކަތަކަކީ ހަގީގަތެއްނެތް، ސިޔާސީ ބޭނުމެއް ހާސިލު ކުރަން ދައްކާފައިވާ ވާހަކަތަކެއް ކަމުގައި ދެކޭ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެ އެވެ.
ޑިސެމްބަރު 2008 ގައި ހަތިފުށީ ޖަލު އުވާލުމުން އެ ޖަލުގައި ތިބި ގައިދީންނާއި މާފުށީ ޖަލުގައި ބަންދު ކޮށްފައި ތިބި 111 މީހުން ފޭދޫ ފިނޮޅަށް ތަފާތު ހަތަރު ފަހަރެއްގެ މަތިން ބަދަލުކޮށް، އެ މީހުންނަށް ރީހެބްލިޓޭޝަން ފަރުވާ ދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ބަޔާނުގައި ވެއެވެ.
"ޖަލުގެ އެއްވެސް ބަންދު މީހަކު ޖަލަށް ވައްދައި، ނެރެވޭނީ ޖަލުގެ ގަވާއިދު ހުއްދަ ކުރާ ގޮތުގެ މަތިން އެވަގުތަކު ޑިޕާޓްމަންޓް ހިންގުމާއި ހަވާލުވެ ހުންނަވާ އެންމެ އިސްވެރިޔާގެ ހުއްދަ ލިބުމުންނެވެ. އެހެންކަމުން މުހައްމަދު ހުޝާމް ވިދާޅުވެފައިވާ ގޮތަށް ޖަލުގެ ސްޕްރިންޓެންޑެންޓަކަށް އެއްވެސް އިރެއްގައި ޖަލު ބަންދު މީހުން ދޫކުރުމުގެ ބާރު ދީފައި ނުވާނެ އެވެ. އަދި މިކަން މި ޑިޕާޓްމަންޓްގެ ލިޔެކިޔުންތަކުން ސާބިތުވާން ހުންނާނެ ކަމުގައި ދަންނަވަމެވެ،"
ޖަލުގެ އޮފިސަރުންނަށް ޖަލަށް ވަނުން މަނާކޮށްފައިވާ ކަމަށް ހުޝާމް ވިދާޅުވެފައި ވަނީ ސިޔާސީ އެދުމެއް ހާސިލު ކުރުމަށް ކަމަށް ބެލެވޭ ކަމަށާއި ޖަލުގެ ހާލަތު ނުރައްކާތެރި ދަރަޖައަށްދިޔައަސް ޖަލު ބަލަހައްޓާ އޮފިސަރުންނަކީ ޖަލުތެރޭގައި ފަހަތަށްނުޖެހި އުޅުއްވާ ބައެއް ކަމަށް ޑީޕީއާރުއެސްގެ ބަޔާން ބުނެ އެވެ.
ހުޝާމް ވަޒީފާއިން ވަކިކޮށްފައި ވަނީ ނާންގާ 15 ދުވަހަށް ވުރެ ގިނަސް ދުވަހު އޮފީހަށް ހާޒިރު ނުވެ ހުންނެވުމުން ސިވިލްސާވިސްގެ ގަވާއިދުގެ 152 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކަމަށް އިޝާރާތްކޮށް ވެސް ބާޔާނުގައި ބައެއް ވާހަކަ ހިމަނާފައި ވެއެވެ.
އެ ގޮތުން ބުނެފައި ވަނީ ހުޝާމް މާލެ ބަދަލު ކުރުމުން މައިބަދައިގެ މައްސަލަތަކެއް ހުރިކަމަށް ވިދާޅުވެ ތިން މަސް ދުވަހުގެ ބެޑް ރެސްޓެއް ނެގުމަށް ޑޮކްޓަރު އިރުޝާދު ދީފައިވާ ކަމުގެ ސެޓްފިކެޓެއް ހުށަހެޅުމަށްފަހު މެޑިކަލް ލީވެއް ނަގާފައިވާ ކަމަށެވެ. ނަމަވެސް ބެޑް ރެސްޓް ނެގުމުގެ ބަދަލުގައި ސިވިލް ސާވިސްގެ ގަވާއިދާ ޚިލާފަށް އަމިއްލަ ކޮންސްޓްރަކްޝަން ކުންފުންޏެއްގައި ދިގު މުއްދަކަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސެޕްޓެމްބަރު ގެ ނިޔަލަށް އޮފީހަށް ހާޒިރު ވާންޖެހޭ 172ގެ ތެރެއިން އޮފީހަށް ހާޒިރު ވެފައިވަނީ 28 ދުވަހު ކަމަށެވެ.