05 Nov 2015, 15:43
ލާހޯރު (ނޮވެމްބަރު 5) : އިއްޔެ ވެއްޓުނު ޕާކިސްތާނުގެ ލާހޯރުގެ ޕްލާސްޓިކްގެ ބާވަތްތައް އުފައްދާ ކާރުޚާނާގެ ދަށުގައި އަދިވެސް އިތުރު ބަޔަކު ތާށިވެފައިވާ ކަމަށް ބެލެވޭތީ އެމީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ޕާކިސްތާނުން ބުނެފި އެވެ.
މި ކާރުޚާނާ ވެއްޓުނު ހާދިސާގައި ވަނީ 18 މީހުން މަރުވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އެތަނުގައި މަސައްކަތްކުރާމީހުންނެވެ. ލާހޯރުގެ ރައްފުށު ހިސާބެއްގައި ހުންނަ މިކާރުޚާނާ އިއްޔެވެއްޓިފައި ވަނީ މިދިޔަ މަހު ޕާކިސްތާނަށާއި އަފްޣާނިސްތާނަށް އައި ބިންހެލުމުގައި ލިބުނު ގެއްލުންތަކުގެ ސަބަބުންކަމަށްވެ އެވެ. މިކާރުޚާނާގައި މައިގަނޑު ގޮތެއްގައި އުފައްދަނީ ޕްލާސްޓިކް ކޮތަޅެވެ. ނަމަވެސް ޕްލާސްޓިކްގެ އެނޫން ވެސް ބާވަތްތައް އުފައްދާކަމަށްވެ އެވެ.
މީހުން ސަލާމަތް ކުރުމުގެ މަސައްކަތްކުރާ ޓީމްތަކުން ގެންދަނީ ވެއްޓިފައިވާ ކޮންކްރީޓްތަކާއި ދަގަނޑުތައް ނެގުމަށްޓަކައި ކެރޭންއާއި ޖައްރާފާތަކާއި އެނޫން ވެސް ބަރު އާލާތްތައް ބޭނުން ކުރަމުންނެވެ. މިކަމުގައި ޕާކިސްތާން ސިފައިންގެ އެހިތެރިކަން ވެސް ވަރަށްބޮޑަށް ލިބޭކަމަށް ރިޕޯޓްތައް ބުނެ އެވެ. މި ކާރުޚާނާ ވެއްޓުނުއިރު މިތަނުގައި 200 ވަރަކަށް މީހުން މަސައްކަތް ކުރަންތިބިކަމަށްވެ އެވެ. ބިންހެލުމުގެ ޙާދިސާގައި އެތަނުގެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނިކޮށް އެކަމަށް ބެލުމެއްނެތި މަސައްކަތް ކުރިޔަށްގެން ދިޔަ މައްސަލާގައި އެކަން ބެލުމަށް ފަހު އެކާރުޚާނާގެ ވެރިފަރާތާ ދެކޮޅަށް ދައުވާ ކުރާނެކަމަށް ޕާކިސްތާން ސަރުކާރުން ވަނީ ބުނެފަ އެވެ.
މީހުން ސަލާމަތް ކުރުމުގެ މަސައްކަތްކުރާ ޓީމްތަކުން މިހާތަނަށް ވަނީ ދިރިހުއްޓާ 100 މީހުން ސަލާމަތްކޮށްފަ އެވެ. ނަމަވެސް މީގެތެރެއިން ގިނަ މީހުން ވަނީ ވަރަށްބޮޑަށް ޒަޚަމްވެފަ އެވެ. މިދިޔަ މަހު ޕާކިސްތާނަށާއި އަފްޣާނިސްތާނަށް އައި ބިންހެލުމުގައި ޕާކިސްތާނުން އެކަނިވެސް 400 އަށްވުރެ ގިނަމީހުން މަރުވެ އެތައް އިމާރާތެއް ބިމާ ހަމަވެ އިތުރު އިމާރާތްތަކަކަށް ގެއްލުންތައް ލިބިފައިވެ އެވެ. (ބީބީސީ)