ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުގެ މަގާމުގައި ހުންނެވި އަހުމަދު އަދީބު އެ މަގާމުން މިއަދު ވަކި ކުރެވިގެން ދިއުމަކީ ދިވެހި ގައުމަށް ލިބިގެން ދިޔަ ނަސްރެއް ކަމަށް ޕީޕީއެމްގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

އަދީބުގެ އިތުބާރު ނެތްކަމުގެ ވޯޓަށްފަހު މަޖިލީހުގެ އިދާރާ ކުރިމަތީގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ނިހާނު ވިދާޅުވީ، ދިވެހި ގައުމާ ތޮޅެން ކޮންމެ މީހަކު އައި ކަމުގައި ވިއަސް އެ މީހަކަށް އެކަން ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.

ނިހާން ވިދާޅުވީ، ދިވެހި ގައުމާ ތޮޅެން އަންނަ މީހުންނަށް ދޭންޖެހޭ ހައްގު އަދަބު މީގެ ކުރީގެ ޒަމާންތަކުގައިވެސް ދީފައިވާ ކަމަށާއި އަދި މިފަހަރުވެސް އެފަދަ މީހުންނަށް ދޭނޖެހޭ ހައްގު އަދަބު ލިބިގެންދާނެ ކަމަށެވެ.

"އޭގެތެރޭގައި ޖަލު ގޮޅިއާ ނެތިގެން ދިއުން ވެސް ހިމެނޭ. އަޅުގަނޑު ހަމަ އިޝާރާތްކޮށް ދަންނަވާލާނަން، ހަސަން ތާޖުއްދީނު ދެ ދަރިން މިގައުމަށް ޣައްދާރުވެގެން އައި ހިނދު މިގައުމުގެ ރައްޔިތުންގެ ތެރެއިން ދެން ކަންވެގެން ދިޔަ ގޮތް ކަމަށް އަޅުގަނޑުމެންނަށް ތާރީހުތަކުން ފެންނަނީ މިތާނގައި ގާދޫކޮލުގެ ވަކި ސަރަހައްދެއްގައި މިހާރުވެސް ކަނޑު ފައްތާފައި ވެއްޖެ ކަމަށް،" ނިހާނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދިވެހި ގައުމަށް ކޮންމެ ފަންތިއެއްގެ މީހެއް ޣައްދާރުވި ކަމުގައިވީ ނަމަވެސް އެފަދަ މީހެއް ދިވެހި ރައްޔިތުން ބަލައެއް ނުގަންނާނެ ކަމަށެވެ. ނިހާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގުޅިފައިވާ ޕާލިމަންޓު ގްރޫޕުން (ޕީޕީއެމް، އެމްޑީއޭ، ޖޭޕީ ޕާލިމަންޓު ގުރޫޕު) މިއަދު މަޖިލީހުގައި ކުރި މަސައްކަތަކީ ގައުމަށްޓަކައި ކުރި ބުރަ މަސައްކަތެއް ކަމަށެވެ.

"ދިވެހި ރައްޔިތުންނަށް ޔަގީންކަން ދޭން އަޅުގަނޑުމެންގެ މި ޕާލިމަންޓަރީ ގުރޫޕުން ބޭނުން ﷲ އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާ އަދި ދިވެހި ގައުމުގެ ކުރިމަގު އުޖާލާ ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެންމެ އަކުރެއް ވެސް އިސްކޮށް ނުލާ އަޅުގަނޑުމެންގެ މި ޕާލިމަންޓަރީ ގުރޫޕުގެ ފަރާތުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވަން،" ނިހާނު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގައި ނެގި އިތުބާރު ނެތް ކަމުގެ ވޯޓުގައި ބައިވެރިވި 61 މެމްބަރުންގެ އިއްތިފާގުން، އޭނާ ވަނީ އެ މަގާމުން މިއަދު ވަކިކޮށްފަ އެވެ.

ނައިބު ރައީސް ކަމުން އަދީބު ވަކި ކުރެއްވުމުގެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ އެވެ. ގަރާރު ހުށަހަޅުއްވަމުން އަބްދުރަހީމް ވިދާޅުވީ، އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުއްވީ އަދީބު ޒިންމާ އަދާ ނުކުރައްވާތީ އާއި ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވުމުން މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ނުކުޅެދިފައިވުމުން ކަމަށެވެ.