ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ އިތުބާރުނެތް ކަމުގެ ވޯޓު ނެގީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅަކަށް ފަހު މިރޭ މާލެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝަމީމް ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ނައިބު ރައީސް ޖަވާބުދާރީވާން ޖެހޭ މުއްދަތު ހަތް ދުވަހަށް ކުޑަކުރި ކަމެއް އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ޝަމީމް ވިދާޅުވީ، ނޯޓިސް ދޭން ޖެހޭ މުއްދަތު ބަދަލުވެއްޖެ ނަމަ ދެންޖެހޭނީ އަލުން ހަތް ދުވަހުގެ ނޯޓިސްދޭން ކަމަށެވެ.

އަދީބު މަޖިލީހަށް ވަޑައިނުގެންނެވީ ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެފައިވާ އިރު، ޝަމީމް ވިދާޅުވީ ފުލުހުން އަދީބު މަޖިލީހަށް ހާޒިރު ނުކުރީ ކަމަށެވެ.

"މަޖިލީހަށް ވަޑައިނުގެންނެވީ ކަމަށް ބައެއް ބޭފުޅުން އިޝާރާތްކުރައް ވަނީ މަޖިލީހަށް ވަޑައިނުގެންނެވީކީ ނޫން. މަޖިލީހަށް ނުގެންދިޔައީ. މިސާލަކަށް ބަންދުގައި ތިބޭ މީހުން ހައްޔަރުގައި ތިބޭ މީހުން ކޯޓަށް ހާޒިރުކުރަނީކީ އޭނަ އަމިއްލައަކަށް ހާޒިރުވަނީކީއެއް ނޫން. ކޮންމެވެސް މީހަކު އޭނަ ގެންދަން ޖެހޭނީ. އޭނަ ނުކުމެގެން ގޮސްފިއްޔާ ވާނީކުށަކަށް،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އިތުބާރުނެތް ކަމުގެ ވޯޓު ނެގުމުގެ ކަންތައް ގެންދިޔައީ ވަރަށް ކުއްލިގޮތަކަށް ކަމަށާއި އެއީ ގާނޫނު އަސާސީއާ އެއްގޮތަށް ނެގި ވޯޓެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"ވަރަށް ކުއްލި ގޮތަކަށް މިކަންތައް ދިމާވެގެން މިދިޔައީ. އެއްގޮތަކަށް ވެސް ގާނޫނީ ގޮތުން ދޭން ޖެހޭ ނޯޓިސް ގަވާއިދުން ދީފައެއް ނޫން. އެހެންވީމާ ހިނގައިިދިޔަ ކަންތައްތަކަކީ ހަގީގަތުގައި ގާނޫނު އަސާސީއާ ޚިލާފަށް ހިނގައިދިޔަ ކަންތައްތަކެއް. މި ވޯޓަކީ ވެސް ގާނޫނު އަސާސީއާ އެއްގޮތަށް ނެގިގެން ދިޔަ ވޯޓެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ،" ޝަމީމް ވިދާޅުވި އެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަދީބުގެ އިތުބާރު ނެތްކަމަށް ފާސްކޮށްފައި ވަނީ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި 61 މެމްބަރުންގެ އިއްތިފާގުންނެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، ނައިބު ރައީސް ކަމުން އަދީބު ވަކިވެގެން ދިޔުމަކީ ގައުމަށް ލިބުނު ނަސްރެއް ކަމަށެވެ.