05 Nov 2015, 22:10
މިއަދު މަގާމުން ވަކިކުރައްވާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބުގެ މައްޗަށް ދައުވާކުރާނީ ދާދިފަހުން ފާސްކުރި ޓެރަރިޒަމް މަނާކުރުމުގެ އާ ގާނޫނުގެ ދަށުން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އަށް އުމަރު ވިދާޅުވެފައި ވަނީ، ނައިބު ރައީސް އަދީބު މިހާރު މަގާމުން ވަކިކޮށްފައިވާ ކަމަށާއި އޭނާއާ ދޭތެރޭގައި އަމަލުކުރާނީ އަލަށް ފާސްކުރި ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނުގެ ދަށުން ކަމަށެވެ.
"ނައިބު ރައީސް އަދީބު މިހާރު ވަނީ މަގާމުން ވަކިކޮށްފައި. އޭނާގެ މައްޗަށް އަޅުގަނޑުމެން ދައުވާކުރާނީ ފަހުން އަމަލުކުރަން ފެށި ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނުގެ ދަށުން،" ހޯމް މިނިސްޓަރު އުމަރު އޭޕީއަށް ވިދާޅުވެފައިވެ އެވެ.
ޒަމާނީ ގޮތަށް ބައްޓަން ކޮށްފައިވާ ޓެރަރިޒަމުގެ ގާނޫނުގައި ބުނެފައި ވަނީ ޓެރަރިޒަމުގެ އަމަލެއް ނުވަތަ އެފަދަ ކަމަކަށް ހިތްވަރު ދިނުން ނުވަތަ އެހީތެރިވެދިނުމަކީ ވެސް ކުށެއް ކަމަށެވެ. އަދި އެފަދަ ކުށެއް ކުރާ ފަރާތެއްގެ އަދަބަކީ 20 އަހަރާއި 25 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ. އެފަދަ ކަމެއް ކުރަން ނުވަތަ އެފަދަ ކަމަކަށް އެހީތެރިވެދީ އެއްވެސް ސިފައެއްގައި އެފަދަ ކަމެއްގައި ބައިވެރިވާ ފަރާތެއްގެ އަދަބަކީ 17 އަހަރާއި 20 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.
ޓެރަރިޒަމުގެ އަމަލު ކަމަށް ބަޔާންކޮށްފައިވާ ކަންތައްތައް:
- މީހަކަށް އަނިޔާވެރިވުމުގެ ގޮތުން އޭނާގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ ހިއްސަކަށް ގެއްލުން ދިނުން.
- ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ބެހެއްޓުން
- މުދަލަށް ބޮޑެތި ގެއްލުން ދިނުން.
- ކުށްކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިވުން.
- ފުރާދުއްވާ އެއްޗެހި ހައިޖެކް ކުރުން.
- އާންމުންނަށް ނުވަތަ އާންމުންގެ ބަޔަކަށް ސިއްހީ ގޮތުން ބޮޑެތި ނުރައްކަލެއް ކުރިމަތިވުން.
އެ ބިލު މަޖިލީހުން ފާސްކުރީ 49 މެންބަރުންގެ ވޯޓުން މިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު އެވެ.