ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރު ދިރިއުޅުއްވި އެޕާޓްމަންޓުގައި އެމަނިކުފާނު ފިސްތޯލަ ގެންގުޅުނު މައްސަލައެއް ތަހުގީގު ކުރަން ފަށައިފި އެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ ނާއިބު ރައީސް ދިރިއުޅުއްވި އެޕާޓްމަންޓުގައި އަދީބު ފިސްތޯލަ ގެންގުޅުނު ކަމަށް ބައެއް ފަރާތްތަކުން ފުލުހުންގެ ތަހުގީގަށް ބަޔާންދީފައިވާ ކަމަށެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އަދީބު އޭނާ ދިރިއުޅުއްވި އެޕާޓްމަންޓުގައި ފިސްތޯލަ ގެންގުޅެފައި ވަނީ ތަންކޮޅެއް ކުރިން ކަމަށެވެ. އަދި އެ މައުލޫމާތު ލިބުނު ފަރާތްތަކުން ފުލުހުންނަށް އެކަން ކުރިން ރިޕޯޓުކޮށްފައި ނުވަނީ އޭރުގެ ހާލަތު އޮތްގޮތުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން އަދީބުގެ ބަޔާން ވަނީ ތަހުގީގަށް ނަގާފައި ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ދުވަސްތެރޭގައި އެ މައްސަލަ ޕީޖީއަށް ފޮނުވޭވަރުވާނެ ކަމަށް ވެސް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.