05 Nov 2015, 16:49
އިނގިރޭސި ކްލަބް ޗެލްސީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ އެޓޭކިން މިޑްފީލްޑަރު އެޑިން ހަޒާޑް ކުރިއަށް އޮތް ފިނި މޫސުމުގެ ޓްރާންސްފާ ޕީރިއަޑްގައި ސްޕެއިންގެ ރެއާލް މެޑްރިޑާ ގުޅޭނެ ކަމުގެ ވާހަކަތައް ފެތުރިފައިވާއިރު އޭނާ ދުކޮށްލަން ޗެލްސީން ބޮޑު އަގެއް ކިޔުމުން އެއަގުވީ ރެއާލްއަށް އުފުލަން އުނދަގޫ އަދަދަކަށެވެ.
އިނގިރޭސި މީޑިއާތަކުން ބުނީ ޗެލްސީއިން ހަޒާޑްގެ ޓްރާންސްފާ އަގު ބޮޑުކޮށް ކިޔަން ނިންމީ އެޓީމުން އޭނާ ދޫކޮށްލަން ބޭނުން ނުވާތީއެވެ.
މީގެ އިތުރުން ރެއާލް މެޑްރިޑަކީ އިންގިރޭސި ޕްރިމިއާ ލީގް ކުޅުންތެރިން ގެނައުމުގައި ޓްރާންސްފާ ރެކޯޑްތައް ހަދާފައިވާ ޓީމެއް ކަމަށްވުމުން ޗެލްސީއިން ވެސް ހަޒާޑް ދޫކޮށްލަން ބޭނުންވަނީ ދުނިޔޭގެ ޓްރާންސްފާއަގަށެވެ.
ރެއާލްއިން ވަނީ 2009 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުން 80 މިލިއަން ޕައުންޑަށް ކްރިސްޓިއާނޯ ރޮނާލްޑޯ އެޓީމަށް ގެންގޮސްފައެވެ. އަދި 2013 ވަނަ އަހަރު ވަނީ 86 މިލިއަން ޕައުންޑަށް ޓޮޓެންހަމްހޮސްޕާގެ ގެރެތު ބޭލް ރެއާލްއަށް ގެންގޮސްފައެވެ.
އެހެންވެ ޗެލްސީވެސް ބޭނުންވަނީ އެޓީމާ ވާދަވެރި ދެޓީމާއެކު ރެއަލްއިން ދުނިޔޭގެ ރެކޯޑް ޓްރާންސްފާ މުއާމަލާތްތައް ކޮށްފައިވުމުން ހަޒާޑްގެ އަގުވެސް ޓްރާންސްފާގެ ރެކޯޑް އަގެއްގެ ގޮތުގައި ހިމެނުމަށެވެ.
ރެއާލް މެޑްރިޑްގެ އެޖެންޑާގައި ހަޒާޑް ގެނައުމުގެ ވާހަކަތައް ހުށަހެޅިފައި ވީނަމަވެސް، މިހާތަނަށް މިސީޒަންގައި ހަޒާޑްގެ ފަރާތުން ތާފާތު ކުޅުމެއް ފެނިފައި ނުވާތީ ރެއާލްގެ ވިސްނުން ބަދަލުވެފައިވާ ކަމަށް ޑެއިލީ މެއިލްއިން ބުނެއެވެ.
މިދިޔަ ސީޒަންގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދާފައިވާ ހަޒާޑަށް އަދި މީހާތަނަށް މިސީޒަންގައި ލަނޑެއްވެސް ކާމިޔަބު ކުރެވިފައެއް ނުވެއެވެ.
ފްރާންސްގެ ލިލްއިން 2012 ވަނަ އަހަރު ހޫނު މޫސުމުގެ ޓްރާންސްފާ ޕީރިއަޑްގައި 32 މިލިއަން ޕައުންޑަށް ޗެލްސީއާ ގުޅުނު ހަޒާޑް ގެންދަން ރެއާލްއިން ހުށަހަޅާނެކަމަށް އަންދާޒާ ކުރެވިފައިވަނީ 86 މިލިއަން ޕައުންޑްކަމަށް ޓްރާންސްފާގެ ޚަބަރުތައް ގެނެސްދޭ ބްލީޗާ ރިޕޯޓުން ބުނެއެވެ.
މިއީ ގެރެތުބޭލް ގެންދަން ރެއާލްއިން ޓޮޓެންހަމްއަށް ހުށަހެޅި އަގެވެ. ނަމަވެސް މިއަގުވެސް ޗެލްސީން ގަބޫލު ކުރާކަން ބޭބުމެއްނުވެއެވެ.
ޑެއިލީ މެއިލްގައި ބުނެފައިވަނީ ހަޒާޑް ދޫކޮށްލަން ޗެލްސީއިން ކިޔާނީ 'މެގަ އަގެއް' ކަމަށެވެ. މިއީ ޗެލްސީގެ ވެރިޔާ ރަޝިޔާގެ ބިލިއަނަރު ރޯމަން އަބްރަހޮމޮވިޗް ބޭނުންވާ ގޮތެވެ.