05 Nov 2015, 21:38
ކޮރަޕްޝަނާއި ފަސާދައިން ގައުމު ސަލާމަތްކުރެއްވުމަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާތީ ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ޝުކުރު އަދާކުރައްވައިފި އެވެ.
ރައީސް މައުމޫނު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ކޮރަޕްޝަނާއި ފަސާދައާއި ޓެރަރިޒަމްގެ ނުބައި ވަކިތަކުން ދިވެހި ގައުމު ސަލާމަތް ކުރުމަށް ރައީސް އަބްދުﷲ ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް މަޖިލީހުގެ މެމްބަރުން އެހީތެރިވެދެއްވާތީ އެކަމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
Thank you People's Majlis for strongly supporting President's moves to protect our people & country from the evils of terrorism & corruption
— Maumoon Abdul Gayoom (@maumoonagayoom)November 5, 2015
ރައީސް މައުމޫނު މިއަދު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ދިވެހި ގައުމަށް ކުރިމަތިވެފައިވާ މި ނުތަނަވަސް ދަނޑިވަޅުގައި، ގައުމުގެ ސަލާމަތަށްޓަކައި ރައީސް ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ޕީޕީއެމްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިލައްވާނެ ކަމަށެވެ.
PPM fully supports President's moves to ensure safety of all at this critical time for national security.
— Maumoon Abdul Gayoom (@maumoonagayoom)November 4, 2015
ރައީސް މައުމޫނު މިހެން ވިދާޅުވެފައި މިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުން އަހުމަދު އަދީބު މިއަދު ވަކި ކުރައްވާފައި ވަނިކޮށެވެ.
ނައިބު ރައީސްކަމުން އަދީބު މިއަދު ވަކިކުރައްވާފައި ވަނީ އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާއަށް ވަޑައިގެންނެވި 61 މެމްބަރުންގެ އިއްތިފާގުން ނެވެ.
ނައިބު ރައީސް ކަމުން އަދީބު ވަކިކުރެއްވުމުގެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ އެވެ. ގަރާރު ހުށަހަޅުއްވަމުން އަބްދުރަހީމް ވިދާޅުވީ، އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުއްވީ އަދީބު ޒިންމާ އަދާ ނުކުރައްވާތީ އާއި ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވުމުން މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ނުކުޅެދިފައިވުމުން ކަމަށެވެ.