މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރްސީ) ގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކުރުމަށް ނެރުނު އަމުރަށް ހައިކޯޓުން މިއަދު ތާއީދުކޮށްފި އެވެ.

ޒިޔާތުގެ ބަންދުގެ މުއްދަތު އިތުރުކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ 1:30 އިން ފެށިގެން މިމަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

އެ މައްސަލައިގެ މުއްދަތު މަޖިލީސް ދޫނިދޫގައި ގާއިމްކުރެވިފައިވާ އޯޑިއޯ ވީޑިއޯ ލިންކް މެދުވެރިކޮށް ހިންގިކަމުގައި ވިޔަސް، ގާނޫނުއަސާސީއާއި ގާނޫނާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ހައްގުތަކާއި ފުރުސަތުތައް ލިބިދިނުމަށް އެއްވެސް ހުރަހެއްނެތް ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައިވެއެވެ.

ހައިކޯޓުގެ އަމުރުގައިވާގޮތުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ ރިޝްވަތުދިނުމާއި، ވަކި މަސްލަހަތަކަށް ބުރަވެ އަމަލުނުކުރުމުގެ ވާޖިބާ ޚިލާފްވުމުގެ މައްސަލާގައި ހެކިބަސް ދޭން ތިބި ބަޔަކަށް ނުފޫޒު ފޯރުވާނެތީ އެވެ.