02 Apr 2011, 17:21
ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލުކަމަށްވާ އައިޖީއެމްއެޗުން މިދިޔަ މާޗް މަހުގެ 3 ވަނަ ދުވަހު، މައިމީހާގެ ފުރާނަ ސަލާމަތްކުރުމަށް ކަމަށް ބުނެ މައިމީހާގެ ބަނޑުތެރޭ ތާށިވެފައި އޮތް ކުޑަދަރިފުޅުގެ ކަރު ބުރިކޮށްލައިގެން ބޮލާއި ހަށިގަނޑު ވަކިން ކުޑަ ކުއްޖަކު ނެގި މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެވެ. އަންހެންމީހާގެ އާއިލާގެ ފަރާތުންނާއި އާންމު ރައްޔިތުން އެކަމަށް ފާޑުކިޔަން ފެށުމާ ގުޅިގެން އައިޖީއެމްއެޗާއި ފުލުހުންގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ވަނީ އެ މައްސަލަ ތަހުގީގުކުރަން ފަށައިފަ އެވެ.
ނަމަވެސް، އެ ހާދިސާ އަށް މާދަމާ އެއް މަސް ދުވަސް ވާއިރު، އަދިވެސް އެއްވެސް ފަރާތަކުން އެކަން ހިނގައިދިޔަގޮތުގެ ތަފްސީލު ނުވަތަ ތަހުގީގުތަކުން ހާމަވި ކަންކަމެއް އާއްމުކޮށްފައެއްނުވެ އެވެ. މީޑިއާގައި ވެސް ރިޕޯޓުކުރީ، ކުއްޖާގެ ކަރުބުރިކޮށްލަން ޖެހޭ ހާލަތަށް ދިޔައީ ހޮސްޕިޓަލުގެ ބޮޑެތި އިހުމާލުވުންތަކެއްގެ ސަބަބުން ކަމަށް ބުނެ އެ ކުއްޖާގެ ބައްޕަ އާއި އާއިލާގެ ފަރާތުން ދައްކައިފައިވާ ވާހަކަތެކެވެ.
މާލެ ހެލްތު ކޯޕަރޭޝަނުން ހިންގާ އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބު ބުރާސްފަތި ދުވަހު ވިދާޅުވީ، ކުއްޖާގެ ކަރުބުރިކޮށްލި މައްސަލައާ ގުޅޭ ގޮތުން ޑޮކްޓަރުންނާ ސުވާލުކޮށް، ތަހުގީގުކުރުމަށް ފަހު އެކުލަވާލި ރިޕޯޓު މިހާރު ނިމިފައިވާ ކަމަށެވެ. ނަމަވެސް، މިހާތަނަށް އެ ރިޕޯޓު އާއްމުކޮށްފައިނުވަނީ، އެ ރިޕޯޓު ފާސްކުރުމުގެ ކުރިން ހޯދަން ޖެހޭ ޤަނޫނީ ލަފާގެ މަސައްކަތް ނުނިމިގެން ކަމަށެވެ.
"ހެލްތު ކޯޕަރޭޝަންގެ ބޯޑުން ރިޕޯޓު ބެލުމަށް ފަހު މީގެ ދެ ހަފްތާއެއްހާ ދުވަސްކުރިން ހޮސްޕިޓަލުގެ ލޯފާމަށް ފޮނުވައިފައި މިހާރު އޮތީ ދިރާސާކުރުމަށް." ޒީނަތު ވިދާޅުވި އެވެ. ނަމަވެސް އެ ރިޕޯޓު އާއްމުކުރެވޭނެ އިރެއް އަދި ވިދާޅުވާން ނޭނގޭ ކަމަށް ވެސް ޒީނާތު ވިދާޅުވި އެވެ.
އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނަނީ، އެ މައްސަލައިގައި ސުވާލުކުރަން ޖެހޭ ފަރާތްތަކާ ސުވާލުކޮށް، އެ މައްސަލަ އަދިވެސް އަންނަނީ ބަލަމުން ކަމަށެވެ.
"ތަހުގީގު ކުރިއަށް ދަނީ. އެކަމަކު އަދި ނިމޭނެ ވަކި ދުވަހެއް ނޭނގެ،" އެޗްއާރްސީއެމްގެ މީޑިއާ ކޯޑިނޭޓާ އަހުމަދު ރިލްވާން ވިދާޅުވި އެވެ.
ދަރިފުޅު ބޮޑުކަމުން ނުވިއްސިގެން، އެންމެފަހުން މައިމީހާގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ދިޔުމުން ކަރުބުރިކޮށްގެން ނެގީ ތ. ކިނބިދުއަށް ނިސްބަތްވާ އަހްމަދު ނަޒީފު 24 އަށާއި ދ. ބަނޑިދުއަށް ނިސްބަތްވާ ޝަރީފާ ޚާނީއަށް ލިބުނު އަލަތު ދަރިފުޅެވެ. ވިހޭއިރު އެކުއްޖާގެ ބަރުދަނުގައި ހަތަރު ކިލޯ ހުއްޓެވެ.
ނަޒީފު ތުހުމަތުކުރާ ގޮތުން، މައިމީހާގެ ފުރާނައަށް ނުރައްކާވާ ހިސާބަށްގޮސް، އެންމެފަހުން ކުއްޖާގެ ކަރުބުރިކޮށްގެން ނަގަން ޖެހުނީ ހޮސްޕިޓަލުގެ ބޮޑު އިހުމާލުވުންތަކެއްގެ ސަބަބުންނެވެ. އަންހެންމީހާ މާޗް 3 ވަނަ ދުވަހު ވިއްސަން ވެއްދީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮންނަތާ ދެ ހަފްތާއެއްހާ ދުވަސްފަހުން ކަމަށާއި އެ މުއްދަތުގެ ތެރޭ ސިޒޭރިއަނެއް ހަދައިގެން ދަރިފުޅު ނެގުމަށް ހޮސްޕިޓަލުން އެއްވެސް ވަރަކަށް ލަފާ ދީފައިނުވާ ކަމަށް ނަޒީފު ބުނެ އެވެ.
އޭނާ ބުނީ، އަންހެނުން ވިއްސުމުގައި އިސްކޮށް ހަރަކާތްތެރިވީ ޑރ. ތަސްނީމް ފާރޫގު ކަމަށާއި އެ ޑޮކްޓަރާ ދެއްކި ވާހަކަތަކުންނާއި އަދި ވިއްސާ ކޮޓަރިތެރޭ ހިނގި ކަންތައްތަކުގައި ވެސް ސުވާލު އުފެދޭ އެތައް ކަމެއް ހިނގައިފައިވާ ކަމަށެވެ.
"ތަސްނީމް ފާރޫގާ ވާހަކަ ދެއްކިއިރު، ފެންދުލި ފާޅައިގެން ގޮއްސަ ހުރިކަން އެނގޭހޭ އެހުމުން ބުނީ ނޭނގޭއޭ ތިކަމެއް! ތި މައުލޫމާތެއް ނުލިބެއޭ.. ދެން އަޅުގަނޑު ބުނިން ތިހާ ދޯދިޔާކޮށް ހަވާލުވާން ޖެހޭ ތަނެއްހޭ މިއީ. ބުނީމަ )ތަސްނީމް( ވިދާޅުވީ ތިކަން ތިމަންނަ ޖެހޭނީ ސާފުކުރާށޭ،" ނަޒީފް ސަން އަށް ކިޔައިދީފައި ވެއެވެ. މީގެ އިތުރުން ތަސްނީމަށް މައިމީހާގެ ބަނޑުގައި އޮތް ދަރިފުޅު ބޮޑުކަން ނޭގޭ ކަން ވެސް އޭނާގެ ވާހަކައިން ވަރަށް ސާފުކޮށް އެނގޭ ކަމަށް ނަޒީފް ބުނެ އެވެ.
"ޑޮކްޓަރު ގާތު ވަރަށް ގިނަ ސުވާލު އެހިން، ބޭބީ މިހާ ބޮޑުކަން އެނގޭހޭ. އެކަމަކު ތަސްނީމް ވިދާޅުވީ ނޭނގެއޭ. ތިމަންނައަށް ލިބިފައި އޮތީ މީގެ ދެ ހަފްތާ ކުރީގެ ސްކޭންއެކޭ. އޭގެން ދައްކާ ގޮތުން ދެކިލޯއޭ ކުއްޖާ ގައިގަ ހުރީ،"
ފަހަކަށް އައިސް މުޅި ގައުމު ސިއްސުވާލި އެ ބޮޑު ހާދިސާއަށް މާދަމާ އެއް މަސްފުރޭއިރު މިހާތަނަށް ހޮސްޕިޓަލާއި އަދި ކަމާ ބެހޭ އެއްވެސް މުއައްސަސާއަކުން މައްސަލަ ތަހުގީގުކުރުމަށް ފަހު އެއްވެސް އެއްޗެއް ބުނެފައިނުވާތީ، އެ ހާދިސާއާ ގުޅޭ އެތައް ސުވާލުތަކަކެއް ހުރީ ޖަވާބުނުލިބި ރޮލަށެވެ. އިންޑިއާއަށް ފަރުވާއަށް މިހާރު ގޮސް ތިބި ނަފީޒުގެ ދެމަފަރިރިންނާއި އަދި ގިނަ ރައްޔިތުންތަކެއް ވެސް ތިބީ އެ ސުވާލުތަކަށް ޖަވާބު ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ކެތްމަދުވެފަ އެވެ.