05 Nov 2015, 20:01
ކުރިއަށް އޮތް ތަނުގައި ވެސް ދިވެހި އެއްވެސް ރައްޔިތަކު ދިވެހި ގައުމަށް ޣައްދާރުވާ ނަމަ އެކަމަށް އެއްވެސް ޖާގައެއް މަޖިލީހުން ނުދޭނެ ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި މިއަދު ކުރިއަށްދިޔަ މަސައްކަތްތަކާ ގުޅޭގޮތުން މަޖިލިސް ކައިރީ ހުންނަވައިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން ސިޔާމް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ވެސް ދިވެހިރާއްޖޭގެ އެއްވެސް ރައްޔިތަކު ދިވެހި ގައުމަށް "ހަރާންކޯރުވެ، ޣައްދާރުވެ މަސައްކަތްކުރާ ކަމުގައިވާ ނަމަ" މަޖިލީހުން ވެސް އަދި ސައްޚަ އެއްވެސް ސިޔާސީ ޕާޓީއަކުން އެކަމަށް ޖާގައެއް ނުދޭނެ ކަމަށެވެ.
ސިޔާމް ވިދާޅުވީ، ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ހުންނެވި އަހުމަދު އަދީބު އެ މަގާމުން ވަކިވެވަޑައިގަންނަވަން ޖެހުނީ އެމަނިކުފާނު ދިވެހި ރައްޔިތުންނާއި ސަރުކާރާއި އަދި މުޅިގައުމަށް ޣައްދާރުވެވަޑައިގަތުމުން ކަމަށެވެ.
"އަދީބު މަގާމުން ވަކިވާން ޖެހުނު ސަބަބަކީ، ދިވެހިރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ގައުމަކަށްވުމާއި، ދިވެހިރާއްޖެ އަކީ ސައްހަވެގެންވާ ގާނޫނު އަސާސީއެއް އޮތް ގައުމަކަށް ވުމާއި ދިވެހިރާއްޖެ އަކީ ފުރިހަމަ ދައުލަތެއް އޮތް ތަނަކަށްވާ ހިނދު، ދިވެހިރާއްޖޭގެ ނައިބު ރައީސަކަށް އައި ބޭފުޅަކު ރާއްޖޭގެ ރައީސަށާއި ދައުލަތަށް އަދި ރާއްޖޭގެ ރައްޔިތުންނަށް ޣައްދާރުވެވަޑައިގަތުމުގެ ސަބަބުން،" ސިޔާމް ވިދާޅުވި އެވެ.
ރައީސް ޔާމީނަކީ ވަރަށް ހިކުމަތްތެރި، ވިސްނުންތެރި އަދި ކެތްތެރިކަމާ އެކު މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.
ގައުމުގައި މިހާރު އިއުލާނުކޮށްފައި އޮތް ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭގޮތުން ސިޔާމް ވިދާޅުވީ، ގައުމަށް މިހާރު އިއުލާނުކޮށްފައި އޮތް ކުއްލި ނުރައްކަލުގެ މައްސަލަ ވެސް ކުރިއަށް އޮތް 30 ދުވަހަށްވުރެ ކުރިން ނެގިދާނެ ކަމަށް މިހާރު އުންމީދު ކުރެވޭ ކަމަށެވެ.
ސިފައިންނާ ފުލުހުން އަދި މައްސަލަ ބަލަހައްޓާ ފަރާތްތަކުން ކުރަމުން އަންނަ ބުރަ މަސައްކަތްތަކަށް އެފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށް ސިޔާމް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ، ދިވެހި ސަރުކާރާއި ދައުލަތް އޮތީ ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ކަމަށެވެ.