02 Apr 2011, 17:27
މިލަންދޫ ސްކޫލްގެ ކެމްބްރިޖް އިމްތިހާންގެ ހިސާބު ޕޭޕަރުތަކަށް އެއްވެސް މާކްސްއެއް ނުލިބުނު މައްސަލައިގާ އިހުމާލުވެފައިވާ ފަރާތްތައް ހޯދުމަށް ފުލުހުންގެ ހާއްސަ ޓީމަކުން އެ ރަށުގައި ތަހުގީގު ފަށައިފި އެވެ. އިއްޔެ އިން ފެށިގެން ކުރަމުންދާ އެ ތަހުގީގުގައި ގާތްގަނޑަކަށް 20 ކުދިންނާ މިހާތަނަށް ސުވާލުކޮށްފައިވާ ކަމަށް މިލަންދޫ ރަށު ކައުންސިލްގެ މެމްބަރު އަޙުމަދު ފިރާގު މިއަދު ސަންއަށް ވިދާޅުވި އެވެ.
"ހަތަރު ފުލުހަކު މިހާރު މި ރަށުގައި ހަރަކާތްތެރިވަމުން އެބަގެންދަވާ. މިހާރު އިމްތިހާން ހެދި ކުދިންގެ ތެރެއިން ގާތްގަނޑަކަށް 20 ކުއްޖަކަކު މިހާރު ވަނީ ސުވާލުކޮށްފައި. ކޮންމެ ކުއްޖަކާ ސުވާލުކުރުމަށް ގާތްގަނޑަކަށް ގަޑިއެއް ހާއިރު ހޭދަވޭ. އެހެންވެ ތަހުގީގު ކުރިއަށް ދަނީ ވަރަށް ލަސްލަހުން،" މިލަންދޫގައި ތަހުގީގު ކުރިއަށްދާ ގޮތާ ބެހޭ ގޮތުން ފިރާގު ވިދާޅުވި އެވެ.
ފުލުހުން ކުރިއަށް ގެންދާ ތަހުގީގާ ބެހޭ ގޮތުން މައުލޫމާތު ހޯދާލުމަށް ފުލުހުންގެ މީޑިޔާ ކޯޑިނޭޓަރު އަޙުމަދު ޝިޔާމްއާ ގުޅުމުން ވިދާޅުވީ އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވާން އެނގިވަޑައިގަންނަވާނީ ތަހުގީގު ނިމުމުން ކަމަށެވެ.