05 Nov 2015, 19:56
ރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލިނުރައްކަލުގެ ހާލަތު އުވާލައި، ހައްޔަރުކޮށްފައި ތިބި ސިޔާސީ ފަރާތްތައް ދޫކޮށްލުމަށް ކޮމަންވެލްތުން ގޮވާލައިފި އެވެ.
އިނގިރޭސި ވިލާތުގެ ޕާލަމެންޓް މެންބަރު އަދި މިނިސްޓަރ އޮފް ސްޓޭޓް އެޓް ދަ ފޮރިން އެންޑް ކޮމަންވެލްތު އޮފީސް ހިއުގޯ ސްވަޔާ ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބެންޖެހޭ ބައެއް އަސާސީ ހައްގުތައް ހިފެހެއްޓިފައި ވާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި، އަދި އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީގެ އިތުބާރު އިތުރަށް ގެއްލިގެންދާނޭ ކަމަށެވެ.
އޭނާ ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ދިވެހީންގެ އަސާސީ ހައްގުތައް ގެއްލި، ގާނޫނީ ހަމައެއް ނެތި މީހުން ހައްޔަރުކުރުމާއި، ރައްޔިތުންނަށް ލިބިދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަންވެސް ގެއްލިގެންދާނެތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ކޮމަންވެލްތުގެ މެންބަރު ގައުމެއްގެ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޑިމޮކްރަޓިކް އަދި ގާނޫނީ އެންމެހާ ހައްގުތައް ފޯރުކޮށްދިނުމަށްޓަކައި، މިހާރު އިއުލާނުކޮށްފައި ވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، ޖަލަށްލެވިފައިވާ ސިޔާސީ ބޭފުޅުން މިނިވަންކުރުމަށް ގޮވާލައްވާފައި ވެއެވެ. އެގޮތުން 13 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކޮށް ދޫކޮށްލުމަށް ވެސް އެ ބަޔާނުގައި ގޮވާލާފައި ވެއެވެ.
ސްވަޔާ އިތުރަށް ވިދާޅުވީ، ރާއްޖޭގެ ހާލަތު ވަރަށް ކައިރިން ބައްލަވަމުން ގެންދަވާ ކަމަށެވެ.