05 Nov 2015, 15:46
ގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް މާދަމާ ފަށަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ނިންމައިފިއެވެ.
އެފްއޭއެމްއިން ބުނީ، ގައުމީ ޓީމުގެ ފަރިތަކުރުންތައް ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު ޓާފް ދަނޑުގައި ކަމަށެވެ.
މާދަމާ ހަވީރު އޮންނާނީ ކުޅުންތެރިން ފިޓްނަސް ލެވެލް ބެލުމަށް ހަދާ ޓެސްޓުތަކެއް ކަމަށާއި ރަސްމީކޮށް ޕްރެކްޓިސް ފަށާނީ ހޮނިހިރު ދުވަހު ކަމަށް ވެސް އެފްއޭއެމުން ބުންޏެވެ. މީގެ އިތުރުން 23 އަހަރުން ދަށުގެ ޓީމުގެ ފަރިތަކުރުންތައް މިއަދު އޮންނާނެ އެވެ.
ދިވެހި ސަރުކާރުން 30 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ހޮންކޮންގެ ޓީމް ކުޅުމަށް ހަމަޖެހިފައިވާ މެޗައް އެޓީމު ރާއްޖެ ނާންނާނެ ކަމަށް ވަނީ ބުނެފަ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާ ގުޅިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ވަކި މުއްދަތެއް ނެތި ހުރިހާ މުބާރާތެއް މެދުކަނޑާލުމަށް އިއްޔެ ނިއްމައި މިއަދު އަލުން ޔޫތް މިންސްޓްރީގެ އެދިލެއްވުމަށް އެ މުބާރާތްތައް ފަށަން ނިއްމާފަ އެވެ. ނަމަވެސް އެފްއޭމް އިން ބުނީ އަލުން މުބާރާތްތައް ފަށާނީ އާ ޝެޑިއުލްތައް ހެދުމަށްފަހަގައި ކަމަށެވެ. އެފްއޭއެމް އިން ވަނީ ރާއްޖޭގައި ކުއްލި ހާލަތު އިއުލާންކުރިކަން ފީފާ އަށް ވެސް އަންގައިފަ އެވެ.
ކޮލިފައިންގައި ރާއްޖެ އާއި ޗައިނާ މާލޭގައި ކުޅެން ހަމަޖެހިފައި އޮތް މެޗު ވެސް ރާއްޖެ ކުޅެންޖެހުނީ ރަށުން ބޭރުގަ އެވެ. އެ މެޗު ޗައިނާ އަށް ބަދަލުކުރަން ޖެހުނީ ގަލޮޅު ދަނޑުގެ ވިނަގަނޑު ހެދުމުގެ މަސައްކަތް އޭރު ނުނިމޭތީ އެވެ.