ރާއްޖޭގައި ބާއްވާ އެއްވެސް ކުޅިވަރު މުބާރާތެއް މެދު ކަނޑާލުމަށް ޔޫތު މިނިސްޓްރީން ނާންގާ ކަމަށާއި އުރީދޫ ދިވެހި ޕްރިމިއާ ލީގްވެސް އަދި ރާއްޖޭގައި ބާއްވާ އެހެނިހެން މުބާރާތްތައް ވެސް ހުއްޓާ ނުލައި ކުރިއަށް ގެންދިއުމަށް ޔޫތު މިނިސްޓްރީން އަންގައިފި އެވެ.

ޔޫތު މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އިއްޔެ އިން ފެށިގެން ކުރިއަށް އޮތް 30 ދުވަހަށް ރާއްޖޭގައި ކުއްލި ހާލަތު އިއުލާން ކޮށްފައި ވީނަމަވެސް "ދާއިމީ ގޮތެއްގައި" އެއްވެސް ކުޅިވަރު މުބާރާތެއް މެދު ކަނޑާލުމަށް އަންގާފައި ނުވާނެ ކަމަށެވެ.

"ބައެއް މީޑިއާތަކުގައި އަތޮޅު ތެރޭގައި ހިންގާ ބައެއް މުބާރާތްތައް މެދުކަނޑާލުމަށް މިނިސްޓްރީން އެންގި ކަމަށް ބުނެ ފަތުރާފައިވާ ޚަބަރަކީ ދޮގު ވާހަކަ ތަކެއް،" ޔޫތު މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޔޫތު މިނިސްޓްރީ އިން އެހެން ބުނި ނަމަވެސް އެފްއޭއެމް އިން އިއްޔެ ބުނެފައި ވަނީ "ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހަލަތު އިއުލާންކޮށްފައި ވާތީވެ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ވަނީ އެކަމާ ގުޅިގެން އުރީދޫ ދިވެހި ޕްރިމިއާ ލީގް މެޗްތައް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ވަކި ގޮތެއް އަންގަންދެން މަޑު ޖައްސާ ލުމަށް އަންގާފައި" ވާ ކަމަށެވެ.

އެކަމާ ގުޅިގެން އެފްއޭއެމް އިން ވަނީ ލީގުގެ އިއްޔެ ކުޅެން އޮތް ދެ މެޗް ކެންސަލްކޮށްފަ އެވެ.