ސަލާމަތީ ބާރުތަކުން މިރޭ ހެންވޭރުގައި ހުންނަ ދެ ގެއެއް ބަލައި ފާސްކޮށް ބައެއް ތަކެތި ގެންގޮސްފިއެވެ.

ހަތިޔާރާއެކު ތިބި ސިފައިންނާއި ފުލުހުން ގުޅިގެން މިރޭ ބަލައި ފާސްކޮށްފައި ވަނީ، ރޯޝަނީ މަގުގައި ހުންނަ ހ. މޫންލައިޓް ވެލީ ނަމަކަށް ކިޔާ ގެއަކާއި ހ. ލައިލެކްހައުސް ދެވަނަބައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ، ހެންވޭރު ދެ ގެއެއް މިރޭ ސަލާމަތީ ބާރުތަކުން ބަލައި ފާސްކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއީ ކޮން ކަމަކާ ގުޅިގެން ކަމެއް ވިދާޅެއް ނުވެއެވެ.

ސަލާމަތީ ބާރުތަކުން ހ. މޫންލައިޓް ވެލީ ކައިރީ ހަރަކާތްތެރި ވަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގައި ރާއްޖޭގެ އެކި ރައްރަށާއި މާލޭގެ ގެތައް ބަލައި ފާސްކުރަމުން އަންނައިރު، މިއަދު ނައިބު ރައީސްކަމުން ވަކިކޮށްފައި ވާ، އަހުމަދު އަދީބު ދިރިއުޅުއްވި ގެއަކުން ފިސްތޯލައެއް ފެނިފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ސަލާމަތީ ބާރުތަކުން ބުނެފައި ވަނީ، އާންމުންގެ އަތުގައި އަދިވެސް އިތުރު ހަތިޔާރު ހުރިކަމަށް ބެލެވޭ ކަމަށާއި އެ ހަތިޔާރުތައް ހޯދަން މަސައްކަތްކުރާނެ ކަމަށެވެ.